މާލޭގެ މާރުކޭޓް ކޮމްޕްލެކްސް ތަރައްޤީކުރުމަށް މާލެ ސިޓީ ކައުންސިލުން އަމިއްލަ ކުންފުންޏަކާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްދޭން އެ ކުންފުނިން އެދިފައިވާއިރު ވެސް، އެކަން ނުކޮށް އޮތުމުގެ ސަބަބުން ސަރުކާރުގެ މަޝްރޫޢަށް ހުރަސްއެޅެމުންދާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މާރުކޭޓުގެ މަޝްރޫޢަށް 126 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ތިން ފަންގިފިލާގެ އިމާރާތެއް ތަރައްޤީކުރުމަށް ވަނީ ޕްލޭންކޮށްފައެވެ. ނަމަވެސް، މި މަސައްކަތް ހަވާލުކޮށްފައިވާ އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑުން ވަގުތީ ގޮޅިއެއް ހެދުން ފިޔަވައި އެއްވެސް ޢަމަލީ މަސައްކަތެއް ކޮށްފައިނުވާ ކަމަށް ވުޒާރާއިން ފާހަގަކުރައްވައެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ލޯކަލް މާރުކޭޓު ސަރަޙައްދުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އިޢުލާނުކޮށްފައިވާ "ވެޓް މާކެޓް" މަޝްރޫޢަށް ބޭނުންވާ ބިން ހަވާލުކޮށްދޭން ސިޓީ ކައުންސިލުގައި ތަކުރާރުކޮށް އެދިފައިވާ ކަމަށެވެ. ނަމަވެސް، މިދިޔަ މަހުގެ 20 ވަނަ ދުވަހު ކައުންސިލުން ފޮނުވި ސިޓީއެއްގައި ބިން ހަވާލުކުރެވެން ނެތް ކަމަށް ބުނެފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ސިޓީ ކައުންސިލުން ބިން ހަވާލުނުކުރާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ މާރިޗު މަހު އިންޖިނިއަރިން ކޮންސަލްޓަންސީ ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން އަދިވެސް ދެމިއޮތުމެވެ. އެހެންނަމަވެސް، ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ އެ ކުންފުނިން އެއްބަސްވުން ބާތިލްކުރަން އެދިފައިވާތީ، އެކަން ނުކުރަންވީ އެއްވެސް ސަބަބެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.
މި މަޝްރޫޢުގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރު ވެސް ޢަމަލީ މަސައްކަތް ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ވުޒާރާއިން ހާމަކުރެއެވެ. "މަސައްކަތް ނުފެށި ހަމައެކަނި ލަސްވާ ސަބަބަކީ، މަޝްރޫޢު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް ހަވާލުކޮށްފައިނުވުން" ކަމަށް އެ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.