އަޅުގަނޑުދެކެ ލޯބިވާ މީހަކު ބުނަނީ އަޅުގަނޑު މާހިކިކަމަށާއި ފަލަވުމަށެވެ. އަޅުގަނޑުގެ ސުވާލަކީ ފަލަވުމާ ހިކިވުމަކީ ލޯބިވުމަށް އޮތް ހުރަހެއްތޯއެވެ؟
ކިޔުންތެރިޔާއަށް ކޮށްލަން ބޭނުމީ ސުވާލެކެވެ. ލޯބިވެރިޔާ ރުއްސަނަ ފަލަވާތަނުން ދިމާވާ ކަމެއްގެ ސަބަބުން ހިކެން ޑޮކްޓަރު އަންގައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ފިރިމީހާ ރުއްސަން ނުހިކި ހުންނާނީ ހެއްޔެވެ؟ ފަލަވުމާ ހިކިވުމަކީ ލޯބިވުމަށް އޮތް މައްސަލައަކަށްހަދާނަމަ އެއީ ލޯބިނުވާކަމުގެ ހެއްކެކެވެ. ތިމާ ހުރި ސިފައަށް ލޯބިވާ މީހަކު ހޯދާށެވެ! ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ.
ފުރަތަމަ ކަމަކީ އެއްވެސް މީހަކީ އަބަދު އެއްސިފައަކަށް އަދި އެއްބަރުދަނެއްގައި ހުންނާނެ މީހަކު ނޫންކަމެވެ. ކިތަންމެ ވަރަކަށް ބަލައިގެން އުޅުނަސް ފަލަވެ ބަރުވެދާނެއެވެ. ހިކިވެ ލުއިވެސްވެދާނެއެވެ. މިހުންނަނީ އެނގޭނެ ކަންކަމެއް ނޫނެވެ.
ވީމާ ކައިވެނިކުރާއިރު މިކަންކަމަށް ވިސްނަންވާނެއެވެ. ހަށިގަނޑަށް އަންނަ ބަދަލަކުން ލޯބިނުވާނެ މީހަކާއި ކައިވެނި ކުރެވިއްޖެނަމަ އެކައިވެނިކުރިކަން ވާނީ ލިބިގަނެވުނު އަނިޔާއަކަށެވެ. ވީމާ މިއީ ވިސްނައިލުން ވަރަށް މުހިންމު ކަމެކެވެ.
ތިރީގައިވާ ހާދިސާ ވިދާޅުވެ ޢިބްރަތް ޙާޞިލްކުރައްވާށެވެ.
އޭނާއަކީ ފުދޭވަރަކަށް ފަލަ އަންހެނެކެވެ. އޭނާ ޒުވާނަކަށް ލޯބިހުށަހެޅުމުން ބުނީ އެކަމަށް ވިސްނާނީވެސް ހިކުމުން ކަމަށެވެ. އަދި ލޯބިވުމުގެ ވާހަކަ ދެއްކުމުގެކުރިން ހިކެން ކުރަންޖެހޭ އޮޕަރޭޝަންކުރުން ރަނގަޅުވާނެ ކަމަށެވެ. އަދި ހިކިއްޖެ ނަމަ ދެމީހުން އެކުގައި ދިރިއުޅެވިދާނެ ކަމަށެވެ.
އޭނާ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު އޮޕަރޭޝަން ކުރަން ފައިސާ ޖަމާކުރަން ފެށިއެވެ. ކެއުންވެސް ދުވާލަކު އެއް އިރަށް ބަދަލުކޮށް ޚަރަދުކުޑަކުރިއެވެ. އެވަރުންވެސް ފައިސާ ޖަމާވާލެއް ލަސްކަމުން ދިރިއުޅޭ އެޕާޓްމަންޓްވެސް ވިއްކާލިއެވެ.
ކުރި އޮޕަރޭޝަން ކާމިޔާބްވެ ބޮޑުތަނުން ހިކުނެވެ. ހޮސްޕިޓަލުން ނުކުތްގޮތަށް ދިއައީ ލޯބިވެރިޔާގެ ގެއަށެވެ. އޭނާ ބުނީ އޭނާއަށް ކަމުދާވަރަށް ހިކޭނީ އަދިވެސް 10 ވަރަކަށް އޮޕަރޭޝަންކޮށްގެން ކަމަށެވެ. ލޯބިވެރިޔާއަށް އިތުބާރުކޮށް އޮޕަރޭޝަންކުރަން ފައިސާ ހޯދަން އެޕާޓްމަންޓް ވިއްކާލި ވާހަކަ ބުނުމުން ބުނީ އެއީ ކަލޭގެ މޮޔަކަމުން ކުރިކަމެއް ކަމަށެވެ.
އޭނާ މަގުމަތިވީއެވެ. އެހާލުގައި އުޅެނިކޮށް ބައްދަލުވި އަވަށްޓެރި މުސްކުޅި އަންހެނަކު އޭނާއަށް ހަމްދަރުދީވެ އެގޭގައި ގެންގުޅެންފެށިއެވެ. އެގޭގައި އުޅެންފެށިތަނާ އަނެއްކާ ފަލަވެއްޖެއެވެ. ހަމަ ކުރިން ހުރިވަރަށެވެ.
އެގެއިން ބައްދަލުވި އަވަށްޓެރި ޒުވާނަކު އޭނާއާއި ކައިވެނިކުރަން ބޭނުންވިއެވެ. ޒުވާނާބުނީ ކުރިންވެސް އޭނާދެކެ ލޯބިވާކަމަށެވެ. ފަލަވުމަކީ އޭނާއަށް މައްސަލައެއް ނޫން ކަމަށެވެ. އެހެން ބުނުމުން ދެމީހުން ކައިވެނިކޮށް އެކުގައި ދިރިއުޅެން ފެށީއެވެ.
މިއީ ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކައިންވެސް އެނގުނީ މީހަކު ލޯބިވާނީ ފަލަމިނަށް ބަލައިގެން ނޫންކަމެވެ. ފަލަނަމަ ހިކެން މަސައްކަތްކުރުމަކީ ޞިއްހަތަށް ފައިދާކުރާނެ ކަމެކެވެ. ނަމަވެސް އެއީ ކޮންމެހެން ލޯބިވެރިޔާ ބޭނުންވާ ސިފައަށް ހުންނަން ކުރަންޖެހޭ ކަމެއް ނޫނެވެ.
ހިކިކޮށް ހުއްޓާ ލޯބިވެގެން ކައިވެނިކުރާތަނުން ޚާއްޞަކޮށް ކުއްޖަކު ވިހާތަނުން ފަލަވެއްޖެނަމަ ލޯބިނުވާގޮތަށް ކައިވެނިކުރަންވެދާނެހެއްޔެވެ؟ ނަމަވެސް މިއީ ހަމަ ވަރަށް ގިނައިން މިހާރަކަށް އައިސް ކުރިމަތިވަމުން އަންނަކަމެކެވެ. ކައިވެނިކުރަންވީ ތިމާ ހުރި ސިފައިގައި ތިމާދެކެ ލޯބިވާނެ މީހަކާއިއެވެ. އެއިރުން ފަލަވެގެން ނޫނީ ހިކިގެން މައްސަލައެއް ނުޖެހޭނެއެވެ.
އަޅުގަނޑަކީ ފަލަ އަންހެނަކީމެވެ. ނަމަވެސް އަޅުގަނޑުގެ ފިރިމީހާ ޝަކުވާއެއް ނުކުރެއެވެ. ނުލާހިކު ލޯބިވެއެވެ. ހިކެން މަސައްކަތްކުރަމެވެ. އެއީ ޞިއްހަތަށްޓަކައެވެ. ފިރިމީހާ ވަރިކޮށްފާނެތީއެއް ނޫނެވެ.
- ރާމިޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް