އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފި

ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޖޭޓުން ހާމަކޮށްފިއެވެ.

ހެރިޖޭޓް މިނިސްޓްރީން ބުނީ މިކަން ސަމާލުކަމަށް އައުމާއެކު، ފުލުހުންނާ ގުޅިގެން މި ހާދިސާ ހިނގާދިޔަ ގޮތާއި މީގައި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، މި އަމަލު ހިންގި ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ފާހަގަކުރި ގޮތުގައި، އުސްގެކޮޅު ހިމެނޭ ސަރަޙައްދު ތަރައްޤީކުރުމުގެ މަޝްރޫޢަކަށްޓަކައި އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީއާ ޙަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވެއެވެ. ނަމަވެސް، މިހާތަނަށްވެސް ސިޓީ ކައުންސިލުން އެތަން މިނިސްޓްރީއާ ޙަވާލުކޮށްފައި ނުވާކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

އުސްގެކޮޅަކީ މީލާދީން 20 ވަނަ ޤަރުނުގެ ކުރީކޮޅު، އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1893-1903) ޢިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ އާސާރީ ބިނާއެކެވެ. މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާއަށްވާއިރު، މީގެ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރުވެސް ހުޅުވާފައިވަނީ މި އިމާރާތުގައެވެ.

އެ ދުވަސްވަރުގެ ޢިމާރާތްކުރުމުގެ ފަރުމާ ވަރަށް ފުރިހަމައަށް ދައްކައިދޭ މި ބިނާއަށް ދެވޭ ގެއްލުންތަކުގެ ސަބަބުން، ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ބިރު އޮތް ކަމަށް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން، ޤާނޫނާއި ޤަވައިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މިއަދު އޮންލައިން