ނަމާދުގައާ ނަމާދަށްފަހު ކުރާ ކޮންމެ ދުޢާއެއް ދުނިޔޭގަ ހިންމަވައި ނުދެއްވަވައިފާނެ! އެއީ އެންމެ ފައިދާބޮޑުވެސް ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ނަމާދުގައާ ނަމާދަށްފަހު ކުރާ ކޮންމެ ދުޢާއެއް ދުނިޔޭގަ ހިންމަވައި ނުދެއްވަވައިފާނެ! އެއީ އެންމެ ފައިދާބޮޑުވެސް ގޮތް!

ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ނަމާދުގައި ކުރާ ކޮންމެ ދުޢާއެއް ދުނިޔޭގައި އެމީހަކު ހުއްޓައި އެކަމެއް ހިންމަވައި ދެއްވަވާނެ ކަމަށެވެ. ނަމަވެސް އެއީ އެގޮތަށް އޮތް ކަމެއް ނޫނެވެ. ދުޢާ ޢިޖާބަކުރެއްވެވުމާއި ދުނިޔޭގައި ހުއްޓައި ހިންމަވައި ދެއްވެވުމަކީ ތަފާތު ދެކަމެކެވެ.  

ދަމުނަމާދުކުރާ މީހުން ދަމުނަމާދުގައާއި ދަމުނަމާދަށްފަހު ކުރާ ދުޢާ ދުނިޔޭގައި އެމީހަކު ހުއްޓައި ޢިޖާބަ ނުކުރެއްވެވިޔަސް ކަންބޮޑުނުވާށެވެ! އެއީ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެއީ މަތިވެރިކަން މާބޮޑު ކަމެކެވެ. 

ދުޢާކުރުމުން ތިބާގެ ދަރަޖަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދާނީ މަތިވެރިވަމުންނެވެ. އެކަމުން ޤިޔާމަތް ދުވަހު އެމީހާގެ ހިތް އުފަލުން ފުރޭވަރަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ. ދުނިޔޭގައި ހުއްޓާ ހިންމަވައި ނުދެއްވެވުމަކީ އެންމެ ފައިދާހުރި ގޮތްކަމަށް މިބުނަނީ އެސަބަބަށްޓަކައެވެ. 

ދުނިޔޭގައި ހިތްދަތިކަމާއި މުޞީބާތްތައް ކުރިމަތިކުރައްވަވަނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށެވެ. އެއީ އެކަމުގެ ސަބަބުން އެމީހަކު ﷲ ތަޢާލާ އާއި ކުއްތަންވުމަށް އިތުރަށް މަސައްކަތްކުރަން ދެއްވަވާ ފުރުޞަތެކެވެ. ވީމާ އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް މިބުނި މަގުން ވިސްނައި ޢަމަލުތައް އިޞްލާޙްކޮށް ﷲ ތަޢާލާ އާއި އިތުރަށް ކުއްތަންވުމަށް ކުރާ މަސައްކަތް އިތުރުކުރާށެވެ. 

މިރޭވެސް ތަކުރާރުކޮށްލާނަމެވެ. ރޭގަނޑު ނިދުމަށްފަހު ދަމުނަމާދުކުރާނެ ވަޤުތު އޮއްވައި ހޭލެވިއްޖެނަމަ އެއީ ދަމުނަމާދުކުރުމަށް ﷲ ތަޢާލާ ދެއްވަވާ ދަޢުވަތެކެވެ. އެދަޢުވަތު ބަލައިނުގަނެ ދޫކޮށްނުލާށެވެ. ހިތްވަރުކޮށްފައިވެސް ތެދުވެ ދަމުނަމާދުކުރާށެވެ!  

ދަމުނަމާދުކުރަން ﷲ ތަޢާލާ ދަޢުވަތު ދެއްވަވާނީ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށެވެ. އެދަރަޖަ ޙާޞިލްކުރެވޭނީ ތިމާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އުފެދި، އިތުރުވެ ކިޔަމަންތެރިކަން އަދާކުރާނަމައެވެ.

\

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން