މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތުގެ ދަށުން 1.1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމުގެ ސިޔާސަތުގެ ދަށުން 1.1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފި

މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 1.1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ޖޫން މަހުގެ ނިޔަލަށް މަސްވެރިންނަށް ޖުމްލަ 1,175,803,626.60 (އެއް ބިލިޔަން އެއް ލައްކަ ހަތްދިހަ ފަސް މިލިޔަން، އަށްސަތޭކަ ތިންހާސް ހަ ސަތޭކަ ސައްބީސް ރުފިޔާ ފަސްދޮޅަސް ލާރި) ދޫކޮށްފައިވާ ކަމަށެވެ. މިއީ މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ މުހިއްމު ވަޢުދުފުޅުގެ ދަށުން ކުރެވުނު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދީ ހުރި ކަމަށެވެ. އެގޮތުން ސަރުކާރު ބަދަލުވިއިރު 250 މިލިޔަން ރުފިޔާ މަސްވެރިންނަށް ނުދައްކާ އޮތް ނަމަވެސް، މިހާރު އެ އުސޫލަށް ބަދަލު ގެނެސް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދިނުމަކީ މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުންދާ އެންމެ މުހިއްމު އެއް މަސައްކަތެވެ. މި ސިޔާސަތުގެ ސަބަބުން މަސްވެރި އާއިލާތަކަށް މާލީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މިއަދު އޮންލައިން