ޖަޕާނާއި ރާއްޖޭގެ ދިފާޢީ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޖަޕާނާއި ރާއްޖޭގެ ދިފާޢީ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ފަށައިފި

ޖަޕާނާއި ރާއްޖޭގެ ދިފާޢީ ގުޅުން އެހެން ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ޖަޕާނުގެ ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މަސަހިސާ މިޔަޒާކީ ވިދާޅުވެއްޖެއެވެ. ޖަޕާނުގެ ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަޙްމަދު މަހުލޫފް، އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޚްތިރާމުގެ ޒިޔާރަތާ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ދިފާޢީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ. ޚާއްޞަކޮށް ދެ ޤައުމަށްވެސް ފައިދާކުރަނިވި ގޮތެއްގައި ދިފާޢީ ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއްކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ބައްދަލުވުމަށްފަހު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސްޓޭޓް މިނިސްޓަރ މިޔަޒާކީ ވިދާޅުވީ، "ދިމާވާ ހާލަތްތަކުގައި ޖަޕާނުގެ އަސްކަރިއްޔާގެ މަތިންދާބޯޓުތައް ތައްޔާރީ ހާލަތުގައި ބޭއްވުމަށް ދިވެހިރާއްޖެއިން ދީފައިވާ އެއްބާރުލުން ފާހަގަކުރަން" ކަމަށެވެ. އަދި މިއީ ދިފާޢީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އާ ފެށުމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަފީރު އަޙްމަދު މަހްލޫފް ވިދާޅުވީ، މި ބައްދަލުވުމަކީ ނަތީޖާނެރެވޭ ފަދަ މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއް ކަމަށެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވޭ ޚިޔާލުތަކާއި، ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

ޖަޕާނަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި، ކުއްލި ޙާލަތްތަކަށް ތައްޔާރުވުމުގެ އިތުރުން ކާރިސާތައް މެނޭޖުކުރުމުގެ ދާއިރާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދޭ މުހިންމު ބައިވެރިއެއްކަން ސަފީރު ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭއިރު، ދެފަރާތުގެ މެދުގައި އޮތް އިތުބާރާއި އެކުވެރިކަން އިތުރަށް ވަރުގަދަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މަހްލޫފް ވިދާޅުވިއެވެ.

މިއަދު އޮންލައިން