ޕާޓީއަށް ބޭނުންވާ ދުވަހު އަބަދުވެސް ހުންނާނަން، ޕީއެންސީގެ ފިކުރު ދޫކޮށްފައިނުދާނަން: ޒަމީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޕާޓީއަށް ބޭނުންވާ ދުވަހު އަބަދުވެސް ހުންނާނަން، ޕީއެންސީގެ ފިކުރު ދޫކޮށްފައިނުދާނަން: ޒަމީރު

ޕާޓީއަށް ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށާއި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފިކުރު ދޫކޮށްލައްވާފައި ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މިހެން ވިދާޅުވީ، ފިނޭންސް މިނިސްޓަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، މި ހަފްތާގައި ޕީއެންސީ ހަރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. މި ސަރުކާރުގެ ކެބިނެޓްގައި އެންމެ މުހިންމު އެއް ވަޒީރުގެ ގޮތުގައި ފާހަގަކުރެވުނު ޒަމީރު މަގާމުން އިސްތިއުފާ ދެއްވީ މި ހިނގާ ހަފްތާގެ ހޯމަ ދުވަހުއެވެ.

އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، މިވަގުތު އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން މަގާމުގެ ބުރަ މަސްއޫލިއްޔަތު އެންމެ ފުރިހަމައަށް އަދާކުރެވެން ނެތް ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި މަގާމުގައި ދެމިހުރުމަކީ ޕާޓީއަށާއި ގައުމަށް ކޮށްދެވޭނެ ރަނގަޅު ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޕީއެންސީގެ ތެރޭގައި އެ މަގާމު ފުރުއްވޭނެ ގާބިލު ބޭފުޅުން ތިއްބެވިކަން ޒަމީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގްތިޞާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތްތަކާއި، އެކަމުން ލިބުނު ކާމިޔާބީތަކުގެ މައްޗަށްވެސް ޒަމީރު އަލިއަޅުވާލެއްވިއެވެ.

"ކެބިނެޓްގައި ނެތުމަކީ ސީނުން ގެއްލުމެއް ނޫން. އަޅުގަނޑެއް ސީނަކުން ނުގެއްލޭނެ. އަބަދުވެސް ހުންނާނީ ރައީސް މުއިއްޒުއާ އެކު ގަދަކޮށް،" ޒަމީރު ވިދާޅުވިއެވެ.

ޒަމީރުގެ އިސްތިއުފާއާ ގުޅިގެން ތަފާތު ގޮތްގޮތަށް ވާހަކަދެކެވެމުންދާ މި ދަނޑިވަޅުގައި، އޭނާ ވަނީ ރައީސް މުއިއްޒުގެ ސަރުކާރާއި ޕީއެންސީގެ ފިކުރަށް އޮތް ތާއީދު އެގޮތުގައި ދެމިއޮންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

މިއަދު އޮންލައިން