ކައްވަޅުގައި ޢަޛާބް ޙައްޤުވާ މީހުންނަށް ޢަޛާބުން ސަލާމަތްވެވޭނެތަ؟ ހިނދުކޮޅެއްގެ ޢަޛާބަށްވެސް ކެތްކުރެވޭނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 21ސ
ކައްވަޅުގައި ޢަޛާބް ޙައްޤުވާ މީހުންނަށް ޢަޛާބުން ސަލާމަތްވެވޭނެތަ؟ ހިނދުކޮޅެއްގެ ޢަޛާބަށްވެސް ކެތްކުރެވޭނެތަ؟

ފަސްވަނަ سُؤَالُ

·              ކަށްވަޅުގެ عَذَاب އަކީ دَائِمِى ކަމެއްހޭ؟

ނުވަތަ ނޫންހޭ؟

جَوَاب.

ކަށްވަޅުގެ عَذَاب، މި حَيْثِيَّة ންބަލާއިރު، ވާހުށީ ދެބާވަތަކަށެވެ. އޭގެތެރެއިން އެއް

ބާވަތަކީ، دَائِمِى ގޮތުން عَذَاب ލިބޭ ބައެކެވެ. އަރަހުށި މާތް ﷲ وَحِى ކުރައްވާފައި ވެއެވެ. 

(1)          النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ (46)  سورة غافر : 46 

މި آية ގެ މާނައަކީ، އެބައިމީހުން ހެނދުނާ ހަވީރު އަލިފާނަށް ހުށަހެޅޭނެ އެވެ. (މިތާނގައި އަލިފާނުގެ މުރާދަކީ، ކަށްވަޅުގެ عَذَاب އެވެ.) އަދި قِيَامَة ގެ ވަގުތު އަންނަ ދުވަހު (مَلاَئِكَة ންނަށް އެންގެވޭނެ އެވެ.) فِرْعَوَنُ ގެ މީހުން އެންމެ ގަދަފަދަވެގެންވާ عَذَاب އަށް (އެބަހީ، ނަރަކަޔަށް) ވައްދަވާށެވެ. 

رَسُوْلُ اللهِ صَلَّى اللهً عَلَيُهِ وَسَلَّمَ  ގެ حَدِيث އެއްގައި އެކުލެވިގެން ވެއެވެ. اِبْنُ عَبَّاس ގެފާނު ވިދާޅުވި އެވެ. رَسُوْلُ اللهِ صَلَّى اللهً عَلَيُهِ وَسَلَّمَ ދެކަށްވަޅެއްގެ ކައިރިން ވަޑައިގަންނަވަމުން حَدِيث ކުރެއްވި އެވެ. ދަންނާށެވެ! ހަމަކަށަވަރުން އެދެމީހުންނަށް ކަށްވަޅުގެ عَذَابُ ދެއްވެނީ އެވެ. އެދެމީހުން ނަށް عَذَاب ދެއްވެނީ މާބޮޑު ކަމަކާ ލައިގެންނެއް ނޫނެވެ. ދަންނާށެވެ! އެދެމީހުންކުރެ އެކަކީ، ދެބައޮޑުވަމުން ހިނގާ އުޅުނު މީހެކެވެ. ދަންނާށެވެ! އަނެކަކީ، ކުޑަކަމުގޮސްފައި އެނަޖިހުން ރައްކައުތެރިނުވެ  އުޅުނު މީހެކެވެ.  اِبْنُ عَبَّاس ގެފާނު ވިދާޅުވިއެވެ. ފަހެ، ކަދުރު ރުކުގެ ރޯ އޮށްޓެއް ގެންނާން އިތުރު އެކަލޭގެފާނު حَدِيث ކުރެއްވިއެވެ. ފަހެ އެއޮށި ދެފަޅިއަށް ފަޅުއްވާލައްވާ ފައި އެއް މަހާނަމަތީގައި އެއްބައި، އަދި އަނެއްމަހާނަ މަތީގައި އަނެއްބައި ޖައްސަވައިފި އެވެ. ދެން  حَدِيث ކުރެއްވިއެވެ. މިދެބައި ހިކިގެންނުގޮސް ހުންނަ مُدَّة ގެ ތެރޭގައި އެދެމީހުންނަށް عَذَاب ލުއިކުރެއްވުމަށް أُمِّيْدُ ކުރައްވަމެވެ. 

މި حَدِيث ން އެނގެނީ، عَذَاب ލުއިކުރެއްވުން މި مَسْأَلَة ގައި ގުޅިފައިވަނީ،

އެދެމަހާނަ މަތީގައި ޖެއްސެވި ކަދުރު ރުކުގެ ރޯ އޮށިކޮޅު ހިކިގެން ނުގޮސް ރޯކޮށް ހުންނަ مُدَّة ގައި ކަމެވެ. މި عَذَابُ ލުއި ކުރެއްވުމުގެ ސަބަބަކީ، އިތުރު އެކަލޭގެފާނުގެ شَفَاعَة އެވެ.  

ކަށްވަޅުގެ عَذَاب ގެ ތެރެއިން رَسُوْلُ اللهِ صَلَّى اللهً عَلَيُهِ وَسَلَّمَ  ދެކެވަޑައިގެންފައިވާ ކަންތައް ބަޔާން ކުރެއްވުމުގައި ، ބައެއް މީހުންގެ حَالَة ބަޔާން ކުރައްވާފައި އެ عَذَاب އެގޮތަށް قِيَامَة އާ ހަމަޔަށް ދެމިގެންދާނެ ކަމަށް حَدِيْث ކުރައްވާފައި ވެއެވެ.  

އިސްވެދިޔަ دَلِيْلُ ތަކުން އެނގި يَقِيْن ވަނީ ކަށްވަޅުގެ عَذَاب އަކީ، ބައެއްމީހުންގެ ނިސްބަތުގައި ދާއިމީ ކަމެއް ކަމެވެ.  

ކަށްވަޅުގެ عَذَاب ގެ އަނެއް ބާވަތަކީ، ވަކި مُدَّة އަކަށް عَذَاب ދެއްވުމަށް ފަހު، އެބައެއްގެ ކިބައިން އެ عَذَاب ކެނޑިގެންދާ ބައެކެވެ. އެއީ، ﷲ އަށް އުރެދިފައިވާ މީހުންގެ ތެރެއިން އެބައެއްގެ އުރެދުމުގެ މިންވަރު ކުޑަވެފައި، އެއާ އެކަށީގެންވާ ގޮތަށް ކަށްވަޅުގެ عَذَابُ ލިބުމަށްފަހު އެބައިމީހުންގެ ކިބައިން އެކަން ކެނޑިގެންދާ މީހުންނެވެ. އެއީ آخِرَة ދުވަހުން ނަރަކަވަންތަވެރީންގެ ތެރެއިން ބަޔަކަށް، ނަރަކައިގެ عَذَابُ ދެއްވުމަށްފަހު، ނަރަކައިން އެބައިމީހުން ނެރުއްވޭ ފަދައިންނެވެ.

سُوْرَة يَس ގެ އަންނަނިވި آية ގެ تَفْسِيْر ގައި ބައެއް عِلْم ވެރީން ވިދާޅުވެފާވަނީ، ދެތާޅަފިލި ދެމެދުގައިވާ مُدَّة އަކީ، ކަށްވަޅުގެ عَذَاب ލުއިކުރެއްވޭ مُدَّة އެއް ކަމަށެވެ. 

(1)          قَالُوا يَا وَيْلَنَا مَن بَعَثَنَا مِن مَّرْقَدِنَا  ۗ هَٰذَا مَا وَعَدَ الرَّحْمَٰنُ وَصَدَقَ الْمُرْسَلُونَ (52)  سورة يس: 52

މި آية ގެ މާނައަކީ، " އެބައިމީހުން ބުނާނެއެވެ. އޭ ތިމަންނަމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާ އެވެ! ތިމަންނަމެން ނިދާން ތިބިތަނުން އަލުން ދިރުމަކަށް ފޮނުއްވީ ކާކުހެއްޔެވެ؟ މިއީ رَحْمَان ވަންތަ ރަސްކަލާނގެ وَعْدُ ކުރެއްވި ކަންތަކެވެ. އަދި رَسُول ން ވިދާޅުވި ތެދުބަސްފުޅެވެ. "  

ދުނިޔެ މަތީގައި قِيَامَة ދުވަސް ދޮގުކޮށް كَافِرُ ވެގެން އުޅުނު މީހުންނަށް ހުރި عَذَابُ ، قِيَامَة ދުވަހު އެބައި، މީހުން ދުއްހިނދު، އޭ ތިމަންމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއޭ! ތިމަންމެން ނިދާން ތިބިތަނުން އަލުން ދިރުމަކަށް ފޮނުއްވީ ކާކުހެއްޔޭ؟ މިފަދައިން  އެބައިމީހުން ބުނަނީ އެންމެ ފަހުގެ ތާޅަފިލީގެ ފަހުން ނެވެ. ވީމާ، މިބައިމީހުންގެ މިބަހުން ދޭހަވާ އެއްކަމަކީ،  ކަށްވަޅުގެ عَذَابُ ލުއިކުރެއްވިފައި ވަނިކޮށް، ތާޅަފިލީގެ އަޑަށް އަލުން ދިރުމަކަށް ފޮނުއްވެވި ކަމެވެ. އެހެންކަމުން ބައެއް ބޭކަލުން ވިދާޅުވަނީ، ދެ ތާޅަފިލި ދެމެދުގައިވާ مُدَّة އަކީ، ކަށްވަޅުގެ عَذَابُ ލުއި ކުރެއްވެވޭ مُدَّة އެއް ކަމަށެވެ. އަނެއްބައި عِلْمُ ވެރީން ވިދާޅުވަނީ، ކަށްވަޅުގެ عَذَابُ ލުއިކުރެއްވިފައިވާކަން، މިބައި މީހުންގެ މިބަހުން ދޭހަނުވާ ކަމަށާއި، ނަރަކައިގައި އެބައިމީހުންނަށް ލިބެންހުރި ގަދަފަދަ عَذَابُ ގެ ނިސްބަތުގައި ކަށްވަޅުގެ عَذَاب އަކީ، ނިދުމެއް ކަމަށް އެބައިމީހުން ދެކެފައި ބުނާބުނުމެއް ކަމަށެވެ.  

އޭ ތިމަންމެންނަށްހުރި ހަލާކެއްގެބޮޑުކަމާއޭ! ތިމަންމެން ނިދާން ތިބިތަނުން އަލުން ދިރުމަކަށް ފޮނުއްވީ ކާކު ހެއްޔޭ؟ މިހެންބުނެ كَافرٌ ން ކުރި سُؤَالُ ގެ جَوَابُ އަކީ، މިއީ رَحْمَانُ ވަންތަ ރަސްކަލާނގެ وَعْدُ ކުރެއްވި ކަންތަކޭ، އަދިرَسُوْلُ ން ވިދާޅުވި ތެދު ބަސް ފުޅެވެ، މި جَوَابُ އެބައިމީހުންނަށް ދެއްވަނީ مُؤْمِنُ ންކަމަށް ވެސް تَفْسِيْرُ عِلْمُ ވެރީން ވިދާޅުވެއެވެ. ބައެއް عِلْمُ ވެރީން ވިދާޅުވަނީ މިجَوَابُ ދެއްވަނީ مَلاَئِكَةން ކަމަށެވެ. އަދި އެއީ كَافِرُވީމީހުން އެބައިމީހުންގެ سُؤَالُ އަށް، ހަމައެބައިމީހުންދޭ ޖަވާބެއް ކަމަށްވެސް ބުނެއެވެ.

 

- އަލްއުސްތާޛް އާދަމްނަސީމު  ހ. ޕޫނަމް (ބިއޭ ނަސީމް) ލިޔުއްވާފައިވާ މަރުވުމަށްފަހު ވާނީ ކިހިނެއް! (ބަރުޒަޚްގެ ޢާލަމް) ފޮތުން -

 

 

މިއަދު އޮންލައިން