ނިޢުމަތެއް ލިބުމުން އޮތީ ޝުކުރުގެ ސަޖިދަކުރުންކަން ވިސްނޭ މީހުން މަދުވެއްޖެ! ސުންނަތް ދިރުވައި ކަންކަން އިޞްލާޙްކޮށްލަމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 15ސ
ނިޢުމަތެއް ލިބުމުން އޮތީ ޝުކުރުގެ ސަޖިދަކުރުންކަން ވިސްނޭ މީހުން މަދުވެއްޖެ! ސުންނަތް ދިރުވައި ކަންކަން އިޞްލާޙްކޮށްލަމާ!

މިހާރަކަށް އައިސް އާދައަކަށްވެފައި މިއޮންނަނީ ނިޢުމަތެއް ދެއްވެވުމުން ބޮޑެތި ހަފްލާތައް ބޭއްވުމާއި އުފާ ފައުޅުކުރުމެވެ. އުފާ ފައުޅުކުރުމުގެ ނަމުގައި ގިނައިން ކުރެވެނީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ޢަމަލުތަކެވެ. ނަމަވެސް މުސްލިމުން ފުރަތަމަވެސް ކުރަން އޮތް ކަމަކީ ދެއްވެވި ނިޢުމަތަށް ޝުކުރުވެރިވެ ޝުކުރުގެ ސަޖިދަކުރުމެވެ. ވީމާ މިއީ ހޭލުންތެރިކަން އިތުރުކުރަންޖެހިފައިވާ ކަމެކެވެ.  

ތިރީގައިވާ ލިޔުން ވިޑާޅުވެލައްވާށެވެ! ވަރަށް ގިނަ މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ   

ފުރަތަމައީ: 

ނިޢުމަތެއް ލިބުމުން ނުވަތަ ނުބައެއް އެކަހެރިވުމުން ޝުކުރުގެ ސަޖިދަކުރުމަކީ ސުންނަތެކެވެ. އެއީ ޚާއްޞަ ނިޢުމަތެއް ލިބުމުން ނުވަތަ މުސްލިމުންނަށް ޢާންމު ނިޢުމަތެއް ލިބުމުންނެވެ. މިޘާލަކަށް: ޢަދާވާތްތެރިންގެ މައްޗަށް ނަޞްރުލިބުމުންނެވެ. ނުވަތަ މުސްލިމުންގެ ކިބައިން ވަބާއެއް ފިލައިގެން ދިޔުމުންނެވެ. 

ނަބިއްޔާ صلى الله عليه وسلمގެ އަރިހުން އަބޫ ބަކްރާ رضي الله عنه ރިވާކުރައްވާފައިވެއެވެ.

((أَنَّهُ كَانَ إِذَا جَاءَهُ أَمْرُ سُرُورٍ أَوْ بُشِّرَ بِهِ خَرَّ سَاجِدًا شَاكِرًا لِلَّهِ))  [رواه أبو داود (٢٧٧٤) وصححه الشيخ الألباني رحمه الله ]

މާނައީ: "އެކަލޭގެފާނަށް އުފާވެރިކަމެއް މެދުވެރިވުމުން ނުވަތަ އެފަދަ ޚަބަރެއް ލިބުމުން ﷲއަށް ޝުކުރުއަދާކުރުމުގެ ގޮތުން ސަޖިދައަށް ތިރިވެވަޑައިގަންނަވައެވެ." 

ދެވަނައީ:

އެކަކު ނުވަތަ އެއަށްވުރެ ގިނަ ޢަދަދެއްގެ ބަޔަކު ޝުކުރުވެރިވުމުގެ ގޮތުން ސަޖިދަކުރުމަކީ މައްސަލައެއްނޫނެވެ. އެއީ އެބައިމީހުން އެންމެންނަށް ޢާންމުވެގެންވާ ނިޢުމަތެއްކަމުގައި ވާނަމައެވެ. ނަމަވެސް އެއީ އެކަމަށް އިއްތިފާޤުވެގެން ކުރާކަމެއްނޫނެވެ. އަދި ވަކިތަރުތީބަކުން ކުރާކަމެއްވެސް ނޫނެވެ. އެއީ ސަބަބަކާ ހުރެ ކުރާ ސަޖިދައެކެވެ. އެސަބަބު މެދުވެރިވުމުން މިސަޖިދަކުރުން ޝަރުޢުވެގެންވެއެވެ. އެއީ އެކަކަށް ނުވަތަ ގިނަ ބަޔަކަށް އެކަން މެދުވެރިވި ނަމަވެސްމެއެވެ. 

ވަކި ވަޤުތެއް ނުވަތަ ތަނެއް ކަނޑައަޅައިގެން ޖަމާޢަތުގައި ޝުކުރުގެ ސަޖިދަކުރުމާމެދު ދަންނައެވެ. ފަހެ އެއީ ބިދުޢައެކެވެ. އޭރުން ޝުކުރުގެ ސަޖިދަ އޭގެ މައުޟޫޢުއިން ބޭރުކުރެވުނީއެވެ. އަޅުކަމުގެ އަޞްލަކީ ދަލީލެއްނެތި އެކަން ނުކުރުމެވެ. އެއްވެސް އަޅުކަމަކީ ނަބިއްޔާ صلى الله عليه وسلمގެ ހިދާޔަތާ އެއްގޮތްނުވާނަމަ ކުރުން ޝަރުޢުކުރެވިގެންވާ ކަމެއްނޫނެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. 

((مَنْ عَمِلَ عَمَلاً لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ)) [رواه مسلم ١٧١٨] 

މާނައީ: "ތިމަންމެންގެ މި ދީނުގައި ނެތް ޢަމަލެއްކޮށްފިމީހާ ދަންނައެވެ. ފަހެ، އެ ކަމެއްވަނީ (ބާޠިލުވެ) ރައްދުވެގެންނެވެ."  

ތިންވަނައީ: 

ނަމާދަށް ޠަހާރަތު ޝަރުޠުކުރެވިފައިވީ ނަމަވެސް ޝުކުރުގެ ސަޖިދަކުރުމަށް ޠަހާރަތު ޝަރުޠުވެގެންނުވެއެވެ. އަދި ޢައުރަ ފުރިހަމައަށް ނިވާކުރުމާ ޤިބްލައަށް ކުރިމަތިލުންވެސް މިކަމަށް ޝަރުޠުކުރެވިގެންނުވެއެވެ. އަދި އެނޫން ޝަރުޠުތައްވެސް ކުރެވިގެންނުވެއެވެ. އެއީ ޤިބްލަހުރި ދިމާ އެނގުނަސް އަދި އެކަންކުރުމުގެ ކުޅަދާނަކަން ހުރިނަމަވެސްއެވެ.

والله أعلم

 

- މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން