ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ޤާނޫނަށް ގެނައި އިސްލާހާއެކު ސިނގިރޭޓުގެ އަގު ބޮޑުކުރުމަށް ސަރުކާރުން ނިންމެވީ، ވޭޕް ބޭނުންކުރާ ޒުވާނުން ބަދަލެއްގެ ގޮތުގައި ސިނގިރޭޓު ހިޔާރުކޮށްފާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.
މެންބަރުން މިހެން ވިދާޅުވީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ބަދަލުގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. މި ބިލަށް ބަހުސްކުރައްވަމުން އިދިކޮޅުގެ ގިނަ މެންބަރުން ވަނީ ސަރުކާރުން ކުރިން ސިނގިރޭޓުގެ އަގު ބޮޑުކުރުމަށްފަހު އަލުން އޭގެ އަގު ދަށްކުރުމަށް ނިންމި ނިންމުމަށް ފާޑުކިޔާފައެވެ. މި ބިލު މިހާރު ވަނީ މަޖިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމެޓީއަށް ފޮނުވާފައެވެ.
މިބިލަށް ބަހުސްކުރައްވަމުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ ވިދާޅުވީ ސަރުކާރުން މިބަދަލުތައް ގެންނަވަނީ ވަރަށް ބޮޑަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ. މެންބަރު ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކުރީ ސްކޫލް ދަރިވަރުންގެ މެދުގައި ވޭޕް ބޭނުންކުރުން އިތުރުވެ، އެއާއެކު މަސްތުވާތަކެތި ހިމަނައިގެން ބޭނުންކުރުން އިތުރުވާކަން ފާހަގަކުރެވިގެންނެވެ.
މެންބަރު އިތުރަށް ވިދާޅުވީ، ވޭޕް މަނާކުރުމުން އެ ބޭނުންކުރާ ޒުވާނުން ބަދަލެއްގެ ގޮތުގައި ސިނގިރޭޓު ބޭނުންކުރަން ފަށާނެކަމަށް ލަފާކުރެވުނު ކަމަށެވެ. އެހެންކަމުން، ސިނގިރޭޓުގެ އަގު ބޮޑުކުރަން ސަރުކާރުން ނިންމެވީ ޒުވާނުންނަށް އެ ފުރުސަތު ނުދިނުމަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބިލުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމެޓީގައި ކުރިއަށްދާއިރު، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީއަށް ގެންނަ ބަދަލުތަކަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކޮށްފައެވެ.