ސަމާލުވާތި! ތަނަވަސްކަން ހުރިނަމަވެސް ދަރިން އެދޭހާ ކަމެއް ކޮށްދިނުމަކީ ދަރިންނަށް ދެވޭ ވަރަށް ބޮޑު ދެރައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
ސަމާލުވާތި!
ތަނަވަސްކަން ހުރިނަމަވެސް ދަރިން އެދޭހާ ކަމެއް ކޮށްދިނުމަކީ ދަރިންނަށް ދެވޭ
ވަރަށް ބޮޑު ދެރައެއް!


މައިންބަފައިންގެ

ތަނަވަސްކަމަކީ ދަރިންގެ ޙައްޤެކެވެ. ވާރުތަވާނީވެސް ދަރިންނަށެވެ. އެކަން އެނޫން ގޮތަކަށް ބަދަލުކޮށްގެންވެސް ނުވާނެއެވެ. އެހެނަސް ވިސްނާލަންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ އެކަންކުރަންވީ ކޮން ޢުމުރެއްގައިކަމާއިމެދުގައެވެ.  

އަހުރެން ބުނާނީ ދަރިންގެ އަތަށް ވަޅިދޭ އުޞޫލަށް ވިސްނުމަށެވެ. ދަރިންގެ އަތަށް ތޫނު ވަޅިއެއް ދޭނީ އެއިގެ ބޭނުން ރަނގަޅަށް ހިފަން އެނގުނީމައެވެ. އެކަމުގެ ޤާބިލުކަންވެސް ލިބުނީމައެވެ. އެކަން ޔަޤީންވެސް ކޮށްފައެވެ.

ދަރިންގެ އަތަށް ޕޮކެޓްމަނީއަށްވެސް ފައިސާދޭންވާނީ އެކަމަށް ވިސްނައިގެންނެވެ. އަދި ބޭނުންވާ އެއްޗެތި ހޯދައިދިނުން ފަދަ ކަންކަން ކުރަންވާނީވެސް އެކަމަށް ވިސްނައިގެންނެވެ. އެންމެ ކުޑައިރުންސުރެ އެންމެ އަގުބޮޑު ފޭރާން ލައްވާނަމަ ދިމާވާ ގޮތަކުން އާދައިގެ ފޭރާމެއް ލާންޖެހޭ ދުވަހު ކުދިން ލަދުގަންނާނެއެވެ. އަބަދު އެންމެ އަގުބޮޑު އެއްޗެތި ކާންދޭނަމަވެސް މިމައްސަލަ ކުރިމަތިވާނެއެވެ.  

މިހުރީ މައިން ބަފައިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަންކަމެވެ.

މިބަސްކޮޅާއެކު މިގެނެސްދެނީ މިކަމުގައި މުފްތީ މެންކު ވިދާޅުވެފައިވާ ބަސްކޮޅެކެވެ. ވިދާޅުވެލައްވާށެވެ!

ތިމާއަކީ ކިތަންމެ ތަނަވަސް މީހަކު ނަމަވެސް ދަރިން ތަރުބިއްޔަތުކުރަން ޖެހޭނީ ލިބޭ މިންވަރަކުން ނުވަތަ ކަނޑައަޅާ ޢަދަދެއްގެ ތެރެއިން ދިރިއުޅުން ހަމަޖައްސަން ދަސްކޮށްދެވޭ އަޚްލާޤެއްގެ ތެރެއިންނެވެ. އެކަމަށް ދަރިން ހޭލުންތެރިކުރުވަންވާނެއެވެ. ކިތަންމެ އާދައިގެ ދިރިއުޅުމެއް އުޅެން ޖެހުނު ނަމަވެސް އުޅެވޭނެ ގޮތަށެވެ. 

އެހެންކަމުން ފަޤީރުންވެސް ދުނިޔޭގައި އުޅޭކަން ބުނެދީ ފަޤީރުންގެ ދިރިއުޅުމާއިބެހޭ މައުލޫމާތު އެންމެ ކުޑައިރުންސުރެ ދަރިންނަށް ދޭންޖެހޭނެއެވެ! އެކުދިން އެފަދަ ހާލަތަކަށް ހޭލުންތެރިކުރުވަންވާނެއެވެ!  

އަބަދުވެސް ވިސްނަންވާނީ ލިބިފައިވާ ތަނަވަސްކަން ތިމާމެންގެ ކިބައިންވެސް ގެއްލިދާނެ ކަމަށެވެ. ނިކަމެތި ހާލަތެއްގައި ދިރިއުޅެން ޖެހިދާނެ ކަމަށެވެ. ދަރިން ތަރުބިއްޔަތު ކުރަންވާނީ މިފަދަ ހުރިހާ ކަންކަމަށް ވަރަށް ބޮޑަށް ވިސްނައިގެންނެވެ. ދަރިންނަށް ތައުލީމު ދޭން މަސައްކަތްކުރާ ފަދައިން ދިރިއުޅުމުގެ ރިވެތި ސިފަތައް ދަސްކޮށްދިނުމަކީވެސް ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.

މިހާރަކަށް އައިސް ވަރަށް ކުޑަ ކުދިންވެސް އެންމެ އަގު ބޮޑު އެއްޗެތި ހޯދަން މައިންބަފައިން ގާތުން އެބައެދެއެވެ. އާދައިގެ ފެންވަރުގެ ތަކެތި ޤަބޫލު ނުކުރަންވެގެން އެބަ ބޮޑާ ހާކައެވެ. މިކަން މިގޮތަށް މެދުވެރިވަނީ ހަމައެކަނި އެހެން ކުދިން އެފަދަ ތަކެތި ގެންގުޅޭތީއެއް ނޫނެވެ. 

އަމިއްލަ ގޭތެރެއިންވެސް އެފަދަ ކަންކަން ފެންނާތީއެވެ. މައިންބަފައިންގެ މެދުގައިވެސް އެފަދަ މައްސަލަތައް ހުންނާތީއެވެ. ދަރިންގެ ކުރިމަތީގައި އެފަދަ ވާހަކަތައް ދެކެވޭތީއެވެ. ހިތާމައާއިއެކުވެސް ބުނަން ޖެހެނީ ބައެއް މައިން އެންމެ އަގު ބޮޑު ފޯނު ނޫނީ ބޭނުން ނުކުރަން ބޮޑާހާކާތަން ދަރިންނަށް އެބަ ފެންނަ ކަމަށެވެ. ބޭނުންވާ ކަންކަން ބައްޕަ ކޮށް ނުދޭކަމުގެ ޝަކުވާގެ ވާހަކަތައް ދަރިންނާއިވެސް ހިއްޞާކުރާ ކަމަށެވެ.

މިއީ ވަރަށް ހިތާމަހުރިކަމެކެވެ. ޚާއްޞަކޮށް އަންހެންދަރިންނަށް މިފަދަ މަންޒަރުތައް ފެނި އަޑުތައް އިވުމުން އެމީހުން ކައިވެނިކުރުމަށްފަހު އެމީހުންވެސް ފިރިންގެ ކިބައިން މިފަދަ ކަންކަމަށް އެދުން ކައިރިއެވެ. ފިރިމީހާގެ ކިބައިގައި އެފަދަ ތަނަވސްކަން ނެތިއްޖެނަމަ މައްސަލަ ޖެހި ވަރިވާތަންވެސް އެބައާދެއެވެ!  

މީގެ އިތުރުން ދަރިންނަށް އެންމެ އަގުބޮޑު ތަކެތި ހޯދައިދިނުމަކީވެސް ހަމަ މައްސަލައެކެވެ. އެއިރުން އެމީހުންނަށް ދަސްވެފައިހުންނާނީ ވަރަށް އަގު ބޮޑު ދިރިއުޅުމެކެވެ. ލިބޭ ފިރިމީހާއަކީ އެފެންވަރުގެ މީހަކަށް ނުވެއްޖެނަމަ ހަމަ ކުރިން ބުނި މައްސަލަތައް ކުރިމަތިވާނެއެވެ. މިފަދަ ކަންކަން މިހާރުވެސް ދަނީ ހަމަ ހިނގަމުންނެވެ.   

--މުފްތީމެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން