ޙަޖަމްނުވި ޒުވާނުން ނަމާދުކުރާ ފޮޓޯ! ދަތުރު ދިއަ ޒުވާނުންނާ ކުރި ސުވާލާ އަމަލުކުރިގޮތާ ދެއްކި ސަބަބާމެދު ބޮޑެތި ކަންބޮޑުވުންތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ޙަޖަމްނުވި ޒުވާނުން ނަމާދުކުރާ ފޮޓޯ! ދަތުރު ދިއަ ޒުވާނުންނާ ކުރި ސުވާލާ އަމަލުކުރިގޮތާ ދެއްކި ސަބަބާމެދު ބޮޑެތި ކަންބޮޑުވުންތަކެއް!

އަޅުގަނޑުމެން މިދިއަ ބުރާސްފަތިދުވަހު އަންބަރާއަށް ދަތުރު ދިއައީމެވެ. ގޮސް ތިއްބާ އެރޭ މެންދަމު 3 ޖަހަން ކައިރިވެފައިވަނިކޮށް ފުލުހުންގެ ބޮޑު ފައުޖެއް ޝީލްޑާއި އެނޫންވެސް ފުލުހުން ގެންގުޅޭކަރަންޓު ޖައްސާ ބަޑިއާއި ހަތިޔާރުތައް ހިފައިގެން އެރަށަށް އެރިއެވެ. 2 ޒުވާނަކު ކްލިޕް ބިޑިވެސް އެޅުވިއެވެ. ބިޑި އެޅުވީ ކީއްވެގެން ކަމެއް ނުއެނގެއެވެ. 

އަރައި ބިންމަތީގައި އެންމެން އިސް ތިރިކުރުވައި ބިންމަތީގައި ބައިތިއްބުވިއެވެ. ދެން ގެންގުޅޭ ތަކެތި ޗެކް ކުރިއެވެ. އެއިރު ބުނީ އެގޮތަށް ކަންތައް ކުރަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން ކަމަށެވެ.

ޗެކްކޮށް ނިމުމުން އެއްވެސް މަސްތުވާއެއްޗެއް ނުފެނުމުން ބުނީ އެޗްޕީއޭގެ ޤަވާއިދާއި ޚިލާފްވެފައިވާ ކަމަށާއި ޖެހޭނީ ރަށުން ފައިބަން ކަމަށެވެ. އެއިރު ގަޑިން ހުކުރު ދުވަހު ހެނދުނުވެ ވަރަށް ބޮޑަށް ބަނޑުހައިވެފައި ތިބުމުން ހެނދުނުގެ ސައިބޯލާނެ ފުރުޞަތަކަށް އެދުމުން އެފުރުޞަތުވެސް ނުދީ އެންމެން ދޯންޏަށް (ދަތުރުދިއަ އެއް ދޯނި) އަރުވާފައި ފުރުވާލީއެވެ. 

ފުރިފަހުން ފުރަން ނުބުނާކަމަށްބުނެ ގާތްކުރުވާފައި ދޯނިން ބައަކު ބާލައި ދޯނީގެ ކެޕޭސިޓީއަށް މީހުން ހަމަކޮށްފައި ފުރުވައިލީއެވެ. ދެން ތިބި މީހުން މާލެއިން އުޅަނދުފަހަރު ގެންގޮސްގެން ފުރަންދެން ފުލުހުން ރަށުގައި ތިއްބެވެ. 

އަޅުގަނޑުމެން ގާތު ކޯޓު އަމުރެއް އެބަ އޮތް ކަމަށްވެސް ބުންޏެވެ. ނަމަވެސް ކޯޓުއަމުރު ނުދައްކައެވެ. އަޅުގަނޑުމެންގެ ސުވާލަކީ 

1- އެޗްޕީއޭގެ ޤަވާއިދާއި ޚިލާފުވުމުން އެކަން ބަލަން ފުލުހުން ދަނީ ޝީލްޑާއި ހަތިޔާރު ހިފައިގެންތޯއެވެ؟

2- ޢަމަލުކުރަނީ އެހައި ހަރުކަށިކޮށް މީހުން ބިންމަތީގައި އެހާލުގައި ބައތިއްބައިގެންތޯއެވެ؟ 

3- ކުށެއްނެތް ބައަކު ރަނގަޅަށް ކައިބޮއި ހެދުމުގެ ފުރުޞަތުވެސް އޮންނަނީ ނުދޭގޮތަށްތޯއެވެ؟ 

އަޅުގަނޑުމެންނަށް ވިސްނުނު ގޮތުގައި މައްސަލައަކީ ދަތުރުމަތީގައި ޢަޞްރުނަމާދުކުރާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހާމަކުރުމުން ކޮންމެވެސް ބޮޑެތި ބައަކަށް އެކަން ޙަޖަމް ނުކުރެވުނީއެވެ. އެކަމަށް ދީނީ ބައެއް ޢިލްމުވެރިން ތަޢްރީފްކުރެއްވުމުން އެބޭފުޅަކު މާބޮޑަށް ހިތްޕުޅު ނުތަވަސްވީއެވެ. ވިންދު އަވަސްވީއެވެ. 

ދެން އޮތީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް ޒުވާނުންގެ އިމޭޖަށް ބަލަންވާނެކަމަށް ބުނެ ދެއްކެވިވާހަކައާއި ހަރުކަށި ފިކުރުގެ ވާހަކައެވެ. އެފަދަ ކަމަކާއި ބެހޭ އެއްވެސް ސުވާލެއްވެސް ނުކުރެއެވެ. އަދި ދަތުރު މަތީގައިވެސް ނަމާދުކުރަން ޖެހޭނެކަން ޤަބޫލުކޮށް ނަމާދުކުރުން ނޫން އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރަމެވެ. 

- ދަތުރުގެ ބައެއް ބައިވެރިން 

މިދަތުރުގައި ފުލުހުން ބެލި ކަންކަމާއި ފެނުނު ކަންކަން އޮޅުން ފިލުވަން މިއަދުނޫހުން ބުދަ ދުވަހު ފުލުހުންނަށް ފޮނުވި އެއްވެސް ސުވާލަކަށް މިވަގުތާއި ހަމައަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ!

މިއަދު އޮންލައިން