މަލާއިކަތުން ކައިރިވެވަޑައިނުގަންނަވާނެގޮތަށް ހުރެގެން ނަމާދު ނުކުރަންވީ އެންމެ ބޮޑު ސަބަބު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 11ސ
މަލާއިކަތުން ކައިރިވެވަޑައިނުގަންނަވާނެގޮތަށް ހުރެގެން ނަމާދު ނުކުރަންވީ އެންމެ ބޮޑު ސަބަބު-

މިސްކިތުގައި ހުއްޓަސް އަދި އެހެންތަނެއްގައި ހުއްޓަސް ރަޙްމަތުގެ މަލާއިކަތުން އެމީހަކާއި ކައިރިވެވަޑައިނުގަންނަވާނަމަ ކައިރީގައި ތިބޭނީ ޝައިޠޯނުންނެވެ. ވީމާ ތިމާގެ ގާތުގައި ޝައިޠޯނުން ތިބެގެން ނަމާދުކުރާނަމަ ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުންވާނީ ނުކުރެވޭނެ ކަމަކަށެވެ. މިއީ ހާދަ ބޮޑު ބިރެކެވެ.  

މާތް ﷲ އަހުރެމެން ކޮންމެ މީހަކާއިއެކުގައިވެސް ރަހްމަތުގެ މަލާއިކަތުން ވަނީ ލައްވަވައިފައެވެ. އެބޭކަލުން ހިނދުކޮޅަކަށްވެސް އަހުރެމެންނާއި ދުރަށް ޖެހިވަޑައިގެންފާނެ އެއްވެސް ކަމެއް ކޮށްގެންނުވާނެއެވެ. ޝައިޠޯނާގެ ކިބައިން އަހުރެމެންނަށް ރައްކައުތެރިކަން ލިބެން އޮތީވެސް އެބޭކަލުންގެ ސަބަބުންނެވެ.  

ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. 

( يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ ) الأعراف 31

މާނައީ: ” އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!" 

ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. 

( مَنْ أَكَلَ ثَوْمًا أَوْ بَصَلًا فَليَعْتَزِلنَا أَوْ قَالَ: فَلْيَعْتَزِلْ مَسْجِدَنَا وَليَقْعُد فِيْ بَيْتِه ) رواه البخاري

މާނައީ: ” ލޮނުމެދާއި ފިޔާ ކައިފިމީހާ އަހަރެމެންނާއި ދުރުހެލިވާށެވެ. ނުވަތަ ވިދާޅުވިއެވެ: އަހަރެމެންގެ މިސްކިތާއި ދުރުހެލިވާށެވެ އަދި އޭނާގެ ގޭގައި ހުންނާށެވެ. "  

މުސްލިމްގެ ރިވާޔަތެއްގައި ވެއެވެ. 

(مَنْ أَكَلَ البَصَلَ وَ الثَّوْمَ وَ الكراث فَلَا يَقْرَبَنَّ مَسْجِدَنَا فَإنْ المَلَائِكَةَ تَتَأَذَّى مِمَّا يَتَأَذَّى مِنْهُ بَنُو آدَمِ) رواه مسلم

މާނައީ: ” ފިޔަޔާއި ލޮނުމެދާއި ލީކުސް (ފިޔާގެ ވަސް ހުންނަ ތަރުކާރީއެއް) ކައިފިމީހާ އަހަރެމެންގެ މިސްކިތާއި ގާތްނުވާށެވެ. ހަމަކަށަވަރުން އާދަމުގެ ދަރިންނަށް އުދަގޫވާ ކަންތަކުން މަލާއިކަތުންނަށްވެސް އުނދަގޫވެއެވެ. “ 

އަދި ހުކުރު ދުވަހެއްގައި ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު މީސްތަކުނާއި މުޚާޠަބު ކުރައްވައި ދެއްވި ޚުތުބާއެއްގައި ވިދާޅުވިއެވެ. 

(ثم إنكم أيها الناس تأكلون شجرتين لا أراهما إلا الخبيثين: هذا البصل و الثوم لقد رأيت رسول الله –  صلى الله عليه و سلم – إذا وجد ريحهما من الرجل في المسجد أمر به فأخرج إلى البقيع فمن أكلها فاليمتها طبخا)  

މާނައ: ” އަދި ހަމަކަށަވަރުން ދެ ގަހަކުން ކާ މީސްތަކުންނެވެ. ތިމަން ކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި އެދެ އެއްޗަކީ ނަޖިސްތަކެތި ކަމުގައި މެނުވީ ނުވެއެވެ. އެއީ ފިޔަޔާއި ލޮނުމެދެވެ. ހަމަކަށަވަރުން މީހެއްގެ ގައިން އޭގެވަސް ދުވައިފިކަމުގައި ވަނީނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެމީހަކާއި މެދު ފިޔަވަޅު އަޅުއްވައި އެމީހަކު މިސްކިތުން ބަޤީޢުއަށް (މަދީނާގެ ޤަބުރުސްތާން) ނެރެލައްވަވާތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އަދި އެ (ފިޔަޔާއި ލޮނުމެދު) ކާން ބޭނުން މީހަކުނަމަ އެ ކައްކައިގެން ކާށެވެ. “ 

އަދި މި ބާބުގެ ތެރޭގައި އަވަދިނެތި މަސައްކަތް ކުރަންއުޅެފައި އައިސް މިސްކިތަށް އަރާ މީހުންވެސް ހިމެނެއެވެ. އެބައިމީހުން ކިހިލިފަތްދޮށުންނާއި އިސްޓާކީނުތަކުން ދުވާ ނުބައި ވަހުގެ ސަބަބުން މީސްތަކުންނަށް އުނދަގޫވެއެވެ.

އަދި ﷲ ޙަރާމްކުރެއްވި ދުންފަތުގެ އިސްތިޢުމާލުކޮށް ސިގަނރެޓި ބޯ މީހުންވެސް އައިސް މިސްކިތަށް އަރައި ހަދައެވެ. އެމީހުންގެ އެ ޢަމަލަށްފަހު އެމީހުންގެ ގައިގައި ހިފާފައިހުންނަ ނުބައި ވަހުގެ ސަބަބުން ﷲ އަށް އަޅުކަންކުރުމުގައި ތިބޭ މީސްތަކުންނަށާއި މަލާއިކަތުންނަށް އުދަނގޫވެއެވެ. 

އެހެންކަމުން މިފަދަ ކަންތައްތަކަކީ ކުދި ކަންތައްތައް ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ހީވެފައިވިޔަސް މިއީ ބޮޑެތި ކަންތަކެވެ. މީސްތަކުންނާއި މަލާއިކަތުންނަށް އުނދަގޫކުރާ ބަޔަކުކަމުގައި ނުވުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަންވާނެއެވެ. އެގޮތުން ނަމާދުގަޑި ކައިރިވެފައިހުއްޓާ ފިޔަޔާއި ލޮނުމެދު ކައިގެން ނުވާނެއެވެ. އަދި ހަނދާންނެތިވެ ކެވުނަސް މިސްކިތަށް ނައިސް ގޭގައި މަޑުކުރާށެވެ.

 

- އައްޝައިޚް އިޙްޞާން މުޙައްމަދު

 

 

މިއަދު އޮންލައިން