ކައިވެނިކުރާއިރު ބލަންވީ ކައިވެނިކުރެވޭ މީހާގެ
ސަބަބުން ތިމާއަށް ރަނގަޅު ގޮތްތަކެއް މެދުވެރިވުމަކަށް ނޫނެވެ. ތިމާގެ ސަބަބުން އަނެކާއަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށެވެ. އެނިޔަތުގައި ކައިވެނިކޮށް އެގޮތުގައި ދިރިއުޅޭނަމަ ﷲ ތަޢާލާ އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ.
އަހުރެންގެ ތަޖުރިބާއަށް ބަލައި ބުނަމެވެ. ކައިވެނިކުރަން ބައިވެރިއަކު އިޚްތިޔާރުކުރާއިރު ތިމާއަށްވުރެ ދެރަ، ނިކަމެތި މީހުން އިޚްތިޔާރުކުރުމުން ކައިވެނީގެ އުފާވެރިކަން އިތުރުވެއެވެ. ރިވެތި އަޚްލާޤާއި ތަޤްވާވެރިކަމަށް ބަލައިގެން ކައިވެނިކުރުމުން އުފާވެރިކަން އަދި މާބޮޑަށް އިތުރުވެގެންދެއެވެ.
އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ޤިޔާމަތް ދުވަހު މީޒާނުގައި އެންމެ ބުރަކަންބޮޑީ ރިވެތި އަޚްލާޤެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖައިން ފުރުޞަތުލިބޭ މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނޭނީ އެންމެ އަޚްލާޤް ރަނގަޅު މީހުންނެވެ.
ގިނަބައަކަށް އެމީހުންގެ ސައިޒު ފެންނަނީ މާބޮޑުކޮށެވެ. އިރު އަރައިގެން އަންނައިރު ނުވަތަ އޮއްސެންދާއިރު ހިޔަނި މާދިގުވެފައި ހުންނަފަދައިން ތިމާގެ އިސްކޮޅާއި ހައިބަތު މާބޮޑުވެފައި ހުއްޓައެވެ. އެހެންވީމާ ތިމާއަށްވުރެ ދަށުދަރަޖައިގެ މީހަކުކަމަށް ޤަބޫލުކުރެވޭ މީހަކާއި އަނގައިން ބުނަންވެސް ބޭނުމެއް ނުވެއެވެ.
ވަކި މީހަކަށް ބުނާ ބަހެއް ނޫނެވެ. މިއީ މިއަދު އަހަރެމެންގެ ތެރެއިން ވަރަށް ގިނަ ބައަކަށް ކަންތައް ކުރެވޭ ގޮތެވެ. މިކަމުގެ ސަބަބުން އެންމެ ދެރަގޮތްތައް މެދުވެރިވާ އެއްކަމަކީ ކައިވެނިކުރާނެ ރަނގަޅު ބައިވެރިއަކު ނުލިބުމެވެ. މިސާލަކަށްބުނާނަމަ ތިމައާއި އެއްފެންވަރުން ނުވަތަ ތިމާއަށްވުރެ މަތިން ކައިވެނިކުރަން އުޅެންހަދައިގެން ގިނަފަހަރު ކައިވެނިކުރެވެނީ ޒަވާޖީ ހަޔާތުގެ ދިރިއުޅުމަށް ބަލައިފިނަމަ އަސާސީ ފެންވަރުވެސް ނެތް މީހުންނާއިއެވެ. އަޚްލާޤާއި ތަޤްވާވެރިކަމުގައި ފޭލްވެފައި ތިބޭ މީހުންނާއިއެވެ.
އެއިރު ތިމާއަށްވުރެ ފެންވަރުގެގޮތުން ދަށްކަމަށް ޤަބޫލުކުރެވޭ، އަޚްލާޤީ ގޮތުންނާއި ތަޤްވާވެރިކަމުގެ ގޮތުން އެންމެ މަތީފާސް ހޯދައިގެންތިބި އެތައް ބައަކު އޭނާއާއި ކައިވެނިކުރަން ތިބެނީ އެދިއެދިއެވެ. ނަމަވެސް ފެންވަރުގައި މިން އަޅަން ހަދައިގެން އެއިން މީހަކާއި އަނގައިން ބުނަންވެސް ބޭނުމެއް ނުވެއެވެ.
ދެންބަލަންވީ ނަތީޖާއަށެވެ. ފެންވަރަށް ބަލައިގެންކުރާ ގިނަ ކައިވެނިތަކުގައި އޮންނަނީ ދާދި އަވަހަށް މައްސަލަތައް ޖެހިފައެވެ. އިސާހިތަކު ވަރިކުރަން ނުވަތަ ވަރިވާންޖެހިފައެވެ. މިހެން މިވަނީ ﷲ ތަޢާލާގެ އެންގެވުންތަކަށް ވިސްނައިވެސް ނުލެވޭތީއެވެ.
މައްކާގެ މުޝްރިކުން އެންމެ ބޮޑަށް ރަސޫލް ﷺ އަރިއަހުން އެދެމުން ދިއައީ އަރިއަހުގައި ތިއްބެވި ނިކަމެތިންނާއި ދުރުހެލިވެވަޑައިގަތުމަށެވެ. އެމީހުންނާއި ގުޅުން ނުބޭއްވެވުމަށެވެ. ނަމަވެސް ﷲ ތަޢާލާ އެންގެވީ އެމީހުން ދޫނުކުރެއްވެވުމަށެވެ. އެންމެ އަރިއަހުގައި އެމީހުން ބޭތިއްބެވުމަށެވެ. އަދި މަތިވެރިވެގެންވާ ބައަކީ އެއީކަމަށެވެ.
ﷲ ތަޢާލާގެ މިއެންގެވުން މިއަދު މިވަނީ ގިނަ ބައަކު ހަނދާން ނައްތާލައިފައެވެ. ކައިވެނިކުރަންވެސް ބޭނުންވަނީ އެންމެ ތަނަވަސް، ނަސަބުގެ ގޮތުން އެންމެ މޮޅު މީހުންނާއިއެވެ. ވަޒީފާއެއް ދިން ނަމަވެސް ނިކަމެތިން ބާކީކުރަނީއެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ފައިސާވެރިކަމާއި ނަޞަބާއި ޢާއިލާގެ ހައިބަތަށް ބަލައިގެން ކައިވެނިކުރާނަމަ ކަންކަން ކުރިން މި ބަޔާންކުރި ގޮތަށް މެދުވެރިވަމުން އަންނަކަން އެއީ ކޮންމެ ދުވަހަކުވެސް ފެންނަ ކަންކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން