ދެކުނު އަރި އަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ނުވަތަ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ (SAMPA) ބެލެހެއްޓުމަށް އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް އަމަލުކުރާ އުޅަނދުފަހަރުގައި "ސަމްޕާ ދިދަ" ބޭނުންކުރަން ފެށުމުން އެކަމާ އުފާކުރާކަމަށް އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (EPA) އިން ހާމަކޮށްފިއެވެ.
މިގޮތުން "ސަމްޕާ ފްރެންޑްލީ" އުޅަނދުތަކުގެ ގޮތުގައި ފާހަގަވުމަށްޓަކައި، ރަޖިސްޓްރީކޮށްފައިވާ އުޅަނދުފަހަރުގައި މި ދިދަ ބޭނުންކުރަމުންދާ ދިއުމަކީ އެ ސަރަޙައްދުގެ ދިރުންތައް ހިމާޔަތްކުރުމަށް ލިބޭ ބޮޑު އެހީތެރިކަމެއްގެ ގޮތުގައި އެ އެޖެންސީން ފާހަގަކުރެއެވެ.
"ސަމްޕާ ފްރެންޑްލީ" އުޅަނދަކަށް ވުމަށްޓަކައި އުޅަނދުފަހަރުން ފުރިހަމަކުރަންޖެހޭ މުހިންމު ކަންތައްތަކެއް އީ.ޕީ.އޭ އިން ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
އީ.ޕީ.އޭ (EPA) ގައި އުޅަނދު ރަޖިސްޓްރީކުރުން.
އުޅަނދުގައި މަސައްކަތްކުރާ ގައިޑުންނަކީ ތަމްރީނު ލިބިފައިވާ، ސެޓިފައިޑް ބަޔަކަށް ހެދުން.
ސަމްޕާ ސަރަހައްދަށް ޒިޔާރަތްކުރުމުގެ ކުރިން ރޭންޖަރުންގެ ހޮޓްލައިން (7448300) އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުން.
ޓެލެގްރާމް މެދުވެރިކޮށް ރޭންޖަރުންނާ އުޅަނދުގެ "ލައިވް ލޮކޭޝަން" ހިއްސާކުރުން.
30 ޖޫން 2026 ގެ ކުރިން އުޅަނދުގެ ބުރަފަތީގައި ރައްކާތެރިކަމުގެ ދާ (propeller guards) ހަރުކުރުން.
މެނޭޖްމަންޓް ޕްލޭންގައި ބަޔާންކޮށްފައިވާ ދުވެއްޔާއި، ދުރުމިނާއި، ކަނޑުގެ ބިޔަ ދިރުންތަކާ (mega fauna) މުޢާމަލާތްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކަށް ފުރިހަމައަށް ތަބާވުން.
އީ.ޕީ.އޭ އިން އިތުރަށް ބުނެފައިވަނީ، ސަމްޕާ ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ރައްކާތެރި އަދި ފަތުރުވެރިންނަށާއި އާންމުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އުޅަނދުފަހަރުގެ ވެރިންނާއި މުވައްޒަފުން ދެއްވާ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ. މި އުސޫލުތަކަށް އަމަލުކުރުމުން، ކަނޑުގެ ދިރުންތަކަށް ލިބޭ ގެއްލުން ކުޑަވެ، އެ ސަރަޙައްދުގެ ގުދުރަތީ ރީތިކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.
ހަބަރު؛ ސަރުކާރު