ކަމެއް ބޮޑުވެ ނިދަންވެސް އުނދަގޫވެއްޖެނަމަ ނިކަން މިގޮތަށް ކަންތައްކޮށް ތަފާތު ބަލައިލަބަލަ! އަހުރެންނާ ގިނަ ބައެއްގެ ތަޖުރިބާއިން އެނެގެނީ ކާމިޔާބުކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ކަމެއް ބޮޑުވެ ނިދަންވެސް އުނދަގޫވެއްޖެނަމަ ނިކަން މިގޮތަށް ކަންތައްކޮށް ތަފާތު ބަލައިލަބަލަ! އަހުރެންނާ ގިނަ ބައެއްގެ ތަޖުރިބާއިން އެނެގެނީ ކާމިޔާބުކަން!

ފުރަތަމަ ކަމަކީ ކޮންމެ މީހަކަށްވެސް އަބަދުވެސް މައްސަލަތަކެއް ހުންނާނެ ކަމެވެ. އެއކަންކަމުގެ ތެރެއިން ތިބާއަށް ބޮޑުވެގެން ތިއައުޅޭ ކަންތަކަށް ސަމާލުކަންދޭށެވެ. ދެން ވުޟޫކޮށްލައި 2 ރަކްޢަތް ނަމާދެއްކޮށްލާށެވެ!  

ނަމާދު ނިމުމުން ހުރިހާ މައްސަލަތަކެއްގެ މަތިން ކުޑަހިނދުކޮޅަކަށް ހަނދުމަނެތިކޮށްލާށެވެ. ފަހަރެއްގައި އެހިނދުކޮޅުގައި ދެލޯ މަރައިލުމަކީވެސް ފައިދާކުރާނެ ކަމަކަށްވެދާނެއެވެ. އެގޮތަށް އިނދެ ﷲ ތަޢާލާއަށް ދަންނަވާށެވެ!  

"ޔާ ﷲ! މިމައްސަލަ އިނބަ ﷲ ގެ ޙަޟްރަތަށް ދޫކޮށްލައިފީމެވެ. އިނބަ ﷲ ރުހިވޮޑިގަންނަވާ ގޮތަކަށް ނިންމަވާނދޭވެ! އެކަމުން އިތުރު ތަކްލީފެއް މިއަޅާއަށް ނުޖައްސަވާނދޭވެ!  

ޔާ ﷲ! އިނބަ ﷲ މިކަމުގައި ނިންމެވި ކޮންމެ ގޮތަކަށް މިއަޅާ ރުހިގެންވަމެވެ. މިއަޅާގެ ޙާލަތު އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އިނބަ ﷲ އެވެ. މިއަޅާއަކީ އެއްވެސް ކަމެއްގެ މައްޗަށް އެއްވެސް ބާރެއް ލިބިގެންވާ މީހަކީމެއް ނޫނެވެ! އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި އިނބަ ﷲ ގެ ޙަޟްރަތަށެވެ."  

ބުނަންހެއްޔެވެ؟ އިޚްލާޞްތެރިކަމާއިއެކު މިފަދަ ޢިބާރާތަކުން ދަންނަވައިލެވުމުންވެސް ތިބާގެ ސިކުނޑިއަށް ލުއިކަން އިޙްޞާޞްކުރެވޭނެއެވެ. ދެން އެހިސާބުން ތިބާ އެކަމަށް ވިސްނައިގެން ނުވާނެއެވެ. މާނައަކީ ކަންބޮޑުވެގެނެއް ނުވާނެއެވެ. މިހާރު އެވަނީ މައްސަލަ ﷲ ތަޢާލާގެ ޙަޟްރަތަށް ދޫކޮށްލެވިފައެވެ.  

ހަމައެއާއިއެކު އެކަން ﷲ ތަޢާލާ ވަކި ގޮތަކަށް ނިންމަވައި ދެއްވެވުމަށްވެސް ނުއެދޭށެވެ. ﷲ ތަޢާލާ ނިންމަވައި ދެއްވަވާނީ އެންމެ ފައިދާހުރި ގޮތަށްކަން ޔަޤީންކުރަންވާނެއެވެ. ތިބާ ކުރަން އޮންނާނީ އެންމެ ކަމެކެވެ. އެއީ ކަންބޮޑުނުވެ ހުރެ އެކަމަކުން އަރައިގަތުމަށް ތިބާއަށް ކުރެވެންހުރި ކަންކަން ކުރުމެވެ. އެހެނީ ވަކީލުކުރުން އޮތީ ތިމާއަށް ކުރެވެން އޮތް މަސައްކަތެއް ކުރަމުންނެވެ.

މިގޮތަށް ކަންތައް ކުރުމުން އެކަމެއް ނިމިގެންދާނީ ތިބާ އެދުނު ގޮތަށް ކަމަށް ނުވެދާނެއެވެ. ނަމަވެސް ތިބާއަށް އެންމެ ފައިދާހުރި ގޮތަށެވެ. އިން ޝާ ﷲ

 

- ބިލާލް އައްސަދުގެ ސަރުސަކުން

މިއަދު އޮންލައިން