އެކަންކަން ކުރާނަމަ ހަލާކުވެގެން ހިނގައިދާނެކަމަށްޓަކާ ކައިރިނުވާން އިންޒާރުދެއްވަވާފައިވާ ހަތް ކަންތަކުން ތިބާ ނުކުރަނީ ކޮންކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 56ސ
އެކަންކަން ކުރާނަމަ ހަލާކުވެގެން ހިނގައިދާނެކަމަށްޓަކާ ކައިރިނުވާން އިންޒާރުދެއްވަވާފައިވާ ހަތް ކަންތަކުން ތިބާ ނުކުރަނީ ކޮންކަމެއްތަ؟

ފުރަތަމަ މިލިޔުން ވިދާޅުވެލައްވާށެވެ!  

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  

(اجْتَنِبُوا السَّبْعَ المُوبِقَاتِ»، قَالُوا: يَا رَسُولَ اللَّهِ وَمَا هُنَّ؟ قَالَ: «الشِّرْكُ بِاللَّهِ، وَالسِّحْرُ، وَقَتْلُ النَّفْسِ الَّتِي حَرَّمَ اللَّهُ إِلَّا بِالحَقِّ، وَأَكْلُ الرِّبَا، وَأَكْلُ مَالِ اليَتِيمِ، وَالتَّوَلِّي يَوْمَ الزَّحْفِ، وَقَذْفُ المُحْصَنَاتِ المُؤْمِنَاتِ الغَافِلاَتِ) 

މާނައީ: "ތިޔަބައިމީހުން ހަލާކުކޮށްލަނިވި (ބޮޑުވެގެންވާ) ހަތްކަމަކުން ދުރުވާށެވެ." ދެންނެވުނެވެ. އޭ ރަސޫލާއެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ. "ﷲ އަށް ޝަރީކުކުރުމެވެ. އަދި ޞިހުރު ހެދުމެވެ. އަދި ﷲ ޙަރާމްކުރެއްވި ނަފުސެއް ޙައްޤަކާނުލައި މެރުމެވެ. އަދި ރިބާކެއުމެވެ. އަދި ޔަތީމުންގެ މުދާ ކެއުމެވެ. އަދި ޖިހާދުގެ ދުވަހު ހަނގުރާމައިގެ މައިދާނުގައި ފިލުމެވެ. އަދި މުއުމިނު ޢިއްފަތްތެރި ބަރީޢަވެގެންވާ އަންހެނާގެ މައްޗަށް ޒިނޭގެ ތުޙުމަތުކުރުމެވެ."

(ޞަޙީޙް ބުޚާރީ އަދި މުސްލިމް، ބުޚާރީގެ 2766 ވަނަ ޙަދީޘް) 

ވީމާ މިކަމުގެ ނުބައިކަން ދެނެ ގަނެ ޝިރުކު ކުރުމާއި އަދިވެސް ﷲ ނުރުއްސަވާ ހުރިހާ ނުބައިކަމަކުން ދުރުވުމަކީ އަޅުގަނޑުމެން މުސްލިމުންގެ ޙައިޞިއްޔަތުން ކުރަންޖެހޭ ކަންކަމެވެ. މިފަދަ ކަންކަން ދެނެގަނެ އަދި ޢަމަލުކުރުމަކީ އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ ބޮޑު ޒިންމާއެކެވެ.

ދުޢާއަކީ އަޅުގަނޑުމެން އެންމެންނަށް ތައުފީޤު ދެއްވުމެވެ. އަދި ﷲއެއްކައުވަންތަ ކުރާ ހާލު މުއުމިނުންގެ ގޮތުގައި ދުނިޔެ ދޫކުރާ މީހުން ކަމުގައި ލެއްވުމެވެ. ހުރިހާ ބާވަތެއްގެ ކުފުރާއި ނިފާޤުން ސަލާމަތްކުރެއްވުމެވެ. އާމީން.

وصلى الله وسلم على محمد و آله صحبه أجمعين. آمين

- އައްޝައިޚް ޢަބްދުއްރަޙީމް ބިން މުޙައްމަދުގެ ލިޔުއްވުމަކުން 

ދެން ބަލައިލަންވީ ގިނަބައެއްގެ ޙާލު މިހާރުހުރި ގޮތަށެވެ.

ކޮންމެ މީހަކުވެސް ބުނާނީ ތިމާ ޝަރީކުނުކުރާކަމަށެވެ. އެކަމަކު ސިޙުރު ހައްދުވައެވެ. ފާލުބަލައެވެ. ރާހިޤަބޫލުކުރެއެވެ. ވެއްޓި މިގަނެވެނީ ޝަރީކުކުރުމުގެ ތެރެއަށެވެ. މީހުން ނުމަރާކަމަށް ބުނަމުން ދަރިން ވައްޓައެވެ. ރިބާ ނުކާކަމަށް ބުނަމުން ރިބާގެ ލޯނުތައް ނަގައި ބޭނުންކުރެއެވެ. ޔަތީމުންގެ މުދައު ނުކާކަމަށް ބުނަމުން ޔަތީމްކުދިންގެ ޙައްޤުތަކަށް އަރައިގަނެއެވެ. ހަނގުރާމަ ނުކުރާތީ ޖިހާދުގެ މައިދާނުން ފިލިކަމަށްނުވެދާނެއެވެ. އެކަމަކު ﷲ ތަޢާލާ މަތިވެރިކޮށް ދީނަށް ނަޞްރުދޭންޖެހޭ ޙާލަތުގައި އެކަމެއް ނުކުރެއެވެ. ގުޅި ވާގިވެރިވަނީ ﷲ ގެ ދީން ނިކަމެތިކުރަމުން ގެންދާ މީހުންނާއިއެވެ. ގުޅިގެން އުޅެނީ އެފަދަ ކަންކަންކުރާ މީހުންނާއިއެވެ. ރުޅި އައުދެވޭއިރަށާއި އަނެކާގެ އަގުވައްޓާލަން ބޭނުންވާއިރަށް އަނެކާގެ ބޮލުގައި ޒިނޭކުރިކަމުގެ ތުހުމަތުތައް އަޅުވައެވެ.

ގިނަ ބައަކު މިކަންކަމަށް ނުވެސް ވިސްނައެވެ. މިޙަދީޘްފުޅުގައި ދެއްވަވާފައިވާ އިންޒާރަށް ބިރުވެތިވުމުގެ ބަދަލުގައި ބަލަނީ އެމީހަކަށް އެންމެ ފައިދާކުރާނެ ގޮތަށެވެ. އެހެންކަމުން ގިނަބައަކު މިއަދު މިވަނީ ގެއްލުމާއި ހަލާކުގެތެރޭގައެވެ.

ދެންވެސް ބިރުވެތިވާށެވެ! ޢަމަލުތައް އިޞްލާޙްކުރާށެވެ. މިފަދަ ޙަދީޘްފުޅުތަކަށް ބިރުވެތިވާށެވެ! ކުރިއަށް އޮތީ ކޮށްފައިވާ ކިތަންމެ ކުޑަ ޢަމަލަކަށްވެސް އަދި ފާފަތަކަށް ޖަވާބުދާރީވާންޖެހޭނެ ދުވަހެވެ.

 

- މިއަދުނޫސް-

 

 

މިއަދު އޮންލައިން