ރާއްޖޭގެ މިސްކިތްތަކުގައި ދިވެހިރައްޔިތުންނަށް އަޅުކަންކުރަން ހުރަސްއެޅުމުންވެސް އެކަން އެއީ އެންމެ އާދައިގެ ކަމަކަށް ހަދައި ޑީޕޯޓްކޮށްލަން ނިންމުމުން ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފައުޅުކުރައްވަން ފަށްޓަވައިފިއެވެ.
ހުޅުމާލޭ ޢަޒީޒާ މިސްކިތުގައި ނަމާދަށް ހުރި ޢުމުރުން ދުވަސްވީ ދިވެހިރައްޔިތަކު ގަދަކަމުން މިސްކިތުން ބޭލި އިންޑިއާ މީހާއަށް އެއްވެސް އަދަބެއް ނުދީ ޑީޕޯޓްކުރަން ނިންމުމުން ޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވީ:
"ޢުމުރުން ދުވަސްވީ މީހަކު މިސްކިތުގައި ހުއްޓާ ހަމަލާ ދިން އިންޑިޔާ މީހާއަށް ޕީޖީން ދަޢުވާނުކުރަން ނިންމައި އޭނާ ޑީޕޯޓުކޮށްލި ކޮށްލުމަކީ އިންތިހާއަށް ހިތާމަ ކުރާ ކަމެކެވެ. މިއީ ތޯ އިންޞާފަކީ؟ މި ޤައުމުގައި އަމަންއަމާންކަމާއެކު އުޅުމަށް ދަތިވެދާނެ ނޫންތޯ މިގޮތަށް މިކަން ދާނަމަ..."
ރާއްޖޭގެ މިސްކިތްތަކަށް އަރައި މިފަދަ ނުބައި އަމަލުތައް ހިންގުމުން އެކަމަކީ އެއްވެސް އަދަބެއް ނުދޭ ކުށަކަށް ސަރުކާރުން ހަދާފައި އޮންނަ އޮތުމަކީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވާކަމެކެވެ. މީގެކުރިންވެސް މިސްކިތްތަކުގައާއި މަގުމަތީގައި އިސްލާމް ދީނާއިދެކޮޅަށް ކަންކަން ކުރި އިންޑިއާގެ އެއްވެސް މީހަކާއިމެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރެވެއެވެ.