ފުވައްމުލަކު ސިޓީގައި ޤާއިމްކުރި ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހުޅުވަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ފުވައްމުލަކު ސިޓީގައި ޤާއިމްކުރި ޤުރުއާނާއި ބެހޭ މަރުކަޒު ހުކުރު ދުވަހު ހުޅުވަނީ

ފުވައްމުލަކު ސިޓީގައި އަލަށް ބިނާކުރި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޯފި އަންނަ ހުކުރު ދުވަހު ހުޅުވުމަށް ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

ވަޒީރު ވިދާޅުވީ، ފުވައްމުލަކު ސިޓީގައި ޤާއިމްކުރި ޤުރުއާނާބެހޭ މަރުކަޒު ހުޅުވުން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު ކަމަށެވެ. މި މަރުކަޒު ހުޅުވުމާއެކު ފުވައްމުލަކުގައި ޤުރުއާން ހިފްޒު ކުރުމުގެ ޕްރޮގްރާމްތައް އިތުރަށް ފުޅާކޮށް، އެ މަސައްކަތަށް ބޭނުންވާ މުދައްރިސުންގެ އަދަދުވެސް އިތުރުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފުވައްމުލަކު ސިޓީގައި ޤުރުއާނާބެހޭ މަރުކަޒެއް ޢިމާރާތްކުރުމުގެ މަސައްކަތް ކުންފުންޏަކާ ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. ދައުލަތުގެ ބަޖެޓުން 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިނާކުރި މި މަރުކަޒުގެ ގްރައުންޑް ފްލޯގައި އޮޑިޓޯރިއަމަކާއި، ލައިބްރަރީއެއްގެ އިތުރުން މީޓިން ރޫމެއް ހިމެނެއެވެ. އަދި ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސް ރޫމާއި، އެއްފަހަރާ 30 މީހުންނަށް ނަމާދުކުރެވޭނެ ޖާގައެއް ވަނީ ޤާއިމްކޮށްފައެވެ.

މީގެ އިތުރުން ފުވައްމުލަކު ސިޓީގައި ބިނާކުރުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، އެ ސެންޓަރުގެ ޑިޒައިން ނިމި، ކައުންސިލްގެ ލަފައަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ. "އިސްލާމިކް ސެންޓަރު ނިމުމުން އެތަން ބަދަލުވާނީ ޤުރުއާނާއި ބެހޭ މަރުކަޒަށް. އަދި މިހާރު މި ހުޅުވާ ޤުރުއާނާބެހޭ މަރުކަޒުގެ އިމާރާތް ބަދަލުވާނީ ވަޤުފު ބިނާއަކަށް،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އެ މަރުކަޒު ވަޤުފު ބިނާއަކަށް ބަދަލުކުރުމުން އެތަނުން ލިބޭ އާމްދަނީ ޚަރަދުކުރާނީ ފުވައްމުލަކު ސިޓީގެ ދީނީ އެކި ކަންކަން ކުރިއެރުވުމަށް ކަމަށެވެ. މިއީ އެ ސިޓީގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާ ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި މިނިސްޓްރީން ފާހަގަކުރެއެވެ.

މިއަދު އޮންލައިން