ކޮންމެ ދުވަހަކު ބައިވެރިޔާއަށްވުރެ މާރީތި އެތައް ބައަކު ފެންނާނެ! އެއެންމެންނަށް ކަޅިއަޅާ މީހަކަށް ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ކޮންމެ ދުވަހަކު ބައިވެރިޔާއަށްވުރެ މާރީތި އެތައް
ބައަކު ފެންނާނެ! އެއެންމެންނަށް ކަޅިއަޅާ މީހަކަށް ދުވަހަކުވެސް ކުރިއެރުމެއް
ނުލިބޭނެ!

 

ފުރަތަމަ ފާހަގަކޮށްމިލަނީ ޙާދިސާއެކެވެ.

އެކުވެރިޔާގެ އަނބިމީހާ މާރީތިވެގެން ކޮންމެ ގޮތަކުން ނަަމަވެސް އޭނާ ބޭނުންވި މީހެއްގެ ވާހަކައެވެ.

އޭނާ ހޯދުމުގެ ބޭނުމުގައި ހެޔޮލަފާ އަނބިމީހާ ދޫކޮށްލިއެވެ. ވަރިކޮށް ފޮނުވައިލިއެވެ. ނެތްފެންވަރުން ޚަރަދުކުރަން ހަދައިގެން ދަރަނިވެރިވިއެވެ. ވަރިކުރުވައިގެން ކައިވެނިކުރިއެވެ. ގެއަށް ގެނެސް ބަލައިލިއިރު ކައްކާކަށް ނުއެނގެއެވެ. ކަންނެތްކަން އިންތިހާއެވެ. ޒީނަތްތެރިވެގެން ހުރުން ނޫން ކަމެއް ކުރާކަށް ބޭނުމެއް ނުވެއެވެ. ލިބޭ މުސާރައަށްވުރެ ދެގުނަ އިތުރަށް ޚަރަދުކުރަންޖެހެއެވެ،

ލިބުނު ބޮޑު ދެރަ ވިސްނި ކުރީގެ އަނބިމީހާގެ އަގު ވަޒަންކުރެވުމުން އޭނާ ކޮބައިތޯ ބެލިއިރު މާތަނަވަސް މީހަކާއި ކައިވެނިކޮށް އުފަލުގައި އުދުހެނީއެވެ. އެތައް މަސައްކަތެއް ކުރުމުންވެސް އެންމެ ކުޑަމިނުން ވާހަކަދައްކާލަންވެސް ފުރުޞަތެއް ނުދިނެވެ.  

ރީތީގެ ފަހަތުން ދުވާ ގިނަ ބައަކަށް ޖެހެނީ މިފަދަ ޙާލެކެވެ.  

މުފްތީ މެންކުގެ ނަޞީޙަތް: 

މިހާރަކަށް އައިސް ގިނަ ކައިވެނިތަކެއް ރޫޅެމުންދާ އެއްސަބަބަކީ އަނެކާގެ ބައިވެރިޔާގެ ކަންކަމަށް ބެލޭކަމެވެ. އެގޮތުން އަނެކާގެ ބައިވެރިޔާގެ ރީތިކަމަށާއި ތަނަވަސްކަމަށާއި އަދި އަނެކާގެ ބައިވެރިޔާއަށް ލިބޭ އާމްދަނީއަށްވެސް އެބަ ބަލައެވެ.

މިފަދައިން ކަންކަންކުރާ މީހުން ރަސޫލް ﷺ ގެ ޙަދީޘްފުޅަށް އެއްވެސް ވަރަކަށް ނުބަލައެވެ. ޙަދީޘްފުޅުގައި އޮތީ ތިމާއަށްވުރެ ނިކަމެތި ޙާލުގައި އުޅޭ މީހުންނަށް ބެލުމަށެވެ. ވީމާ ބަލަންވީ ތިބާގެ ބައިވެރިޔާއަށްވުރެ ސިފަ ހުތުރު، ފަޤީރު އަދި އާމްދަނީވެސް މަދުންލިބޭ މީހުންނަށެވެ. އެއިރުން ތިބާގެ ބައިވެރިޔާގެ ކިބައިން ފެންނަކަންކަން މުޅިން ބަދަލުވެގެންދާނެއެވެ.  

އެހެން މީހަކަށް ﷲ ތަޢާލާ ދެއްވަވާ ނިޢްމަތްތަކަށް ނުވިސްނާށެވެ. އެމީހާއަށް އެދެއްވަވަނީ އެމީހާއަށް ދެއްވަވަން ކަނޑައަޅުއްވަވާފައިވާ ކަންކަމެވެ. އެހެން މީހަކަށް ކިތަންމެ ގިނަ ނިޢްމަތްތަކެއް ދެއްވެވިނަމަވެސް ތިބާއަށް ދެއްވަވަން ކަނޑައަޅުއްވަވާފައިވާ އެއްވެއްސް ނިޢްމަތަކުން އެއްވެސް މިންވަރެއް އުނިނުކުރައްވަވައި ތިބާއަށް ދެއްވަވާނެތެވެ.  

ދުނިޔޭގައި އުޅޭއިރު ރީތި މީހުން އަބަދުވެސް ފެންނާނެތެވެ. މިއަދު ފެނުނު މީހުންނަށްވުރެ މާރީތި މީހުން މާދަމާ ވެސް ފެނިދާނެއެވެ. ރީތި ކޮންމެ މީހަކީ ތިމާގެ ބައިވެރިޔާކަމަށް ހަދަން ނުވިސްނާށެވެ. އެއީ ދުނިޔޭގެ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި މިހައިތަނަށް ކުރެވިފައި ވެސް އޮތްކަމެއް ނޫނެވެ. ވީމާ އެއީ ތިމާއަށް ކުރެވިދާނެ ކަމެއްކަމަށް ހީވެސް ނުކުރާށެވެ. ސަބަބަކީ ކުރިން ބުނިހެން ކޮންމެ ދުވަހަކުވެސް މާރީތި އެތައް ބައަކު ފެންނާނެތީއެވެ. އެއެންމެންނާއި ކައިވެނިކުރަންވެއްޖެނަމަ ކޮންމެ ދުވަހަކު ޖެހޭނީ އެތައް ކައިވެންޏެއް ކުރަން ނޫން ހެއްޔެވެ؟  

ކޮންމެ މީހަކުވެސް ކައިވެނިކުރަނީ އެތައް ކަމަކަށް ބެލުމަށްފަހުގައެވެ. އަދި ކައިވެނިކުރަންވާނީވެސް ބަލަން ތިމާ ބޭނުންވާ ހުރިހާ ކަންކަމަކަށް ބެލުމަށްފަހުގައެވެ. ވީމާ ކައިވެނިކުރުމަށްފަހު އޮތީ ކައިވެނި ދަމަހައްޓަން މަސައްކަތްކުރުމެވެ. ކުރެވުނު ކައިވެންޏަކީ ބާއްޖަވެރި އުފާވެރި ކައިވެންޏަކަށް ހަދަން މަސައްކަތްކުރުމެވެ. އެކަން ޙާޞިލުކުރެވޭނީ ދެމަފިރިން އެކުގައި އެކަމަށް މަސައްކަތްކުރިވަރަކުންނެވެ. މިކަންކަމަށް ދެމަފިރިންވެސް ސަމާލުކަންދީފިނަމަ ކައިވެނި ރޫޅުން މަދުވާނެއެވެ. އިން ޝާ ﷲ 

--މުފްތީ މެންކުގެ ދަރުސަކުން  

މިއަދު އޮންލައިން