ޞަދަޤާތްދިނުންވެސް އަދި ހެޔޮކޮށްހިތުންވެސް ފަށަން އޮތީ އެމީހަކު ދިރިއުޅޭ ގޭތެރެއިންނެވެ. ނަމަވެސް ގިނަ ބައެއްގެ ޢަމަލުތައް ފެންނަނީ އެގޮތަކަށް ނޫނެވެ. ގެއަށް ވަދެވުމާއިއެކު ނުބައި ބަސްތައް ބުނަން ފަށައެވެ. ހަރުކަށި ޢަމަލުތައް ކުރަން ފަށައެވެ.
މިފަދަ ބައެއް މީހުން ޤުރްޢާން ކިޔަވައެވެ. ނަމާދާއި އެހެން އަޅުކަންވެސް ކުރެއެވެ. ވިސްނައިލަންވީ އެމީހުންނަށް ކުރެވުނު އަޅުކަމަށްވާނެ ގޮތަކާއިމެދުގައެވެ. ޙަދީޘްފުޅުން އެނގެން އޮތީ މީހަކަށް ނުބައިކޮށް ކަންކަންކުރުމުންނާއި ނުބައި ބަސްތައް ބުނުމުން އެކަމަށް ބަދަލުދޭންޖެހޭނެ ކަމެވެ. ވީމާ އެނގެން މިއޮތީ އެމީހާކުރާ އަޅުކަން ގެއްލިގެންދާނެ ކަމެވެ.
މިބުނި ގޮތަށް ކަންކަން ކުރާނަމަ އެކަމުން އެނގެނީ އެމީހާ ކިޔެވި ޤުރްއާނުން އެމީހަކަށް ފައިދާނުކުރާކަމެވެ. ފައިދާކުރާނަމަ އެކަން އެމީހެއްގެ ޢަމަލުތަކުން ފެންނާނެއެވެ. އަދި ހަމައެހެންމެ އެމީހަކު އަޅުކަންކުރިނަމަވެސް އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ނެތްކަމެވެ. ތަޤްވާވެރި އަޅަކު އެގޮތަށް ކަންތަކެއް ނުކުރާނެއެވެ.
ވީމާ ފުރަތަމަ ކަމަކަށްވެސް ރިވެތި އަޚްލާޤީ ސިފަތައް ލިބިގަންނާށެވެ. އަނބިދަރިންނަށާއި ޢާއިލާގެ މީހުންނަށް ބިރަކަށްނުވާށެވެ. ބައްދަލުވުމުން ބިރުގަތުމުގެ ބަދަލުގައި އެމީހުން އުފާކުރާނެ މީހަކަށްވާށެވެ! ކުރާ އަޅުކަމުގެ ފައިދާކުރާނީ އެއިރުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން