މަސްތުވާތަކެތީގެ ވަބާގައި ދާއިމީ ގޮތެއްގައި ޖެހިފައިވާ މީހުން އަލުން ރަނގަޅު ދިރިއުޅުމަކަށް ރުޖޫޢަވުމުގައި ވަޒީފާ ދޭ ފަރާތްތަކާއި، ވަޒީފާ އުފައްދާ ފަރާތްތަކުގެ އިތުރުން އާންމު ފަރުދުންގެ ޒިންމާ ބޮޑު ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް މަސައްކަތް ކުރާ މީހުންނާމެދު މުޖުތަމައުއިން އަމަލުކުރާ ގޮތް އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ މީހުންނާމެދު މުޖުތަމައު ދެކޭ ގޮތުގެ ސަބަބުން ފަރުވާ ފުރިހަމަކޮށް މުޖުތަމައުއަށް ނުކުންނަ މީހުން ބަލައިނުގަނެ، އެމީހުންނަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ފަރުވާ ފުރިހަމަކޮށް މުޖުތަމައުއަށް ނުކުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ލިބެން ޖެހޭނެ ކަމަށެވެ. "ވަޒީފާގެ ފުރުޞަތުތައް މި ފަރާތްތަކަށް ލިބެން ޖެހޭ. ހިނގާށޭ މިފަދަ ދަތި ހާލަތަކުން އަރައިގަތަތީ ޝުކުރުވެރިވެ ބަލައިގަންނަން އެ މީހުން،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ޑްރަގް ކޯޓުގެ އިސްނެގުމާއެކު މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދެވުމަކީ ނަމޫނާ މަސައްކަތެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގައި އެ ކޯޓުން ދައްކާފައިވަނީ ޚާއްސަ ލޮތްބެއް ކަމަށާއި، ކޯޓަކުން މިފަދަ އިޖުތިމާއީ މަސައްކަތެއް ކުރުމަކީ މުޅި މުޖުތަމަޢަށް ދެއްކި ރީތި މިސާލެއް ކަމަށްވެސް ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.