ކިތަންމެ ދަތި ޙާލެއްގަ ހުއްޓަސް އެހީތެރިވާން އެއްޗެއް ދިއްކޮށްލާފަ ތިބާގެ ކިބައިން ކަމަކަށް އެދޭމީހަކާ ގުޅުން ނުބާއްވާށެވެ! ޙާލަތު ބަދަލުކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ކިތަންމެ ދަތި ޙާލެއްގަ ހުއްޓަސް އެހީތެރިވާން
އެއްޗެއް ދިއްކޮށްލާފަ ތިބާގެ ކިބައިން ކަމަކަށް އެދޭމީހަކާ ގުޅުން ނުބާއްވާށެވެ!
ޙާލަތު ބަދަލުކޮށްދެއްވެވޭނެ ހަމައެކަނި ފަރާތަކީ ﷲ!


މިނަޞީހަތަކީ ތިއަ ލޮބުވެތި ކަނބަލުން ރަނގަޅަށް

ވިސްނައި ބަލައިގަންނަންޖެހޭނެ ނަޞީޙަތެކެވެ. ގިނަ ބައެއްގެ ޙާލަތު އިތުރަށް ގޯސްވެ ހިތްދަތިކަން ބޮޑުވަނީ މިނަޞީޙަތަށް ނުވިސްނޭތީއެވެ.

ހިތްދަތި ޙާލަތެއްގައި އުޅެންޖެހުނަސް އަދި އަތްމަތިދަތިވިޔަސް މިފަދަ ކޮންމެ ކަމަކުންވެސް އަރައިގަނެވޭނީ މާތް ﷲ ގެ ރަޙްމަތްފުޅުންނެވެ. ޙާލަތު ބަދަލުކޮށްދެއްވަވަން މިންވަރުކުރެއްވެވުމުން ސަބަބެއްގެ ގޮތުގައި ހެޔޮލަފާ މީހުން މެދުވެރިކުރައްވަވަނީވެސް ހަމަ މާތް ﷲ އެވެ. އެރަޙްމަތް ތިމާއަށް ލެއްވެވުން އޮތީ ތިމާ ﷲ ތަޢާލާއަށް ކިޔަމަންތެރިވި ވަރަކުންނެވެ. ވީމާ ޔަޤީންކުރަންވީ ތިމާގެ ޙާލަތު ބަދަލުކޮށްދެއްވެވުންވަނީ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ.  

އަންހެނުންނަށް ކަމެއް ދިމާވެ ހިތާމައިގައި ތިބޭ ޙާލަތުގައި ބައްދަލުވާ ބައެއް ފިރިހެނުން އެމީހުންގެ ކިބައިން ނާޖާއިޒުގޮތުގައި ބޭނުންތަކެއް ފުއްދަން މަސައްކަތްކުރެއެވެ. އަދި ބައެއް ފަހަރު ކާމިޔާބުވެސް ކުރެވެއެވެ.  

ނަމަވެސް ގިނަ ފަހަރު ކަންކަން ބަދަލުވެގެންދެއެވެ. އޭނާއަށް ހަމަޖެހުން ލިބުމުން އޭނާއަށް އެހީތެރިވުމުގެ ކުލަޖައްސައިގެން އޭނާގެ ކިބައިން ނާޖާއިޒުގޮތުގައި ފައިދާ ނެގިކަން ވިސްނުމުން އެމީހަކުދެކެ ރުޅިއައިސް އެމީހަކަށް ނަފްރަތުކުރެއެވެ. އަދި އެމީހަކާއި ގުޅުން ކަނޑައިވެސްލައެވެ.  

މިފަދަ ގޮތެއް މެދުވެރިވުމުން އެފިރިހެންމީހާ ބުނާނީ ތިބާ އޭނާއަށް ބޭވަފާތެރިވީކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ އޭނާ މާތް ﷲ އަށް ބިރުވެތިވީއެވެ. ހިތްދަތިކަމުގެ ވަޤުތުގައި ތިމާގެ ކިބައިން ނާޖާއިޒުގޮތުގައި ފައިދާ ނެގި މީހަކު ފަހުން މާބޮޑެތި ދެރަދޭނެކަން ވިސްނުނީއެވެ.

އެއީ ހަމަ ހައިހޫނުކަމުގައި ހުންނަ އަންހެނަކަށް ކާނެއެތިކޮޅެއްދީ އޭނާގެ މުހްތާދް ފުއްދައިދިނުމަށްފަހު އޭނާގެ ކިބައިން ނާޖާއިޒުގޮތުގައި ފައިދާ ނެގުން ފަދަ ކަމެކެވެ. އެއްވެސް ތަފާތެއް ނެތެވެ.  

ދަތިޙާލުގައި ހުންނަމީހަކަށް އެހީތެރިވެދޭންވީ އިންސާނިއްޔަތަށްޓަކައެވެ. އަދި ހިތާމައާއި ހިތްދަތިކަމުގައި ތިބޭ އަންހެނުންނަށްވެސް އެހީތެރިވެދޭންވީ ހަމަ ﷲ ތަޢާލާއަށްޓަކައެވެ. އެއރުން އޭނާ އެކަމުގެ އަގުވަޒަންކުރާނެއެވެ. އެމީހަކަށްޓަކައި ހެޔޮދުޢާކުރާނެއެވެ. އަދި ރިވެތި ގޮތުގައި ކައިވެންޏަށް އެދިއްޖެނަމަ އެކަން ޤަބޫލުކުރުންވެސް އޮންނާނީ ދާދިގާތުގައެވެ.  

ދަތިޙާލުގައި ހުރި މީހެއްގެ ކިބައިން އަމިއްލަ މަޤްޞަދެއް ޙާޞިލުކުރުމުގެ ނިޔަތުގައި ކިތަންމެ ބޮޑު ހޭދައެއް ކުރިނަމަވެސް އެއީ ޞަދަޤާތަކަށްވެސް ނުވާނެއެވެ. ޞަދަޤާތަކަށްވާނީވެސް ﷲ ތަޢާލާއަށްޓަކައި ހޭދަކުރުމުން ކަމުގައިވާތީއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން