ތިމާއަށް ދިމާވާ މުސީބާތަކީ އިމްތިހާނެއްތޯ ނުވަތަ ކޯފާއެއްތޯ ދެނެގަންނާނެ ގޮތް: ޝައިޚް އަޒީޒް ފަރުހާން

ކިޔުމަށް ހޭދަވާނީ 8މ 47ސ
ތިމާއަށް ދިމާވާ މުސީބާތަކީ އިމްތިހާނެއްތޯ ނުވަތަ ކޯފާއެއްތޯ ދެނެގަންނާނެ ގޮތް: ޝައިޚް އަޒީޒް ފަރުހާން

ޢާއިޝަތު ރަފާޙް ޢަލީ

 

އަޒާބާއި (ކޯފާއާއި) އިމްތިހާނާ ދެމެދު ހުރި ތަފާތު ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟" 

ޝެއިޚްގެ ޖަވާބު: އޭ ލޮބުވެތި އުޚްތާއެވެ! އެންމެ ފުރަތަމަ ކަމަކަށް، އަހަރެމެންގެ މަތިވެރި އިލާހު މި ދުނިޔެ ލައްވާފައިވަނީ އިމްތިހާނާއި އުނދަގޫތަކުގެ ގޮވައްޗެއްގެ ގޮތުގައެވެ. މި ދުނިޔެއަކީ އިމްތިހާނުގެ ތަނެކެވެ. އެއްވެސް މީހަކަށް މި އުނދަގޫތަކުން ސަލާމަތެއް ނުވެވޭނެއެވެ. މީގެ ހެއްކަކީ މާތް اللهُ سبحانه وتعالى ކީރިތި ޤުރުއާނުގައި ބަޤަރާ ސޫރަތުގެ 155 އަދި 156 ވަނަ އާޔަތުގައި ވަހީކުރައްވާފައިވާ މި ބަސްފުޅެވެ:

وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ ‎﴿١٥٥﴾‏ الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ ‎﴿١٥٦﴾‏

މާނައީ: "ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ! (155) އެއުރެންނީ އެއުރެންނަށް مصيبة އެއް ޖެހިއްޖެނަމަ، ހަމަކަށަވަރުން ތިމަންމެންނީ، اللَّه އަށް މިލްކުވެވޮޑިގެންވާ ބަޔެކޭ، އަދި ހަމަކަށަވަރުން ތިމަންމެންނީ، އެކަލާނގެ حضرة އަށް އެނބުރިދާނޭ ބަޔެކޭ ބުނާ މީހުންނެވެ. (156)" 

ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި މި އާޔަތުގައިވާ "ލާމް" (ލަނަބްލުވައްނަކުމް) ބޭނުންކުރެވިފައިވަނީ، ބިރުވެރިކަމާއި، ބަނޑުހައިހޫނުކަމާއި، މުދަލާއި، ފުރާނައާއި، މޭވާތައް މަދުވުމުން ތިޔަބައިމީހުން އިމްތިހާން ކުރައްވާނެކަން ކަށަވަރުކޮށް އެންގުމަށެވެ. 

އަދިވެސް ކީރިތި ޤުރުއާނުގައި ﷲ ތައާލާ ޢަންކަބޫތް ސޫރަތުގެ 1 ވަނަ އާޔަތުން 3 ވަނަ އާޔަތައް ވަހީކުރައްވާފައިވެއެވެ: 

الم ‎﴿١﴾‏ أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ‎﴿٢﴾‏ وَلَقَدْ فَتَنَّا الَّذِينَ مِن قَبْلِهِمْ ۖ فَلَيَعْلَمَنَّ اللَّهُ الَّذِينَ صَدَقُوا وَلَيَعْلَمَنَّ الْكَاذِبِينَ ‎﴿٣﴾‏

މާނައީ: "ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (1) މީސްތަކުން ތިމަންމެން إيمان ވެއްޖައީމުއޭ ބުނުމުން، އެއުރެން امتحان ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟ (2) އަދި ހަމަކަށަވަރުން، އެއުރެންގެ ކުރީގެ (أمّة ތަކުގެ) މީހުން، ތިމަންރަސްކަލާނގެ امتحان ކުރެއްވީމެވެ. ފަހެ (إيمان ކަމުގައި) ތެދުވެރިވި މީހުން، ހަމަކަށަވަރުން، اللَّه ދެނެވޮޑިގެންވެތެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިންވެސް އެކަލާނގެ ދެނެވޮޑިގެންވެތެވެ. (3)" 

އަދިވެސް އަންބިޔާ ސޫރަތުގެ 35 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ: 

وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ وَإِلَيْنَا تُرْجَعُونَ ‎﴿٣٥﴾‏

މާނައީ: އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބައިމީހުން رجوع ކުރައްވާހުށީ، ތިމަންރަސްކަލާނގެ حضرة އަށެވެ. (35)" 

އަދިވެސް އަޢްރާފް ސޫރަތުގެ 168 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަހީކުރައްވާފައިވެއެވެ: 

وَبَلَوْنَاهُم بِالْحَسَنَاتِ وَالسَّيِّئَاتِ لَعَلَّهُمْ يَرْجِعُونَ ‎﴿١٦٨﴾‏

މާނައީ:  ހެޔޮގޮތްތަކާއި، ނުބައިގޮތްތައް މެދުވެރިކުރެއްވުމުން، ތިމަންރަސްކަލާނގެ އެއުރެން امتحان ކުރެއްވީމެވެ. (އެއީ) އެއުރެން (ހެޔޮމަގަށް) އެނބުރި އައުމަށްޓަކައެވެ. (168)" 

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: "އިންސާނުންގެ ތެރެއިން އެންމެ ބޮޑަށް އިމްތިހާން ކުރެއްވެނީ ނަބީބޭކަލުންނެވެ. އެއަށްފަހު އެބޭކަލުންނާ އެންމެ ވައްތަރު (ޞާލިޙު) މީހުންނެވެ." މީހަކު ރަސޫލާ صައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައިސް، އޭނާ ދުވަހަކުވެސް ބަލިނުވާ ކަމަށް ބުނުމުން (އެޒަމާނުގެ އަރަބިން ބަލިނުވާނަމަ ބުނެއެވެ: އަހަރެން ބައްޔެއް ނުވަަމެވެ)، ހަދީޘްކުރެއްވިއެވެ: "މިއީ ނަރަކައިގެ ހަށިގަނޑުތަކުގެ ތެރެއިންވާ ހަށިގަނޑެކެވެ." (އެބަހީ ބަލިމަޑުކަމާއި މުސީބާތްތަކަކީ ފާފަ ފުހެވޭ ކަންކަމެވެ). މުސީބާތްތަކުން ސަލާމަތްކުރެއްވުން އެދި އަހަރެމެން ﷲގެ ކިބައިން ރައްކާތެރިކަމަށް އެދެމުއެވެ. 

އެހެނީ، ﷲގެ ކައުނީ ޤާނޫނަކީ މަޚްލޫޤުން އިމްތިހާން ކުރެއްވުމެވެ. އެހެންކަމުން، އަޞްލަކީ އިމްތިހާނެވެ. ކޮންމެ މުސްލިމަކުވެސް ހުންނަންވާނީ އޭނާގެ ދިރިއުޅުމުގައި ދިމާވެދާނެ ކުއްލި ސިހުންތަކަށް ތައްޔާރުވެގެންނެވެ. މިސާލަކަށް: ލޯބިވާ މީހަކު ވަކިވުން، ބޭނުންވި ކަމެއް ހާސިލުނުވުން، ނުވަތަ ލިބިފައިވާ އުފަލެއް ބުރަކަމަކަށް ބަދަލުވުން، ފުރާނައާއި، މުދަލާއި، އަހުލުވެރިންނާއި، ވަޒީފާއާއި، ދިރިއުޅުމާއި ސިއްހަތަށް ދިމާވާ އިމްތިހާންތަކެވެ. މިކަންކަމަށް ތައްޔާރުވާންޖެހެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބަކީ މިއީ އިމްތިހާނުގެ ގޮވައްޗެވެ. މިއީ ބަލިމަޑުކަމާއި ތަޖުރިބާތަކުގެ ދުނިޔެއެވެ. 

އަޒާބު ނުވަތަ ކޯފާ ދެނެގަންނާނީ ކިހިނެއް؟

ނަމަވެސް، އަޒާބާ މެދު އިންސާނާ ހޭލުންތެރިވާންޖެހެއެވެ. މިއީ އޭނާ ކުރި ކަމެއްގެ ސަބަބުން ލިބުނު އަޒާބެއް ހެއްޔެވެ؟ ނުވަތަ ނޫން ހެއްޔެވެ؟ 

އޭ ހަނާން އެވެ! އެކަން އެންމެ ރަނގަޅަށް އެނގޭނީ އެމީހާ އަމިއްލައަށެވެ. މީހަކު ގަސްތުގައި ފަތިސް ނަމާދު ދޫކޮށްލާފައި، ހަމަ އެދުވަހު އޭނާ އެކްސިޑެންޓެއް ވެއްޖެނަމަ، އެއީ ﷲ ތައާލާގެ ކިބައިން އައި އަޒާބެކެވެ (އިންޒާރެކެވެ). ﷲ ތައާލާ ވަހީކުރެއްވިއެވެ: "ފަހެ، އެބައިމީހުން ޢަހުދު އުވާލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެބައިމީހުންނަށް ލަޢުނަތް ކުރެއްވީމެވެ." ފާފަތަކުގެ ސަބަބުން ﷲ ތައާލާ އުންމަތްތަކަށް އަޒާބު ދެއްވިކަން އަންގައިދޭ އެތައް ނައްސުތަކެއް (ދަލީލުތަކެއް) ވެއެވެ. 

މީހަކު ޒިނޭގެ ތެރެއަށް ވެއްޓި، އޭގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ބޮޑު މުސީބާތެއް ކުރިމަތިވުމުން، "މިއީ ހަމަ އިމްތިހާނެކޭ، ﷲ އަހަންނަށް ފާފަފުއްސަވައިފިއޭ" ބުނެގެން ނުވާނެއެވެ. ނޫނެކެވެ، އެއީ އަޒާބެކެވެ. މީހަކު އޭނާގެ މައިންބަފައިންނަށް ނުކިޔަމަންތެރިވެ، ރަޙިމުގެ ގުޅުން ކަނޑާލުމުން މުސީބާތަކާ ކުރިމަތިވެއްޖެނަމަ، އެއީ ކޯފާއެކެވެ. އެއީ އަޒާބެކެވެ.

ﷲ ތައާލާ ވަހީކުރެއްވިއެވެ: "ފަހެ، ޔަހޫދީންގެ ތެރެއިން އަނިޔާވެރިވި މީހުންގެ ސަބަބުން، އެބައިމީހުންނަށް ހަލާލުކުރައްވާފައިވި ރަނގަޅު ތަކެތި ތިމަންރަސްކަލާނގެ އެބައިމީހުންނަށް ހަރާމްކުރެއްވީމެވެ." އެއީ އެބައިމީހުންގެ އަނިޔާވެރިކަމުގެ ސަބަބުންނެވެ. 

އެހެންކަމުން ބައެއްފަހަރު އިންސާނާއަށް ކުރިމަތިވަނީ އިމްތިހާނެކެވެ. އަދި ބައެއްފަހަރު ކުރިމަތިވަނީ އަޒާބެކެވެ. މިސާލަކަށް ﷲ ތައާލާ މީހަކަށް އަޒާބުދެއްވުމުގެ ގޮތުން ކަމަކުން މަހުރޫމް ކުރައްވައިފާނެއެވެ. ނުވަތަ އޭނާ އެންމެ ލޯބިވާ މީހުންނާ ވަކިކުރައްވައިފާނެއެވެ. ބައެއް މީހުން މިހާރު އުޅެނީ މީހުންނަށް އޮޅުވާލާށެވެ. މީހުން ފާސިދުކޮށް، ދެމަފިރިންގެ ދެމެދުގައި ފިތުނަ އުފައްދާށެވެ. އެފަދަ މީހެއްގެ ލޯބިވާ މީހުން ގެއްލުވައިލައްވައި، ﷲ އޭނާއަށް އަޒާބު ދެއްވަފާނެއެވެ. 

ޞާލިޙު މީހުންގެ ގޮތަކީ، އެބޭކަލުންނަށް މުސީބާތެއް ކުރިމަތިވުމުން "މިއީ ތިމަންނާގެ ކުށުން ދިމާވި ކަމެއް" ކަމަށް ބުނުމެވެ. ނަމަވެސް ހަގީގަތުގައި އެބޭކަލުންގެ ކުށެއް ނޯވެދާނެއެވެ. އެހެނަސް އެބޭކަލުން ﷲގެ ކުރިމަތީގައި މަޑުމޮޅިވެ، ނަފްސު ބޮޑާވިޔަނުދިނުމަށްޓަކައި ނަފްސު ތާހިރުކުރެއެވެ.  

- ޝައިޚް އަޒީޒް ފަރުހާންގެ ދަރުސަކުން 

- މިއަދުނޫސް

 

 

މިއަދު އޮންލައިން