ރާއްޖެއަށް ޕޭޕަލް ނުގެނެވޭނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނިނަމަވެސް ސަރުކާރުން ސާބުތުކޮށްދިނީ އެއީ ވާނެކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ފެށުމަކީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވަޢުދުވީ ކަމެއް ކަމަށާއި، މެނިފެސްޓޯގައި އެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ. މި މަސައްކަތަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ވަރަށް ކުރީކޮޅު ސަރުކާރުން ފެށި މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕޭޕަލް ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ ސީދާ ސަރުކާރުން މުއާމަލާތްކުރުމަކީ ކުރީގެ ސަރުކާރުތަކުން ކުރާ ކަހަލަ ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، "މިދިޔަ ސަރުކާރުގެ ދުވަސްވަރު އެބަހުރި ކަންނޭންގެ ސަރުކާރުގެ އިސްބޭފުޅުން ވިދާޅުވެފައި އެއީކީ ވާނެކަމެއް ނޫނޭ. ޕޭޕަލް ރާއްޖެއަކަށް ނުގެނެވޭނެއޭ. ބްރިޖްވެސް ނޭޅޭނެއޭ ބުނި ޒަމާނެއް ދިޔަ އަޅުގަނޑު ހައިރާނެއް ނުވޭ އެކަހަލަ ކަންކަމަކަށް،" ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ބޭރުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި ޤާއިމްވާން ބޭނުންވާނަމަ، އެ ކުންފުނިތަކުގެ ސްޓޭންޑާޑްތަކާ އެއްގޮތަށް ސަރުކާރުން ފަހިކޮށްދޭންޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ ކަމަށެވެ. ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް މިމަހުގެ 15 ވަނަ ދުވަހު ތައާރަފްކޮށްފައިވާއިރު، މިހާރު އުރީދޫ އެމްފައިސާ މެދުވެރިކޮށް ދިވެހިންނަށް މި ޚިދުމަތް ދަނީ ލިބެމުންނެވެ.