ދަރިން ހޭލައްވުވައި ފެންވަރުވައި ސާފުތާހިރު ޔުނިފޯމް ލައްވައި، ހުރި ފެންވަރުން ރަނގަޅަށް ސައިދީ ދަބަހަށް ފޮތްތައް ހަމަކޮށް، ކާނެ އެއްޗެތިދިނުން ފަދަ ހުރިހާ ކަމެއް ކުރުމަށްފަހު ސްކޫލަށް ގެންގޮސް ދޮރުން ވައްދަމުއެވެ. ހުއްދަ އޮންނަނަމަ ކްލާހާއި ހަމައަށްވެސް ގެންދަމުއެވެ.
ސުވާލަކީ މިވަރުން ފުދޭނެ ހެއްޔެވެ؟ ޖަވާބަކީ ނުފުދޭނެއެވެ. ކުރަން އޮތް އެންމެ މުހިންމު ކަންތައް އަދި އޮތީ ނުކުރެވިއެވެ. އެއީ ދަރިފުޅަށްޓަކައި ދުޢާކުރުމެވެ.
"ޔާ ﷲ! މިއަޅާގެ ދަރިފުޅަށް ސަލާމަތާއި ރައްކައުތެރިކަން ދެއްވަވާނދޭވެ! ޝައިޠޯނާ އާއި ނުބައި އެކުވެރިންގެ ކިބައިން ސަލާމަތްކަން ދެއްވަވާނދޭވެ! ދަރިފުޅަށް ދެރައެއް، ގެއްލުމެއް ލިބިދާނެ ހުރިހާ ކަމަކުންނާ މީހުންގެ ކިބައިންވެސްމެއެވެ.
ޔާ ﷲ! މިއަޅާގެ ދަރިފުލަކީ އުނގެނުމަށް ޝައުޤުވެރިވާ، ފަސޭހައިން ފިލާވަޅުތައް ދަސްކުރެވޭ ކުއްޖެއްކަމުގައި ލައްވަވާނދޭވެ! ދަރިފުޅަށް ދެރައެއް، ގެއްލުމެއް ލިބިދާނެ ކޮންމެކަމަކުން ދަރިފުޅަށް ރައްކައުތެރިކަން ދެއްވަވާނދޭވެ! އިނބަ ﷲ ގެ ލޯބިވެވޮޑިގަތުމާއި ރައްކައުތެރިކަމުން ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް މިއަޅާގެ ދަރިފުޅު މަޙްރޫމް ނުކުރައްވަވާނދޭވެ!" އާމީން
މިބުނެދިނީ ދުޢާއެކެވެ. ތިބާ ބޭނުންވާ ބަދަލެއް ގެންނާށެވެ. އުނިއިތުރު ކުރިޔަސް މައްސަލައެއް ނެތެވެ. ބަލަންވީ ތިބާގެ އަތުން ދަރިފުޅު ދޫކޮށްލުމުގެ ކުރިން، ބޮޑެތިކުދިންނަމަ ގެއިން ނުކުމެގެން ދިއުމުގެ ކުރިން ދަރިންނަށްޓަކައި މިފަދަ ދުޢާއެއް ކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން