ކޮންމެ ކަމެއްވެސް ޙާޞިލްކުރެވޭނީ ﷲ ތަޢާލާ
ހިންމަވައިދެއްވެވުމުންކަން އަހަރެމެން އެންމެންނަށްވެސް ޤަބޫލުކުރެވެއެވެ. ވީމާ އެކަމަށް އެދި ދަންނަވަން މިޖެހެނީ ﷲ ތަޢާލާއަށެވެ. އެކަން ކުރެވެން އޮތީ ތިމާގެ ހިތް ސާފުކުރެވުނުވަރަކުންނެވެ.
ބައެއް މީހުން ﷲ ތަޢާލާއަށް އުރެދެމުން، އަދި ފާފަތައް ކުރަމުން އެބަ ބުނެއެވެ. އަހުރެންގެ ހިތް ސާފުޠޯހިރެވެ. އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ނަމަވެސް މިއީ އެމީހުން ހަދާ ވަރަށް ބޮޑު ދޮގެކެވެ. އެމީހުންގެ ހިތް ޠޯހިރުނަމަ ﷲ ތަޢާލާއަށް ނުކިޔަމަންތެރިއެއް ނުވާނެއެވެ. ފާފައެއްވެސް ނުކުރާނެއެވެ.
ވީމާ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ޢަމަލުނުކުރަމުން ސުންނަތުގައިވާ ކަންކަން ނުކުރަމުން ތިމާއަކީ ހިތް ސާފު މީހެއްކަމަކަށް ނުބުނެވޭނެއެވެ. ހިތްސާފު މީހުންގެ މިސާލަކީ ﷲ ތަޢާލާގެ އަމުރުފުޅަށް މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ޞަޙާބީންނެވެ. އަމުރުފުޅު އައުމުން އަމިއްލަ ޤައުމާއި ގެދޮރާއި އަނބިދަރިން ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވީއެވެ. ބައެއް ޞަޙާބީން ދަތުރުފުޅުމަތީގައި ފަރިއްކުޅުއްވަވާނެ އެއްވެސް އެއްޗެއް އަތްޕުޅުގައި ނެތް ޙާލުކޮޅުގައެވެ.
އަހަރެމެންވެސް ވާންޖެހޭނީ އެފަދަ ހިތްސާފު ބައަކަށެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށާއި ރަސޫލާ ގެ ސުންނަތަށް ވަގުތުން ޢަމަލުކުރަންވާނެއެވެ. ބަންގީގެ އަޑު އިވުމުން ނަމާދު ފަސްކުރުމެއް ނެތެވެ. ކިތަންމެ ގިނައިން ދައްކަން ޖެހުނު ނަމަވެސް ޒަކާތް ނުދެއްކުމެއް ނެތެވެ. ޒަކާތް ދައްކަން އަވަސްވެގަންނަންވީއެވެ. ހަމައެފަދައިން ރަމަޟާން މަސް އައުމުން ރޯދަ ނުހިފަން އުޒުރު ދެއްކުމެއް ނެތެވެ. އޮތީ އަވަހަށް ރޯދަހިފަން ފެށުމެވެ.
ރޯދަ ހިފުން ސުންނަތް ދުވަސްތައް އައުމުން ކުރަންޖެހޭ މަސައްކަތާއި ވަރުބަލިވާނެކަމަށް ބަލަންވީއެއް ނޫނެވެ. ރޯދަހިފަންވީއެވެ. ރޭގަނޑުގެ ފަހުދަންފަޅިއަށް އެޅުމުން ވިސްނަންވީ ނިދުމުގެ މުހިންމުކަމަކަށް ނުވަތަ ލިބޭ އަރާމަކަށް ނޫނެވެ. އަވަހަށް ތެދުވެ ދަމުނަމާދުކޮށް ޛިކުރުކުރަންވީއެވެ.
ދަތީޙާލުގައި ހުރި މީހަކު ފެނިއްޖެނަމަ އެމީހާ އެދެންދެން މަޑުކުރުމެއް ނެތެވެ. އޮތީ އަވަހަށް އެހީތެރިވުމެވެ. ޞަދަޤާތްކުރުމެވެ.
ގޮތްބަލައިލަންވެސް ނިކަން މިކަންކަން މިގޮތަށް ތަޖުރިބާކޮށްލަބަލާށެވެ. ތިބާގެ ހިތް ސާފުކަން ޢަމަލުން ނިކަން ދައްކައިބަލާށެވެ! ތިބާ އެދޭ ކަންކަން ތިބާ އެދޭގޮތަށް، ނުވަތަ ތިބާއަށް އެންމެ ފައިދާހުރި ގޮތަށް ކާމިޔާބުވަމުން އަންނަތަން ފެންނަން ފަށާނެއެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން