"އަހުރެން އެމީހަކާ ކައިވެނިކުރި މީހާ ގެއްލެއްޖެއެވެ!"
އެހެންވާނީ ކިހިނަކުން ހެއްޔެވެ؟ އަހުރެން އަބަދު މިހުންނަނީ ތިބާގެ ކުރިމަތީގައެވެ!"
"ކުރިމަތީގަ ހުރުމުގެ ބޭނުމަކީ ކޮބައިތަ؟ ލޯބިން ވާހަކަދައްކައި އުޅުނުއުޅުން ކޮބައިތަ؟"
"އެއިރު އަހުރެން ވިސްނީ ހަމައެކަނި ލޯތްބަށް! މިހާރު ވިސްނަންޖެހޭ ކަންކަން މާގިނަވެއްޖެ! ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓަން ފައިށާ ހޯދަންޖެހޭ!"
"ލޯބިން ވާހަކަދައްކައި އުޅުމަކީ ފައިސާ ހޯދަން ހުރަސްއެޅޭ ކަމެއްތަ؟"
"ނޫން! ވިސްނަންޖެހޭތީ ބަސްމަދުވަނީ!"
ދެމަފިރިންގެ ވާހަކަ މިހިސާބަށް ކުރިއަށްގެންގޮސްފައި ހިނދުކޮޅަކަށް މަޑުކޮށްލިއެވެ. އަލުން އިސްވެ ފެށީ ފިރިމީހާއެވެ.
"ގޯސްތަކެއް ހެދިއްޖެއެވެ. އެކަމަކު ޤަޞްދަކު ނޫނެވެ. ދެމީހުންގެ މެދުގައި މަޝްވަރާކުރެވުން މަދުކުރެވުނީއެވެ. ލޯބިދިނުމަށް އެންމެ މުހިންމު ކަމަކީ ބޭނުންތައް ފުއްދައިދިނުންކަމަށް ވިސްނުނީއެވެ. ލޯބިވާކަން ބުނާ ބަސްތައް ބުނުން މަދުކުރެވުނީއެވެ. އެކަންކަން ކުރެވުނީ ތިބާގެ ހިތަށް މިވަރަށް އަސަރުކުރާނެ ކަމަށް ވިސްނައިނުލެވުނީމައެވެ. އިޞްލާޙްކުރާނަމެވެ."
"ދެމީހުންނަށްވެސް ގޯސްތަކެއް ހެދިއްޖެއެވެ. ލޯބިދިރުވަން ކުރަންޖެހޭ އެންމެ މުހިންމު ކަންތަކަށް ފަރުވާކުޑަކުރެވުނީއެވެ. ބަސްތަކުން ދޭންޖެހޭ ލޯބި ދިނުމުގައި ފަރުވާކުޑަކުރެވުނީއެވެ. ވިސްނޭ ގޮތުން މިކަން މެދުވެރިވީ އަނެކާ އިސްނަގާނެ ކަމަށް މަޑުކުރެވުނީމައެވެ. ޙަޤީޤަތް މިއޮތީ އެނގިފައެވެ. ތަކުރާރުވިޔަނުދެމާ ހިނގާށެވެ!"
"ޔަޤީންތާއެވެ! މިއީ ކޭކުފަޅައި ޕާޓީބާއްވަންޖެހޭ ވަރުގެ ކަމެކެވެ."
"ކޭކެއް ފެޅުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ އަނގައަށް ލައްވައި ކާންދިނީމައެވެ"
ދެމީހުންނަށްވެސް އުފަލުން ހިނިތުންވެވުނެވެ.
މިއީ ކޮންމެ ދެމަފިރިއަކުވެސް ވިސްނައިލުން މުހިންމު ވާހަކަކޮޅެކެވެ. އެނގިގެން މިދަނީ ދެމަފިރިން އެކުގައި ގޭގައި ތިބުމަކުން އަދި ނުފުދޭކަމެވެ. ލޯބިވެގެން އުޅުނުއިރު ދެއްކިފަދައިން ލޯބީގެ ޥާހަކަތައް ދައްކައި ލޯބިވާކަން ހާމަކުރަންޖެހޭ ކަމެވެ. ނޫންނަމަ ލޯބިދާނީ މަރުވަމުން ކަމެވެ.
- މިއަދުނޫސް