ޢުމަރުގެފާނު ގެނުމުން ޝައިޠޯނާ އަވަސްއަވަހަށް ގޯޅިއަޅައިގެން ދުވަފިލާކަން އެނގެން އެބައޮތެވެ. އަހުރެމެންނަށް ޢުމަރުގެފާނަކަށް ނުވެވިދާނެއެވެ. އެހެނަސް އެއްވެސް ޝައިޠޯނަކަށް ވަސްވާސްދޭންވެސް އެމީހަކާއި ކައިރިވެސް ނުވެވޭނެ މީހަކަށްވުމުގެ ފުރުޞަތު ކޮންމެ މުސްލިމަކަށްވެސް އެބައޮތެވެ.
ބައެއް ސަލަފުއް ޞާލިޙުން ވިދާޅުވެފައިވެއެވެ:
"ﷲ ތަޢާލާގެ ޛިކުރު އަޅާގެ ހިތުގައި ތަމްކީނުވެއްޖެނަމަ (އެބަހީ ތާއަބަދު ޛިކުރުކުރުން މަތީ އަޅާ ދެމިހުރެއްޖެނަމަ) ޝައިތާނަކު އެމީހަކާއި ކައިރިވާ ހިނދު އިންސާނުން ޖިންނި މޮޔަވާ ފަދައިން އެ ޝައިތާނަކު މޮޔަވާނެއެވެ.
އެހިނދު ޝައިތާނުންތައް ޖަމާވެ ސުވާލުކުރާނެއެވެ. މީނާއަށް މިވީ ކިހިނަކުން ހެއްޔެވެ؟ ޖަވާބުގައި ބުނެވޭނެއެވެ. މިޝައިތާނާ މިވަނީ އިންސި އަވަލާފައެވެ (ނުވަތަ އިންސި މޮޔަވެފައެވެ).
މަޞްދަރު:مدارج السالكين- ابن القيم
ތާއަބަދު ޛިކުރުކުރުން މިއީ ކުރަން ބުރަކަމެއްކަމަށް ނުދެކޭށެވެ! އެއިގެ މާނައަކީ އެއްވެސް މަސައްކަތެއް ނުކޮށް އަބަދު ޛިކުރުކުރުންމަތީގައި ހުރުމެއް ނޫނެވެ. 2 އިރުގެ ޛިކުރުތައް ޤަވާއިދުން ކިޔަވަމުން، މަސައްކަތްވެސް ކުރަމުން ލިބޭ ހުސްވަޤުތުތަކުގައި ވީހާ ގިނައިން ޛިކުރުކުރުމެވެ. އަދި މަސައްކަތުގައި އުޅޭއިރުވެސް ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ގިނަކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން