އަހުރެންނަކީ އަމިއްލައަށް ކުރާ މަސައްކަތުން ކުރިއެރުން ލިބެމުން އައި މީހަކީމެވެ. ކުރިއަރަމުންގޮސް 2 ފިހާރަ ހުޅުވުނެވެ. އެހިސާބުން ކުރިއެރުން ބަންދުވެއްޖެއެވެ. މަޑުމަޑުން ގެއްލުންވާންވެސް ފަށައިފިއެވެ.
މިވާހަކަ އެކުވެރި ޝައިޚެއްގެ ގާތުގައި ބުނުމުން ޖަވާބުގައި ބުނީ އެންމެ ޖުމުލައެކެވެ. "ދުނިޔެ ލިބިގަންނަން މަސައްކަތްކުރުން ހުއްޓާލައިފިނަމަ އެމީހަކަށް ދުނިޔެ ދެއްވަވާނެއެވެ!"
ގެއަށްގޮސް ވަރަށް ވިސްނީމެވެ. އެބަހުގެ މާނަ އޮޅުންފިލުވަން ނުއެނގިގެން އަނބިމީހާގެ ގާތުގައި ބުނުމުން ބުނީ ޝައިޚް އެވިދާޅުވަނީ އަޅުކަންކުރުމަށް އިސްކަން ދިނުމަށެވެ. ދިރިއުޅެން މަސައްކަތްކުރަން އޮތީ އަޅުކަންކުރުމަށް އިސްކަންދީގެން ކަމަށެވެ.
އެހިސާބުން ކަންކަން ބަދަލުކުރީމެވެ. ބަންގިގޮވުމުގެ ކުރިއަށް މިސްކިތަށް އަރަންފެށީމެވެ. ރޭއަޅުކަންވެސް ކުރަންފެށީމެވެ. ލިބޭ މިންވަރުން ޞަދަޤާތްކުރަން ފެށީމެވެ.
ނަތީޖާ ބުނަން ހެއްޔެވެ؟ އަހަރުވީއިރު އެއްފިހާރަ ސްޕަމާކެޓަކަށް ބަދަލުކުރެވުނެވެ. އިތުރު ފިހާރައެއްވެސް ހުޅުވުނެވެ.
ފިލާވަޅު ލިބިގަންނަންވީ މިފަދަ ޙާދިސާތަކުންނެވެ. ދުނިޔެ ހޯދަން ތެޅިފޮޅުނަސް ކުރިއެރުން ލިބޭޜނީ ﷲ ތަޢާލާ ދެއްވެވުމުންނެވެ. ވީމާ ފުރަތަމަކަމަކަށް އަޅުކަންކުރުން ގިނަކުރާށެވެ. އެމީހަކަށް ރަނގަޅު ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން