ޕޭޕަލްގެ ޚިދުމަތްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ފަހިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޫރީދޫގެ ސީއީއޯ ޝާދީ ގަވާސްމީ ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
ޕޭޕަލްގެ ޚިދުމަތްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ފަހިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޫރީދޫގެ ސީއީއޯ ޝާދީ ގަވާސްމީ ބައިވެރިވެވަޑައިގެންފި

ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ މަގު ފަހިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، އޫރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީ.އީ.އޯ އަލްފާޟިލް ޝާދީ ގަވާސްމީ ބައިވެރިވެވަޑައިގެންފިއެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ޖަލްސާގެ ބައިވެރިންނަށް މަރުޙަބާ ދަންނަވައި، މި މުހިންމު ލަނޑުދަނޑި ހާސިލުކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

ޝާދީ ގަވާސްމީގެ ވާހަކަފުޅުގައި، މި ތާރީޚީ ފުރުސަތު ހޯދުމަށްޓަކައި ގުޅިފައިވާ އެކި ފަރާތްތަކުން ކުރި ބުރަ މަސައްކަތްތަކާއި، މިކަމަށް ދެވުނު ޚާއްޞަ އިސްކަން ފާހަގަކުރެއްވިއެވެ. މިއީ ރާއްޖޭގެ ޑިޖިޓަލް މުޢާމަލާތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން އާންމު ފަރުދުން ބާރުވެރިކުރުވުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ. ދުނިޔޭގެ ޑިޖިޓަލް އިގްތިސާދުގައި އިތުބާރާއެކު ބައިވެރިވުމަށް ދިވެހިންނަށް އޫރީދޫ މެދުވެރިކޮށް ހުޅުވިގެންދާ އާ ފުރުސަތުތަކުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ.

މި ޚިދުމަތާއެކު، ރާއްޖޭގެ ފްރީލާންސް މަސައްކަތްތެރިންނަށާއި ވިޔަފާރިވެރިންނަށް ބައިނަލްއަގުވާމީ މާކެޓްތަކުގައި މުޢާމަލާތް ކުރުމަށް ފަސޭހަވެ، އިގްތިސާދީ ގޮތުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން