މިއީ އަސަރުން ފުރިގެންވާ މިއަދުގެ ޙަޤީޤަތް! މިއަދު ހެވިދިލިގެން އުފަލުގަ ތިބި އުންމަތުގެ ވެރިންނަށް މާދަމާ ކަރުނައަޅަން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 44ސ
މިއީ އަސަރުން ފުރިގެންވާ މިއަދުގެ ޙަޤީޤަތް! މިއަދު ހެވިދިލިގެން އުފަލުގަ ތިބި އުންމަތުގެ ވެރިންނަށް މާދަމާ ކަރުނައަޅަން ޖެހޭނެ!

ތިރީގައިވާ ލިޔުމަކީ ޝައިޚް މީގެ އެތައް އަހަރެއް ކުރިން ލިޔުއްވާފައިވާ ލިޔުމެކެވެ. މުސްލިމުންނަށް ކުރިމަތިވެފައިވާ މިއަދުގެ ޙާލަތާއިވެސް ވަރަށް ގުޅުންހުރި ލިޔުމެކެވެ. ކިޔާލުމުން ހީވަނީ ހަމަ މިއަދުގެ ޙާލަތަށް ނިޞްބަތްކުރައްވައި ލިޔުއްވާފައިވާ ލިޔުއްވުމެއް ހެންނެވެ. ތިމާމެންނަށް ސަލާމަތްކަން ލިބޭނެކަން ޔަޤީންކޮށްގެން ހެވިއުފަލުގަ ތިބި އުންމަތުގެ ވެރިންނަށް ދާދި އަވަހަށް ކަރުނައަޅަންޖެހޭނެއެވެ. މިއަދު އެޤައުމެވެ! މާދަމާ ތިމާއާ ތިމާގެ ޤައުމުކަމަށް ނުވެނުދާނެއެވެ!  

ލިޔުއްވުމަކީ ވަރަށް އަގުހުރި ފިލާވަޅެއްކަން ލިޔުއްވުން ވިދާޅުވެލެއްވުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ  

"ލޭގެ ތިކިތައް ބިންމަތީ—ދޭ އެއަނިޔާ ލޯމަތީ!" 

އިސްލާމީ ގިނަގައުމުތަކުން ވަނީ އަމާންކަމާއި ހަމަހިމޭންކަން ފޮހެލާފައެވެ. އިވެމުންދަނީ ބަޑީގެ އަޑާއި ރޮކެޓް ހަމަލާތަކުގެ އަޑެވެ. އިވެމުންދަނީ ތުއްތު ޅަދަރީންގެ ރުއިމުގެ ވޭނީ އަޑުތަކެވެ. އިވެމުންދަނީ މަދަދާއި ޙިމާޔަތަށް އެދި ގޮވަމުންދާ އަޑުތަކެވެ. މިއީ މިއަދު މުސްލިމުންގެ ޙާލަތެވެ. ފަލަސްޠީން، ސީރިޔާ، ބުރުމާ، އަފްޤާނިސްތާން، އިރާޤު، ޝީޝާން ފަދަ އެތައް ބިމެކެވެ. މުސްލިމް އަޚުންނާއި އުޚުތުންނަށްވަނީ ނިކަމެތިކަމުގެ މައްޗަށް ނިކަމެތިކަން ލިބިފައެވެ. އެބައިމީހުންގެ ބިމާއި، މުދަލާއި، ފުރާނަ އެވަނީ އެބައިމީހުންގެ އަތުން ފޭރިގަނެފައެވެ. ކޮންބައެއްތޯއެވެ؟ އާއެކެވެ. އަބަދުވެސް މުސްލިމުންގެ ލެޔަށް ފެންބޮވައިގެނެފައިވާ ޔާހޫދީންނާއި ނަޞާރާއިންނާއި އެބައިމީހުންގެ އައުވާނުންނެވެ. 

އެއްދުވަސްވަރެއްގައި ދުނިޔޭގައި އޯގާތެރިކަމާއި ޢަދުލުވެރިކަމާއެކު ވެރިކަންކުރަމުން އައި މުސްލިމުން މިއަދު މިފަދަ ޙާލަތަކަށް މިދިޔައީ ކީއްވެތޯއެވެ؟  ބަލިވެ ނިކަމެތިމިވީ ކީއްވެތޯއެވެ؟ ޝައްކެއްނެތްގޮތުގައި މި ސުވާލުގެ ޖަވާބަކީ އޯގާތެރިކަމާއި ޢަދުލުގެ ވެރިޔާ، މަތިވެރި ޝަޙްޞިއްޔަތުގެ ގޮތް އަޅުގަނޑުމެން ދޫކޮށްލުމެވެ. އެމަތިވެރި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރުޝާދުތައް ދޫކޮށްލައި ދުނިޔޭގެ ހެއްލުމަށް ތަބާވެ އެނަޞާރާއިންނާއި ޔަހޫދީން ދައްކަމުންގެންދާ އަވާމެންދުރު މާ ރީތިކަމުގައި ހީކުރުމެވެ. “އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެއްކަމުގައި” ޙަދީޘްކުރެއްވި ބަސްފުޅާމެދު އަޅުގަނޑުމެން ފަރުވާކުޑަކުރުމުގެ ނަތީޖާއެވެ. “މުސްލިމުންގެ މިޘާލަކީ އެއް ހަށިގަނޑެއްގެ މިޘާލުކަމުގައި” ޙަދީޘްކުރެއްވި ބަސްފުޅު ބޮލައިލާ ޖަހާފައިވުމުގެ ނަތީޖާއެވެ. “ތިބާގެ އަމިއްލަ ނަފުސައް އެދޭ ހޮޔޮ ރަނގަޅުގޮތް އަނެއް މުސްލިމް އަޚާއަށް އެދުމުން ނޫނީ އީމާންކަން ފުރިހަމަ ނުވާނެކަމަށް” ޙަދީޘްކުރައްވައި ދެއްވި ނަޞޭޙަތުގައި ހިފުމަށް ފަސްޖެހުމުން ނިކުތް ނަތީޖާއެވެ. ފުރިހަމަ ބުއްދިއަކުން ވިސްނާލުމުން ތިބާއަށްވެސް ލިބޭނެ ޖަވާބަކީ މިއީއެވެ. 

މިއަދު މުސްލިމުން މަދީތޯއެވެ! މުސްލިމްގެ ވެރިންނާއި ޤައުމުތައް މަދީތޯއެވެ! ނޫނެކެވެ. ނަމަވެސް މިއަދު މުސްލިމުން ﷲ ގެ ވަޙީބަސްފުޅުގައިވާ ގޮތާ ޚިލާފުވެއްޖެއެވެ. “ތިޔަބައިމީހުން އެންމެން ﷲ ގެ ވާފަށުގައި ވަރުދަޔަށް ހިފަހައްޓައި، ބައިބައިވެގެން ނުދާށޭ” ވަޙީކުރެއްވި ބަސްފުޅާ ޚިލާފުވެއްޖެއެވެ. ދުނިޔޭގެ ފޮނި މީރުކަމަށް ހެއްލި މަރުގެ ކުރިމަތީ ފިނޑިބަޔަކަށްވެއްޖެއެވެ. 

މިއަދު މުސްލިމު ވެރިންގެ މިސާލަކީ، ނުވަތަ މުސްލިމު ޤައުމުތަކުގެ މިސާލަކީ، ނުވަތަ މުސްލިމު ފަރުދުންގެ މިސާލަކީ ގެނބެމުންދާ މީހާ ގެނބެން ދޫކޮށްލުމެވެ. “އާނ ދެން އަހަރެންނަށް ހެޔޮތާއޭ… އަހަރެން ދެން ކުރާނީ ކީއްތާއޭ… ތިމަންނައަށް އުފަލާއި މަޖަލުގައި އެބަ ދިރި އުޅެވޭވިއްޔާއޭ…” ހިތައި މަޑުމަޑުން ހަރުތަކުގައި ވާކަމަކަށްވެސް ނުހަދާ ތިބުމެވެ.  

ނަމަވެސް އޭ އަޚާއެވެ. އޭ އުޚްތާއެވެ. ބުނެލަންހެއްޔެވެ! ތިބާ ހީކުރަނީ ތިބާއަށް ތިގޮތުގައި ހަމަޖެހިލައިގެން ހުރެވޭނެކަމަށްތޯއެވެ؟ ނޫނެކެވެ. ތިބާ ކިތަންމެ ފިލާ އޮތަސް އެ ކާފަރުން ފަހަރަކު މުސްލިމުންގެ ބިމެއް ފޭރެމުން އައިސް ފެންނާނީ ތިބާގެ ބިމަށްވެސް އަރާތަނެވެ. އެދުވަހުން ހަތަރުފަރާތަށް ބަލާލުމުން ތިބާއަށްވެސް ފެންނާނީ ހަމަ މިއަދު މުސްލިމް އަޚުންނާއި އުޚުތުން އެ ތަހަންމަލުކުރަމުންދާ ވޭނާއި ކެކުޅުމެވެ. އިތުރު މަންޒަރެއް ނުފެންނާނެއެވެ. 

"އަހަރެންނަކީ އެންމެ ފަރުދެކެ… އަހަރެންނަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟" މިސުވާލު ނުއުފައްދާށެވެ. އެހެނީ ތިބާއަށްވެސް ފަރުދެއްގެ ޙައިޞިއްޔަތުން ކުރެވޭނެ އެތައްކަމެއްވެއެވެ. ތިބާ ތީ އެންމެ ފަރުދެކެވެ. ދެން އަނެއް ފަރުދެވެ. އެމީހަކަށް ކުރެވޭފެންވަރުން މުސްލިމު އުންމަތަށްޓަކައި ކަމެއްކޮށްދޭނަމަ މުސްލިމު އުންމަތުގެ ހުރިހާފަރުދުންގެ މަސައްކަތުން އުންމަތް ކޮޅަށް ނެގޭނެއެވެ. ތިބާ ފަރުޟު ފަސްނަމާދުކޮށް ތިބާގެ މަންމަޔަށް، ބައްޕަޔަށް، އަނބިދަރީނަށް ހެޔޮގޮތް މިންވަރުކުރެއްވުމަށް ﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމުންދާއިރު، ތިބާގެ އަޚުންނާއި އުޚުތުންގެ މަތިން ހަނދާން ނައްތާލަނީތޯއެވެ؟ ހަމަ ތިބާއަށްވެސް އެފަދަ ދުވަހެއް އައުން ދުރުކަމުގައި ނުދެކޭށެވެ.(ﷲ އެފަދަ ގޮތެއް މިންވަރު ނުކުރައްވާށި.) ތިބާ ގޭގައި އަރާމު އެނދުގައި ނިދައި ﷲ ދެއްވި ރިޒުޤުން ކައި ހަދަމުން ދާއިރު ތިބާފަދަ މުސްލިމުންތަކެއް ވޭނާއި ކެކުޅުމުގައި ވާކަމުގައި ހަނދާންނައްތާ ނުލާށެވެ. ތިބާގެ ރަޙްމަތްތެރިންނާއި، އަނބިދަރިންނާއިއެކު ހީ ސާމަކޮށް ހަދަމުން ދާއިރު ތިބާގެ މުސްލިމު އަޚުންނާއި އުޚުތުން އަދި ތުއްތު ދަރިންގެ ވޭނީ ކެކުޅުމާއިމެދު ތިބާ ޣާފިލުނުވާށެވެ. ފުރާނަ އަތްމައްޗަށްލައިގެން މަރުގެ އިންތިޒާރުގައި ކާނެ، ބޯނެ އެއްޗެއްނެތި އެ މުސްލިމު ކުޑަކުދިންތައް އެތިބެނީ ބިރުވެރިކަމުން ފުރިފައެވެ. ބައްޕަގެ ނުވަތަ މަންމަގެ މަރުވެފައިވާ މަސްގަނޑަށް ބަލަބަލައެވެ. އެއް އިރެއްގައި އެއީވެސް ހަމަ ތިބާގެ ކުދިކުދި ދަރިން މިހާރު އުފާކުރާ ފަދައިން އުފާކުރަމުން އައި ކުދިބަޔެކެވެ. އޭ އަޚާއެވެ! މުސްލިމު އުޚުތުންނަކީ އިސްލާމީ އުންމަތުގެ ރަންމުތްތައްކަމުގައި ތިބާ ބުނަމުއެވެ. އެ މުސްލިމް އުޚުތުން އެވަނީ ބަލަހައްޓާނެ ވެރިފަރާތެއް ނެތި، އެ އުޚުތުންގެ ބައްޕަ ނުވަތަ ބޭބެ ނުވަތަ ފިރިމީހާ ވަކިވެ ގޮސްފައެވެ. އެފަދަ ބޮޑު ނިކަމެތިކަމަކަށްވުރެ ބޮޑު ނިކަމެތިކަމެއް ވަކިން ކޮބއިތޯއެވެ! 

އެ މުސްލިމުންނަށްޓަކައި އެންމެ ކަރުނަމެއްނަމަވެސް ތިބާގެ ލޮލުން އޮހޮރާށެވެ. “މުސްލިމުންގެ މިސާލަކީ އެއްހަށިގަނޑެއްގެ މިސާލުކަމާއި، އެއް މުސްލިމެއްގެ ގައިގައި އަޅާ ވޭނާ ކެކުކުޅުމަކީ، އަނެއް މުސްލިމެއްވެސް ތަޙައްމަލު ކުރާނެ އެއްޗެއްކަމުގައި” ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅު ހަނދާނުން ފޮހެ ނުލާށެވެ! 

އޭ އަޚާއެވެ! އޭ އުޚުތާއެވެ! ފަލަސްޠީން، ސީރިޔާ، ޢިރާޤް، ބުރުމާ ފަދަ ޤައުމުތަކުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށްތަކައި ހެޔޮ ދުޢާކޮށްދޭށެވެ! އެބައިމީހުންނަށް ކެތްތެރިކަންދެއްވައި، އެބައިމީހުންގެ ތެރެއިން ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ސާބިތުކަންދެއްވުން އެދި ދުޢާކޮށްދޭށެވެ. 

އޭ ހައްދަވާ ގެންގުޅުއްވާ މަތިވެރި އިލާހު! އަނިޔާ ލިބެމުންދާ އެންމެހާ މުސްލިމުން އެއަނިޔާވެރިކަމުން ސަލާމަތްކުރައްވާ އިބަ އިލާހުގެ އަދުއްވުން ބަލިކުރައްވާނދޭވެ! 

ޖެހި އެތައް ވަޒަނެއް ގަޔަށް… ހެރި އެތައް ހަންޖަރު މެޔަށް… މެރި ކިތަންމެ ފުރާނައެއް އެނގި މިހެން ތިބެވޭނެތޯއެވެ؟

 

- އައްޝައިޚް މުޙައްމަދު ޝާހިދު

 

މިއަދު އޮންލައިން