އަނބިދަރިންނާ މައިންބަފައިންގެ ބޭނުންތައް ފުއްދައިނުދެވޭ މީހާ ގެއިން ބޭރުން ކެއިންބުއިމަށާ އެކުވެރިންގެ ކަންކަމަށް ޚަރަދުކުރުމަކީ އަތްމަތި އިތުރަށް ދަތިކުރައްވަވައިފާނެ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 55ސ
އަނބިދަރިންނާ މައިންބަފައިންގެ ބޭނުންތައް ފުއްދައިނުދެވޭ މީހާ ގެއިން ބޭރުން ކެއިންބުއިމަށާ އެކުވެރިންގެ ކަންކަމަށް ޚަރަދުކުރުމަކީ އަތްމަތި އިތުރަށް ދަތިކުރައްވަވައިފާނެ ސަބަބެއް!

އަހުރެންނަށް ލިބޭ މުސާރައިން އެކުވެރިންނަށް ކޮފީދިނުމަކީ މައްސަލައެއްތަ؟  

ސުވާލުގެ އެއްޖަވާބަކީ މައްސަލައެކެވެ. ދެވަނަ ޖަވާބަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ނުވާނީ ދީނުގައި އޮތްމަގުން ޢަމަލުކުރެވޭނަމައެވެ. މައްސަލައަކަށްވާނެ ސަބަބާ ލިބޭނެ ދެރަ ތިރީގައިވާ ލިޔުމުން އެނގިލއްވާނެއެވެ. އިން ޝާ ﷲ  

ޢިޝާ ނަމާދަށްފަހު ކޮންމެހެން ކުރަންޖެހޭ ކަމެއް ނެތްނަމަ ގެއިން ބޭރުގައި ނޫޅުމަށާއި އަވަހަށް ނިދަން އެންގެވީ މިއުންމަތުގެ ނަބިއްޔާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. އެހެންކަމުން އެއީ ސުންނަތެކެވެ. ޢަމަލުނުކުރާނަމަ އެކަންވާނީ ސުންނަތެއް ބޮލާލާޖެހުމަށެވެ. ވީމާ މުސްލިމުންނަށް އޮތީ ޢަމަލުކުރުމެވެ.

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ސިޔަރަތަށް ބަލާށެވެ! ހަމައެކަނި އެކަން އެންގެވީއެއްވެސް ނޫނެވެ. ޢަމަލުފުޅުކުރައްވަވައި މީސްތަކުންނަށް ވަނީ ނަމުނާ ދައްކަވައިފައެވެ.  

ހަމައެކަނި ގެއިން ބޭރަށް ދިއުމެއްވެސް ނޫނެވެ. ދިރިއުޅޭ ގޭގައި ނަމަވެސް ޢިޝާ ނަމާދަށްފަހު ހޭލައި ތިބުން ހުއްދަވެގެންވަނީ އާޚިރަތަށް ނުވަތަ ތިމާއަށް އެކަމަކުން ފައިދާކުރާނެ ކަންކަން ކުރުމަށެވެ. ވާހަކަ ދައްކަނ ތިބުންވެސް ހުއްދަވެގެންވަނީ އެފަދަ ކަންކަމުގައެވެ.   

ދެން ބަލަންވީ ތިމާއަށް ފައިދާކުރާނެ ކަންކަމަކީ ކޮބައިތޯއެވެ؟ އެފަދަ ކަންކަމަކީ ދިރިއުޅެން މަސައްކަތްކުރުން، ކޮންމެހެން އަދާކުރަންޖެހޭ ޢާއިލާ ޒިންމާއެއް އަދާކުރުން ފަދަ ކަންކަމެވެ. މުނިފޫހިފިލުވުމާއި ކުޅިވަރުކުޅުމާއި ކޮފީތަކާއި ކެއުންތަކުގައި އެކުވެރިންނާއިއެކުގައި ވަޤުތުތައް ހޭދަކުރުން އެއީ ކޮންމެހެން ކުރަންޖެހޭ ކަންކަމުގެ ތެރޭގައި ހިމެނޭނެ ކަންކަމެއް ނޫނެވެ.  

މިއަދު މިވާ ގޮތަކީ އަނބިމީހާއަށް، ޚާއްޞަކޮށް ރޭގަނޑު ގެއިން ނުކުމެވެނީ ފިރިމީހާގެ ހުއްދަ ހޯދައިގެން ކަމަށް ވާއިރު ފިރިމީހާއަށް ލިބިގެންވާ އިޚްތިޔާރުގެ ބޭނުން ނަހަމަގޮތުގައި ހިފައި  ގެއަށް ވަންނަނީ މެންދަންވާ ފަހުންނެވެ. ވަޤުތު ހޭދަކުރަނީ ބޭކާރު ކަންކަމުގައެވެ. ދިރިއުޅުމަށްވެސް އަދި އާޚިރަތަށްވެސް އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަން ކުރުމުގައެވެ. ގިނައިން ކުރެވެނީވެސް ދުނިޔެއާއި ޢާޚިރަތަށް ގެއްލުންހުރި ކަންކަމެވެ.

ރޭގަނޑުގެ ވަޤުތުތައް ގެއިން ބޭރުގައި ތިމާއަށް ދުނިޔެއާއި އާޚިރަތުގައި ފައިދާ ނުކުރާނެ ކަންކަމުގައި ހޭދަކުރާ ފިރިން ގެއިން ބޭރުގައި ކުރަނީ ކޮންކަމެއްތޯ ނިކަން ރަނގަޅަށް ބަލައިބަލާށެވެ! އަހުރެންނަށް ފެންނަ ތަނުގައި ރޭގަނޑު ވަޒީފާ އަދާކުރަނީ ނިޞްބަތުން ވަރަށް މަދު ބައެކެވެ. ރޭގަނޑު ވަޒީފާ އަދާކުރާ ފިރިންނަށްވުރެ އެތައް ގުނައެއް ގިނައީ ދުވާލު މަސައްކަތްކޮށްގެން ލިބުނު ފައިސާކޮޅު ނުވަތަ މުސާރަ އެކުވެރިންނަށާއި ހިލޭ އަންހެނުންނަށް ޚަރަދުކުރަން ގެއިން ބޭރުގައި އުޅޭ ފިރިންނެވެ.  

މިބާވަތަށް އުޅޭ ގިނަމީހުންނަށް ބަލައިފިނަމަ އޮންނާނީ އަމިއްލަ ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައް ނުކުރެވިފައެވެ. އަނބިދަރިންނާއި މައިންބަފައިން ތިބޭނީ އެމީހުންގެ ބޭނުންތައް ނުފުދި ވަރަށް ނިކަމެތި ޙާލުގައެވެ. އެއީ ﷲ ތަޢާލާ ދެއްވަވާ ފައިސާގެ ބޭނުން ހެޔޮގޮތުގައި ނުހިފާތީއެވެ  

ތަކުރާރުކޮށްލާފައިވެސް ބުނަމެވެ. އަނބިމީހާ ގޭގައި އެކަނިކޮށްފައި ރޭގަނޑު ބޭރަށް ގޮސް އެކުވެރިންނާއިއެކުގައާއި ހިލޭ އަންހެނުންނާއިއެކު ކޮފީތަކުގައި ވަޤުތު ހޭދަކުރުމާއި ފައިސާ އިސްރާފްކުރުން އިސްލާމް ދީނުގައި ހުއްދައެއް ނުކުރެއެވެ. އަދި ކީއްހެއްޔެވެ؟ އެކަމުގެ ސަބަބުން އަނބިދަރިންނަށާއި ޢާއިލާއަށް ކުރަންޖެހޭ ޚަރަދުތައް ނުކުރެވޭނަމަ އެކުރެވެނީ އިތުރު ފާފައެކެވެ. ނުލިބޭތީ ޚަރަދުނުކުރެވުމާއި ލިބި ޚަރަދުނުކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ. ލިބި ޚަރަދުނުކުރުމަކީ ޤިޔާމަތްދުވަހު ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ. އެއީ އިތުރަށް އަތްމަތި ދަތިކުރައްވަވައިފާނެ ސަބަބެކެވެ.  

މިވާހަކަ ގިނަގިނައިން ދައްކަން މިޖެހެނީ އެކަންކަމުގެ ސަބަބުން ޢާއިލީ ދިރިއުޅުމަށް އަސަރުކުރާތީ ކުރާ ޝަކުވާތައް ގިނަކަމުންނެވެ. މިފަދަ ގޮތްގޮތަށް އުޅުން ހުއްޓާލައި ޢަމަލުތައް އިޞްލާޙްކުރަން ނަޞޭޙަތްތެރިވުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން