ވަރަށް ފަހުން ހިނގި ކަމެކެވެ. އަނބިމީހާގެ ފޯނަށް 4 ފަހަރު ގުޅާފައި އޮތް މިސްކޯލު ފެނުމުންނާ އެއިގެ ފަހުން އެތައްފަހަރަކު އަނބިމީހާ އެނަންބަރަށް ގުޅާފައި އޮތުމުން ފިރިމީހާގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ. ނުދަންނަ، ސޭވްނުކުރާ ނަންބަރަކަށްވާތީއެވެ. އެހެންވެ އަނބިމީހާއަށް ނުބައި ތުހުމަތުތައްކޮށް އެއްޗެތިގޮވުމުން އަނބިމީހާ އެދުނީ އެނަންބަރަށް ފިރިމީހާ ގުޅައިލުމަށެވެ.
އެވަރުންވެސް އެއްޗެތިގޮވަމުން ނަންބަރަށް ގުޅައިލުމުން ފޯނުނެގީ ފިރިމީހާގެ މަންމައެވެ. އެއީ މަންމަ އަލަށް ނެގި ނަންބަރެކެވެ. ޢާންމުކޮށް ބޭނުންކުރާ ނަންބަރަކަށްނުވާތީ ދަރިފުޅަށް ނުދީއޮތީއެވެ.
ދެން ބަލަންވީ ޝައިޠޯނާގެ ބަހަށް ހެއްލެވި ފިރިމިހާއަށް އެކުރެވުނު ކަންތައްތަކުން އަނބިމީހާގެ ހިތަށް ކުރާނެ އަސަރަށެވެ. ވަފާތެރިއިރުވެސް އެވަރަށް އިތުބާރުކުޑަކޮށްލީމާ ފޫހިނުވާނީ ކާކުހެއްޔެވެ؟
ދެން މިބަލައިލަނީ ތުހުމަތުތަކުން ބަރީޢަވެ ހުންނަން މަސައްކަތްކުރަންޖެހޭ މިންވަރަށެވެ.
ކިތަންމެ ރަނގަޅަށް އުޅުނަސް މީސްތަކުންގެ ތުހުމަތުން އޮންނާނީ ސަލާމަތްނުވެވިފައެވެ. އެއީ އެމީހުންގެ ވިސްނުމަށް ޝައިޠޯނާ ވައްދުވާ ކަންތައްތަކުގެ ސަބަބުންނެވެ. އެކަމަށް ސަމާލުވެ ތިބުމަށް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘްފުޅުކުރައްވަވައިފައެވެ.
އެއްރެއަކު ރަސޫލް ﷺ ، އިތުރުއެކަލޭގެފާނުގެ އަނބިކަނބަލުން އުންމުލްމުއްމިނީން ސަފިއްޔާގެ ފާނާއިއެކު ހިންގަވާފައި ވަޑައިގަންނަވަނިކޮށް 2 ޞަހާބީއަކަށް ފެނިވަޑައިގަތުމުން އެބޭކަލުންގެ ހިންގެވުން ބާރުކޮށްލެއްވެވިއެވެ. އެތަން ފެނިވަޑައިގަތުމުން ހިންގެވުން މަޑުކުރައްވަވަން ވިދާޅުވިއެވެ. އަދި އަރިއަހުގައިވަނީ އަނބިކަނބަލުންކަމަށް ވިދާޅުވިއެވެ.
އެދެބޭކަލުން ވީދެރަފުޅުން "ތިމަންމެން ކަލޭގެފާނާއިމެދު ނުބައި ޝައްކެއް ނުކުރައްވަވާ ކަމަށާއި ނުވެސް ކުރައްވަވާނެ" ކަމަށް ދެންނެވުމުން ޙަދީޘްފުޅުކުރެއްވެވީ ހަށިގަނޑުގައި ލޭދައުރުކުރާފަދައިން ޝައިޠޯނާ އަހަރެމެންގެ ހަށިގަނޑުގައި ދައުރުކުރާ ކަމަށެވެ. ޝައިޠޯނާ ނުބައި ވަސްވާސެއް ދީފާނެކަމަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރަސޫލް އާއިބެހޭ ގޮތުން ޞަޙާބީންގެ ހިތްޕުޅުގައި ޝައްކު އުފައްދުވަން ޝައިޠޯނާ މަސައްކަތްކުރާއިރު، އަހަރެމެންގެ ބައިވެރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންނާއި އެކުވެރިންނާއި މިހެންގޮސް އެންމެންގެ ހިތުގައި ޝައްކުތައް އުފައްދުވަން ޝައިޠޯނާ ކިހާވަރަކަށް މަސައްކަތްކުރާނެ ހެއްޔެވެ؟
މީހަކުކުރާ ފޯނުކޯލަކަށް ޖަވާބު ނުދެވުނަސް، އޮޅިގެން ދައުވަތެއް ނުދެވުނަސް މިބާވަތުގެ ކުދިކުދި ކަންކަމާއި ގުޅިގެންވެސް ނުބައި ޝައްކުތައް ހިތުގައި އުފައްދުވަނީ ހަމަ ޝައިޠޯނާއެވެ.
މީސްތަކުންގެ މެދުގައި ޚާއްޞަކޮށް ދެމަފިރިންގެ މެދުގައި ފިތުނަ އުފައްދައި ތަޅާފޮޅުވަން ކުރާ މަސައްކަތް ހިނދުކޮޅަކަށް ނަމަވެސް ހުއްޓައެއް ނުލާނެއެވެ. ކިތަންމެ ހަނިނަމަވެސް ފުރުޞަތެއް ދީފިނަމަ ދެމެދަށް ވަދެގަންނާނެއެވެ. ކުދިކުދި ކަންކަން ބޮޑެތި ކަންކަމުގެ ގޮތުގައި ދައްކުވާނެއެވެ.
ހަޔާތުގެ ބައިވެރިޔާ އާއިމެދުގައިނަމަވެސް އަދި އެހެން މީހަކާއިމެދުގައިވެސް ޝައްކެއް ނުވަތަ ތުހުމަތެއް ކުރެވިއްޖެ ނަމަ ފުރަތަމަ ކަމަކަށް أَعُوْذُ بِاللّٰهِ مِنَ الشَّيْطٰانِ ކިޔައި ޝައިޠޯނާގެ ކިބައިން ރައްކައުތެރިކަމަށް އެދޭށެވެ. އެއިރުން ވަގުތުން ތިމާގެ ހިތާއި ޝައިޠޯނާ އާއިދެމެދު އުފެދިފައިވާ ސިގްނަލް ވަގުތުން ކެނޑިގެންދާނެއެވެ.
ދެވަނައަށް ކުރަން އޮތްކަމަކީ ހަމަ އެއްވެސް މީހަކަށް ނުބައި އެންމެ ބަހެއްވެސް ނުބުނުމެވެ. އެފަދަ ބަހެއް މެސެޖްވެސް ނުކުރުމެވެ. އެހެނީ އެފަދައިން ބުނެވޭ ކިތަންމެ ކުޑަބަހުގައި ހިފައިގެން ވެސް އެކަން ބޮޑު ފިތުނައަކަށް ހަދަން މަސައްކަތްކުރާނެތީއެވެ. އެބަސްތައް ޝައިޠޯނާ ބޭނުންކުރާނީ ޝައިޠޯނާގެ މަޤްޞަދު ޙާޞިލުކުރަން "ރަހަމީރުކުރާ ޝައިޠޯނީ ހަވާދެއް"ގެ ގޮތުގައެވެ.
އިތުރު ވަގުތުކޮޅެއް ހޭދަކޮށްލައިގެން ނަމަވެސް އެންމެ ރިވެތި ބަސްތަކުން މުޚާޠަބްކުރާށެވެ. އެންމެ ރިވެތި ބަސްތަކުން މެސެޖްކުރާށެވެ. ޝައިޠޯނާގެ ފިތުނައިން ސަލާމަތްވެވޭނީ އެއިރުންނެވެ.
- ޝައިޚް މާޖިދް މަޙްމޫދުގެ ދަރުސަކުން