އަނެކާގެ ބައިވެރިޔާ މާފުރިހަމަ ކަމަށް ވިސްނިގެން ތިމާގެ ބައިވެރިޔާދެކެ ފޫހިވުމުގެ ކުރިން ރަނގަޅަށް ބަލައިފިނަމަ އެނގޭނީ ތިމާގެ ބައިވެރިޔާ މާފުރިހަމަކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އަނެކާގެ ބައިވެރިޔާ މާފުރިހަމަ ކަމަށް ވިސްނިގެން
ތިމާގެ ބައިވެރިޔާދެކެ ފޫހިވުމުގެ ކުރިން ރަނގަޅަށް ބަލައިފިނަމަ އެނގޭނީ ތިމާގެ
ބައިވެރިޔާ މާފުރިހަމަކަން!


އެއީ ވަރަށް ގާތް ދެއެކުވެރިންނެވެ. ދެމީހުންވެސް އުޅެނީ ކައިވެނިކޮށްގެންނެވެ. އަޙްމަދު އޭނާގެ އެކުވެރިޔާ އިބްރާހީމްގެ ގެއަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކުވެސް ފެންނަ ކަންކަމުން ޤަބޫލުކުރެވެނީ އިބްރާހީމްގެ ބައިވެރިޔާ މާފުރިހަމަ ކަމެވެ. އިބްރާހީމަށް ަކަންކަންކޮށްދެނީ މާރަނގަޅަށް ކަމެވެ.

އަޙްމަދު މިވާހަކަ ނުސީދާ ގޮތަކަށް އެހެން އެކުވެރިއެއްގެ ގާތުގައި ބުނުމުން އދެމަފިރިންގެ ދިރިއުޅުމުގެ ކަންކަން ހުރިގޮތް ކިޔައިދިނެވެ. އަޑުއަހައި ނިމުމުން އަޙްމަދަށް ވިސްނުނީ އަޙްމަދަށް މިފެންނަނީ ދައްކާ ދަޅައެއް ކަމެވެ. ޙަޤީޤަތް މުޅިންތަފާތުކަމެވެ. އޭނާގެ އަނބިމީހާއަށްވުރެ ހުރިހާ ގޮތަކުންވެސް އަޙްމަދުގެ އަނބިމީހާ މާފުރިހަމަކަމެވެ. އަޙްމަދު އެކުވެރިޔާއާއި ވަކިވީ ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ. އެއީ ނުބައި ވިސްނުމެއްގައި ހުރެ އަނބިމީހާ ދޫކޮށްނުލެވެނީސް ހޭލުންތެރިވެވުނީތީއެވެ.

މިއީ ހަަމ ވަރަށް ގިނަ ފަހަރު ދިމާވާ ގޮތެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. ދެރަ ލިބެނީ ނުވިސްނައި ގޮތްނިންމާތީއެވެ.

ޢާއިލާގެ ދެމަފިރިއަކު ނުވަތަ އެކުވެރިންގެ ތެރެއިން ދެމަފިރިއަކު ދިރިއުޅެމުން ގެންދަނީ ވަރަށް އުފަލުގައިކަމަށް ޤަބޫލުކުރެވޭނަމަ އެކަމަށް ޙަސަދަވެރިނުވެ އުފާކުރާށެވެ. އަދި ތިމާގެ ބައިވެރިޔާ ކުށްވެރިނުކުރާށެވެ. ތިމާއަށް ދިރިއުޅެންޖެހިފައިވާ ޙާލަތު ގޯސްކަމަށްވެސް ނުދެކޭށެވެ.

އެދެމަފރިންގެ މެދުގައިވެސް އަދި ކޮންމެ ދެމަފިއެއްގެ މެދުގައިވެސް މައްސަލަތަކެއް ހުންނާނެއެވެ. އެކަންކަން އެހެން މީހުންނަށް ނުއެނގެނީ ހެޔޮލަފާ ބައިވެރިން އެމީހުންގެ ބައިވެރިޔާގެ ކުށްތައް ޢާންމުނުކޮށް ފޮރުވާތީއެވެ. ސިއްރުކުރާތީއެވެ.  

"ބައިވެރިޔާ ތިމާޢަށް މިވެނި ކަމެއް ކޮށްފި، މިވެނި އެވެނި ބަހެއް ބުނެފި، މިވެނިކަމެއް ކޮށެއް ނުދިން، ކަމަކު އެދުމުން ކޮށްދެނީ ވަރަށް ލަހުން" ފަދަ ވާހަކަތަކަކީ އެހެން މީހުންގެ ގާތުގައި ދައްކަން ރަނގަޅު ވާހަކަތަކެއް ނޫނެވެ. އެބާވަތުގެ ކަންކަމުގެ ވާހަކަ ދައްކަންވާނީ ދިރިއުޅުމަށް އަސަރުކުރާ ވަރަށް އެމައްސަލަތައް ހުރިނަމައެވެ. އަދި އެޙާލަތުގައިވެސް އެންމެންގެ ގާތުގައި އެފަދަ ވާހަކަތައް ނުދައްކާށެވެ. މައްސަލަ ޙައްލުކުރަން ހެޔޮލަފާ ނަޞޭޙަތެއް ދީފާނެކަން ޔަޤީންކުރެވޭ މީހެއްގެ ގާތުގައި ނޫނީ ނުދައްކާށެވެ.  

ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާއި ގުޅިގެން ޙައްލަށް އެދިގެން ސުވާލުކުރެވޭ ކަންކަމުގެ ތެރޭގައި ވަރަށް އާދައިގެ ކުދިކުދި ކަންކަންވެސް ހިމެނެއެވެ. އެފަދަ ކަންކަމުގައި ސުވާލުކުރާ މީހުންގެ ގާތުގައި އަހުރެން އަބަދުވެސް ބުނަނީ އެކަންކަމަކީ މައްސަލަތަކެއް ކަމުގައި ނުހެދުމަށެވެ. އެއީ މައްސަލަތައް ކަމުގައި ވިސްނާނަމަ އެމީހަކަށް އަބަދުވެސް ހުންނަންޖެހޭނީ ކަންބޮޑުވުމުގެ ތެރޭގައި ކަމަށްވާތީއެވެ.  

އަބަދުވެސް ބުނާފަދައިން އެއްވެސް މައްސަލައެއް ނެތި ތިބެވޭނެ ހަމައެކަނި ތަނަކީ ސުވަރުގެއެވެ. ދުނިޔޭގެ ޙަޔާތުގައި އަބަދުވެސް ދާނީ މައްސަލަތައް ކުރިމަތިވަމުންނެވެ. ވީމާ އެބާވަތުގެ ކުދިކުދި ކަންކަން ކުރިމަތިވުމުން ވިސްނާލުން އެންމެ މުހިންމީ ތިމާގެ ކިބައިގައިވެސް މައްސަލަތަކެއް ހުންނާނެކަމާއި ބައިވެރިޔާ ތިމާއާއިއެކު ދިރިއުޅެމުން އެގެންދަނީ ތިމާގެ ކިބައިގައި ހުރި މައްސަލަތަކާއިއެކުގައި ކަމެވެ.  

--މަޢުލޫމާތު: ހީމާ ޚާން-މުޚްތާރުގެ ވާހަކަފުޅަކުން

މިއަދު އޮންލައިން