ހަމަ އެއްގޮތަކަށްވެސް ދެރަ ނުވާށެވެ!: ވަރިކުރީ ތިމާގެ ކުށެއްނެތިކަން ޔަޤީންކުރެވޭ އަންހެނުންނަށް މާފުރިހަމަ ފިރިއަކު ދެއްވަވާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 43ސ
ހަމަ އެއްގޮތަކަށްވެސް ދެރަ ނުވާށެވެ!: ވަރިކުރީ
ތިމާގެ ކުށެއްނެތިކަން ޔަޤީންކުރެވޭ އަންހެނުންނަށް މާފުރިހަމަ ފިރިއަކު
ދެއްވަވާނެ!: މުފްތީ މެންކް


ކަންބޮޑުވާންވީ ކީއްވެތަ؟ ނިކަމެތިކޮށްލެވޭ ހެޔޮލަފާއަނބިންނަށް ލައްވަވާ ރަޙްމަތް މާބޮޑު!

ކައިވެނީ ރޫޅުން ގިނަވަމުން މިދަނީ ކައިވެނި ދެމެހެއްޓުމަށް ދީނުގައި ބާރުއަޅުައްވަވާފައިވާ މިންވަރާއިމެދު ވިސްނާ މީހުން މަދުވުމުންނެވެ. ﷲ ތަޢާލާ ތިމާއަށްޓަކައި ދެއްވެވި ބައިވެރިޔާގެ އަގުވަޒަންނުކުރެވޭތީއެވެ. ބޭވަފާތެރިވެވެނީވެސް އެހެންވެގެންނެވެ.  

ކައިވެނި ރޫޅުމަކީ ޚާއްޞަކަމެއް ނޫނެވެ. އެއީ ވަރަށް ޢާންމުކަމެކެވެ. އެހެންވެ 1،2،3،4 އަދި 5 ވަނަ ކައިވެނިވެސް ރޫޅިދާނެއެވެ. ވިސްނާލަންވީ ކައިވެނި ރޫޅުނީތީ އެކަމަކަށް ނޫނެވެ. ރޫޅުނު ކައިވެނީގެ ޢަދަދަކަށްވެސް ނޫނެވެ. ކައިވެނި ރޫޅުމުގައި ތިމާގެ އިހްމާލަކީ ކޮބައިތޯއެވެ؟ ދީނުގައިވާ އިންތަކުގައި ތިމާއަށް ހިފެހެއްޓުނުތޯއެވެ؟ ޖަވާބަކީ އާއެކެވެ ކަމަށްވާނަމަ އެއްވެސް ވަރަކަށް ދެރަނުވާށެވެ! އުފާކުރާށެވެ! ﷲ ތަޢާލާ ދެއްވަވާ ބައިވެރިޔާ ޢާއި ބައްދަލުވާނެއެވެ! މާފުރިހަމަވެސްވާނެއެވެ! އިން ޝާ ﷲ 

ތިރީގައި އެވާ މުފްތީ މެންކުގެ ދަރުސުން ޢިބްރަތް ޙާޞިލްކުރައްވާށެވެ!  

އަހަރެންނާ ބައްދަލުވި އަންހެންކު ކިޔައިދިނެވެ.  

"އަހަރެންނަކީ ބޮޑުވީންސުރެ ލިސްޓެއް ހަދައި މިވެނި އެވެނި ސިފަތަކެއް ހުރި ފިރިއަކު ދެއްވަވާތޯ މެދުކެނޑުމެއް ނެތި ދުޢާ ކުރަމުން އައި އަންހެނަކީމެވެ. އަހަރެންނަށް ފިރިއަކު ދެއްވެވިއެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ ލިބުނު ފިރިމީހާ ވެގެން ދިއައީ އަހަރެން އެދި ދުޢާކުރި އެއްވެސް ސިފައެއް އެމީހެއްގެ ކިބައި ހުރި މީހަކަށް ނޫނެވެ..

 އެހެންކަމާއިއެކުވެސް ކެތްތެރިވެ ދިރިއުޅެން

މަސައްކަތްކުރީމެވެ. ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ. ކައިވެނި ރޫޅިއްޖެއެވެ. އެ ހިސާބުން ގިނަ ބައަކު މަލާމާތް ވެސް ކުރިއެވެ. އަމިއްލަ ޢާއިލާގެ މީހުން ވެސް ނަފްރަތުކުރީ އަހަރެންނަށެވެ. އެހެންކަމާއިއެކުވެސް މާޔޫސް އެއް ނުވަމެވެ. ﷲ ތަޢާލާއަށް ހަމަ ދުޢާ ކުރަމުން ގެންދިއައީއެވެ. ދެންނެވީމެވެ. "ޔާﷲ! މިއަޅާއަށްޓަކައި އިނބަ ﷲ ގެ ނިންމެވުން މާމަތިވެރިވާނެކަން ޔަޤީން ކުރަމެވެ. މިއަޅާއަށް ހެޔޮ ލަފާ ޞާލިޙް، އީމާންތެރިކަން ހުރި ފިރިއަކު ދެއްވަވާނދޭވެ!"  

ހަމަ ދާދިއަވަހަށް ދެވަނަ ކައިވެންޏެއް މިވަނީ ކުރެވިފައެވެ. ޝައިޚް އެވެ. ﷲ އަށްޓަކައި ތެދުބަހުން ބުނަމެވެ. މިހާރުގެ ފިރިމީހާ އަކީ ފުރަތަމަ ކައިވެނީގެ ކުރިން އަހަރެން ލިސްޓް ހަދައި، އެކަންކަމަށް ބޭނުންވެގެން، އެ ސިފަތައް ހުރި ފިރިއަކު ބޭނުންވެގެން ﷲ ތަޢާލާއަށް ދަންނަވަމުން ގެންދިއަ ލިސްޓުގައި ހިމެނި ހުރިހާ ސިފަތަކެއް ލިބިގެންވާ ފިރިއެކެވެ. އެ ހުރިހާ ސިފަތަކެއް އޭނާގެ ކިބައިގައި ﷲ ތަޢާލާ ވަނީ ލައްވަވައިފައެވެ.  

އެހެންވެ ބުނަން ޖެހޭނީ ފުރަތަމަ ކައިވެނީގައި އަހަރެންނަށް ޖެހުނީ މުޞީބާތުގެ ކަނޑެއްގައި ފަތަން ކަމަށެވެ. އަދި މިހާރު އުފަލުން އުދުހެނީ ކަމަށެވެ."  

މިވާހަކަ މިކިޔައިދިން މަޤްޞަދު އޮޅުވައި ނުލުން އެދެމެވެ. އެއްވެސް ހާލެއްގައި ފުރަތަމަ ކައިވެނި ރޫޅާލައި ދެވަނަ ކައިވެނި ކުރަން ހިތްވަރު ދިނުމެއް ނޫނެވެ. ނަމަވެސް އަނބިމީހާގެ ވާޖިބުތައް ފުރިހަމައަށް އަދާކުރަމުން ދަނިކޮށް ވެސް ވަރިކުރުމުން މާޔޫސްވެ ދެވަނަ ކައިވެންޏެއް ނުކުރަން ތިބޭ އަންހެނުންނަށް ކަމެއް ވިސްނައި ދިނުމަށެވެ.

ކޮންމެ މުސްލިމަކީވެސް ﷲ ތަޢާލާ އެންގެވި މިންތަކާއި އިންތަކުގައި ހިފަހައްޓައިގެން އުޅެން ޖެހޭނެ މީހެކެވެ. ފިރިހެނަކު ނަމަވެސް އަދި އަންހެނަކު ނަމަވެސް އުޅެން ޖެހޭނީ ހަމަ ﷲ ތަޢާލާގެ އިންތަކުގެ ތެރޭގައެވެ. އެ ގޮތަށް އުޅެނިކޮށް ދެރަވާންޖެހޭ ޙާލަތެއް މެދުވެރިވި ނަމަވެސް މާޔޫސްވެގެން ނުވާނެއެވެ.  

ރޭގަނޑު ނިދާފައި އޮއްވާ ފިރިމީހާ އައިސް ތިއިނީ ވަރިކޮށްފައި ކަމަށް އެބަ ބުނެއެވެ. ސަބަބަށް ބަލައިފިނަމަ ނައިޓް ކްލަބުން ނުވަތަ ކޮފީން ބައްދަލުވި ސޫޒީ މާކަމުދިއައީއެވެ. އެހާލަތުގައި ދެރަވެސް ވާނެއެވެ. ނަމަވެސް އިތުރަށް އެއްވެސް ޝަކުވާއެއް ނުކުރާށެވެ! އެ ފެނުނު ސޫޒީއަށް ފިރިމީހާ ދޫކޮށްލާށެވެ! ތިބާއަށް ދެން ދެއްވަވާނީ މާ ފުރިހަމަ ފިރިއެއްކަން ޔަޤީންކުރާށެވެ! 

ދެރަވީމާ ރޮވޭނެއެވެ. އެއީ އިންސާނީ ޠަބީޢަތެވެ. ރުއިމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކުރަންވީ ކަމަކީ މާޔޫސް ނުވުމެވެ. ހުރިހާ ކައިވެންޏެއް ރޫޅެނީ ފިރިމީހާގެ ނުބައި ކަމަކުން ނޫނެވެ. ހަމަ އަންހެނުން ނުބައިކަމުން ވެސް ވަރިކުރަން ޖެހޭ އަދަދު މަދެއް ނޫނެވެ. ވީމާ ކިޔައިދިން ވާހަކަތަކުގެ މާނަ އެއްގޮތަކަށްވެސް އޮޅުވާލައިގެން ނުވާނެއެވެ.

މިވާހަކަތައް ކިޔައިދޭން ޖެހެނީ ކައިވެނި ރޫޅިއްޖެ ނަމަ މާޔޫސްވެ ދެވަނަ ކައިވެންޏެއް ނުކުރަން ތިބޭ އަންހެނުންގެ އަދަދު އިތުރުވަމުންދާތީއެވެ. އެކަމުގެ ސަބަބުން މުޖުތަމައުގައި އިޖުތިމާޢީ މައްސަލަތައް އިތުރުވަމުންދާތީއެވެ. އެއީ މުޅި މުޖުތަމައުއަށް ވެސް ލިބެމުން އަންނަ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. 

އަހަރެން ކިޔައިދިން ވާހަކައަށް ވިސްނާށެވެ! އަންހެން މީހާގެ އީމާންތެރި ކަމަށާއި ﷲ ތަޢާލާއަށް ކުރި އިތުބާރަށާއި ދުޢާ ކުރުމުގައި ސާބިތުވިކަން ހަނދާން ކުރާށެވެ! އެގޮތުގައި ސާބިތުވެ ހުރެވިއްޖެ ނަމަ އޭނާގެ ދުޢާ އިޖާބަ ކުރެއްވެވި ފަދައިން އެންމެނެގެ ދުޢާ ވެސް އިޖާބަ ކުރައްވަވާނެއެވެ! އިން ޝާ ﷲ!

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން