ދަޅުމަސް ބަންދުކުރުމަށް މިހާރު ތަރައްޤީކުރާ ކާރުޚާނާތަކާއެކު، ރާއްޖޭގައި ބާނާ މަހުގެ %80 ޕްރޮސެސް ކުރެވޭނެ: ވުޒާރާ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ
ދަޅުމަސް ބަންދުކުރުމަށް މިހާރު ތަރައްޤީކުރާ ކާރުޚާނާތަކާއެކު، ރާއްޖޭގައި ބާނާ މަހުގެ %80 ޕްރޮސެސް ކުރެވޭނެ: ވުޒާރާ

ދަޅުމަސް ބަންދުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ތަރައްޤީކުރަމުންދާ ކާރުޚާނާތައް ނިމުމުން، ރާއްޖޭގައި ބާނާ މަހުގެ 80 އިންސައްތަ ޕްރޮސެސް ކުރެވޭނެ ކެޕޭސިޓީ ޤާއިމުކުރެވޭނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ދަޅުމަސް ބަންދުކުރަނީ މައިގަނޑު ގޮތެއްގައި ފެލިވަރު އަދި ކޫއްޑޫގައި ހުންނަ މަސް ޕްރޮސެސް ކުރާ ފެކްޓްރީތަކުގައެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ކުޑަ ސްކޭލެއްގައި މި މަސައްކަތް ކުރަމުންދެއެވެ. ނަމަވެސް މިހާރު ރާއްޖޭގައި ޤާއިމުވެފައިވާ ކެޕޭސިޓީއަށް ބަލާއިރު، ވެލިއު އެޑްކޮށްގެން ނުވަތަ މަހަށް އަގު އެއްކޮށްގެން ރާއްޖޭއިން ބޭރުކުރެވެނީ ބާނާ މަހުގެ އެންމެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރެކެވެ.

ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ބާނާ މަހުގެ ބޮޑު ބައެއް މިހާރު ބޭރުކުރަނީ ގަނޑުކުރި މަހުގެ ގޮތުގައެވެ. މީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބެންޖެހޭ އެންމެ އެކަށީގެންވާ މަންފާއެއް ނުލިބެއެވެ. މިކަމަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ސަރުކާރުން މިހާރު ވަނީ މަހަށް އަގު އެއްކުރުމުގެ ބޮޑެތި މަޝްރޫޢުތަކެއް ފަށާފައެވެ.

މި މަސައްކަތުގެ ދަށުން ފ. ނިލަންދޫގައި 50 ޓަނުގެ މަސް ޕްރޮސެސްކުރެވޭ ފެސިލިޓީއަކާއި، ގދ. ފިޔޯރީގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓްރީއެއްގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ފެލިވަރުގެ މިހާރުގެ ކެޕޭސިޓީ ތިން ގުނަ އިތުރުކުރުމުގެ މަޝްރޫޢުވެސް ބާރުމިނުގައި ކުރިއަށްދާކަން ވުޒާރާއިން ފާހަގަކުރެއެވެ.

މަޝްރޫޢުތަކުގެ ތަފްޞީލް ހިއްސާކުރައްވަމުން މުއްޠަލިބް ވިދާޅުވީ، "ފެލިވަރުގައި މިހާރު ހުރީ ދުވާލަކު 50 ޓަނުގެ މަސް ބަންދުކުރެވޭ ކެޕޭސިޓީ. 100 ޓަނު ބަންދުކުރެވޭ އައު ފެސިލިޓީއެއް ދަނީ ހަދަމުން. ނިލަންދޫގެ 50 ޓަނުގެ ފެސިލިޓީ އަދި ފިޔޯރީގެ 100 ޓަނުގެ ކެޕޭސިޓީއާއި، އަމިއްލަ ކުންފުނިތަކުގެ ކެޕޭސިޓީއާއެކު، ރާއްޖޭގައި ޕްރޮސެސް ކުރެވޭ ކެޕޭސިޓީ 300 ޓަނަށް އިތުރުކުރެވޭނެ."

މި އައު ފެކްޓްރީތަކާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. މަސް ޕްރޮސެސްކުރާ މިންވަރު އިތުރުވުމަކީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށާއި، ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން