އަންހެނަކުހިލޭފިރިހެނުންގެ ކުރިމަތީގައި މޫނު ނިވާކުރުމުން ނަމަވެސް ބުރުގާ އެޅުމުން ނަމަވެސް އަދި ދީނުގައި އަންގަވާފައިވާ އެހެން ކަމެއް ކުރުމުންނަމަވެސް މަލާމާތާ ފުރއްސާރަކުރުމަކީ ދީނަށް ފުރައްސާރަކުރުމެވެ. އެހެނީ މަލާމާތް އެކުރެވެނީ ﷲ ގެ އެންގެވުމަކަށެވެ.
ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ބޯލެނބުމާއި ޢަމަލުކުރުމަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އަޅުވެތިވުމެވެ. އިންކާރުކޮށް ދެކޮޅުހެދުމާއި ޢަމަލު ނުކުރުން ވާނީ ހައްދުފަހަނައަޅައިދިއުން ކަމަށެވެ. ވީމާ ހައްދުފަހަނައަޅައިދާ މީހުންނަކީ އެއީއެވެ. އިންކާރުކޮށް ދެކޮޅުހަދާ މީހުންނެވެ.
މިބަޔާންކުރި ފަދަ ކަންކަމުގައި ބައެއް މީހުން މަލާމާތާއި ފުރައްސާރަކުރަނީ މަޖަލަކަށް ހަދައިގެންނެވެ. އިސްލާމް ދީން ބާވައިލެއްވެވީ މަޖަލަކަށް ހެދުމަކަށް ނޫނެވެ. ދީނުގެ ޙުކުމްތަކަކީ ކުޅިވަރެއް ނޫނެވެ. ޢަމަލުކުރުން މަޖުބޫރު ކަންކަމެވެ.
މުނާފިޤުން ނަބިއްޔާ ﷺ ގެ އަޞްޙާބުންނަށް މަލާމާތްކުރުމުން އަންނަނިވި އާޔަތް ބާވާލެއްވިއެވެ.
"ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟"
"ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ."
--މަޢުލޫމާތު: ޝައިޚް ޝިފާންގެ ދަރުސަކުން