ބައިވެރިޔާގެ ނަމަވެސް ހިތްދަތިވާނެ ބަސްބުނުމާ ކަންކަންކުރުމަކީ މިދުނިޔޭގައާ އާޚިރަތުގަވެސް އެކަންކަމާ ކުރިމަތިލާންޖެހޭނެ ކަންކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބައިވެރިޔާގެ ނަމަވެސް ހިތްދަތިވާނެ ބަސްބުނުމާ
ކަންކަންކުރުމަކީ މިދުނިޔޭގައާ އާޚިރަތުގަވެސް އެކަންކަމާ ކުރިމަތިލާންޖެހޭނެ
ކަންކަން!


ގޮނަ ބައަކު ދުލުން ބަސްތައް ބުނެއުޅެނީ އަދި ކަންކަން ކުރަނީ އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތިއެވެ. ވިސްނައި ނުލައެވެ. ހިތަށް އެރިހައި ބަހެއް ބުނެލަނީއެވެ. ހިތަށް އެރިކަމެއް ކޮށްލަނީއެވެ. އަނެކާ ހުރި ޙާލަތަށް އަދި އޭނާއަށް ލިބިދާނެ ހިތްދަތިކަމަކަށް ބަލައިލުމެއްވެސް ނެތިއެވެ.  

ބައެއް މީހުން އެހެން މީހުންގެ ހިތުގައި ޖެހޭފަދަ ބަސްތައް ބުނަނީ މާބޮޑު ކަމަކަށް ހަދައިގެނެއްވެސް ނޫނެވެ. ސަމާސައަކަށް ހަދައިގެންވެސް ބުނެފާނެއެވެ. ސަމާސަކުރަންވެސް ބަސްތައް ބުނަންވާނީ އަނެކާގެ ހިތުގައި ނުޖެހޭނެ ގޮތަށް ބަލައިގެންނެވެ. ޤަޞްދުގައި ނޫން ނަމަވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ބަހެއް ބުނެވިއްޖެނަމަ އެކަންވާނީ އޭނާއަށް ކުރެވުނު ބޮޑު އަނިޔާޢަކަށެވެ.  

އެވަޤުތަކީ ތިބާ ހިތްހަމަޖެހިލައިގެން އުފަލުގައި ހުރި ވަޤުތަކަށްވެދާނެއެވެ. ނަމަވެސް އަނެކާހުރީ ކޮން ޙާލެއްގައިކަމެއް ނުއެނގޭނެއެވެ. ކިތަންމެ ރީތި ހެދުމެއް ލައި، ކިތަންމެ މީރުވަސްދުވާ ސެންޓެއް ޖަހައިގެން އަދި މޫނުމަތިން ހިނިތުންވުން ދައްކައިގެން ހުރިނަމަވެސް އެވަޤުތަކީ ކޮންމެވެސް ކަމަކާއި ދެރަވެ ހިތުގައި ޖެހި އޭނާގެ ހިތް އަނދަމުންދާ ވަޤުތަކަށްވެސް ވެދާނެއެވެ.  

މިއީ ދެމަފިރިން ކަމުގައިވީނަމަވެސް ސަމާލުކަންދޭންޖެހޭނެ ކަމެކެވެ. އަނެކާގެ ހިތުގައި ޖެހޭނެ ފަދަ ބަހެއް ބުނުމަކީ ކުރެވޭ އަނިޔާއެކެވެ. ވީމާ ބަސްބުނަންވާނީ އެކަމަށް ވިސްނައިގެންނެވެ.

ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. އަނބިމީހާއަށް ކެއްކިފައި ހުރީ އެހައިމީރުކޮށް ނޫންކަމަށްވެދާނެއެވެ. އެވަޤުތު އަނބިމީހާއާއި ދިމާއަށް ތިބާއަކީ އެއްވެސް އެއްޗެއް މީރުކޮށް ކައްކަން އެނގޭ މީހެއް ނޫންކަމަށް ނުވަތަ ފަރުވާކުޑަކޮށް ކައްކާ މީހެއް ކަމަށް ބުނެގެން ނުވާނެއެވެ. ސަބަބަކީ ހަމައެކަކުވެސް ޤަޞްދުދުގައި ހަމައެކަކުވެސް ރަހަ ނުބައިވާ ގޮތަކަށް ނުކައްކާނެއެވެ.

އެއްވެސް މީހެއްގެ ހިތުގައި ޖެހޭފަދަ ކަމެއްކޮށްފިނަމަ އެކަން އެނބުރި އެމީހަކާއި ދިމާއަށް އަންނާނެއެވެ. ނުއެނގެނީ އަންނާނެ ވަޤުތަކާއި އަންނަނާނެ ގޮތެކެވެ. އަދި އެވަރަކުންވެސް ނުނިމޭނެއެވެ. ޤިޔާމަތްދުވަހުވެސް އެކަން އެމީހަކާއި ކުރިމަތިލާނެއެވެ. ވީމާ އެއްވެސް މީހެއްގެ ހިތުގައި ޖެއްސުމަކީ ކުޑަކަމެއްކަމަށް ހީވެސް ނުކުރާށެވެ! އެއީ ވަރަށް ބޮޑު ކަމެކެވެ.

 

--މަޢުލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

--މިއަދުނޫސް

މިއަދު އޮންލައިން