އައްޑޫ ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. ހިތަދޫ ލާމިޔާގެ ބަންދުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް އެ ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރުގެ ދަށުން އެ ގެ ބަންދުކުރުމަށް ނިންމާފައިވަނީ 2026 ޖޫން 08 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ. މި ފިޔަވަޅަކީ އެ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި ބޭނުންކުރުން ހުއްޓުވުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން، ބަންދުކޮށްފައިވާ މުއްދަތުގައި އެ ތަނަށް ހުއްދައާ ނުލައި ވަދެނުކުމެ ހެދުމަކީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. މިފަދަ އަމުރުތަކުގެ ސަބަބުން މުޖުތަމައުގެ އަމާންކަން ގާއިމުކުރުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.