ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ހަތަރު ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ހަތަރު ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި

ޒުވާން ޚަޠީބުން ތަމްރީން ކުރުމަށް އިސްލާމީކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ހަތަރު ވަނަ ބުރު ފުރިހަމަކޮށް 85 ޒުވާން ޚަޠީބުން ސަނަދު ޙާސިލްކޮށްފިއެވެ.

މި ތަމްރީން ޕްރޮގުރާމު ފުރިހަމަކޮށް ސަނަދު ޚާސިލްކުރި ޚަޠީބުންނަށް ސަނަދު ދިނުމަށް މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މިއާއެކު ޒުވާން ޚަަޠީބުން ތަމްރީން ޕްރޮގުރާމު ފުރިހަމަކުރި ޚަޠީބުންގެ އަދަދު ވަނީ 621 އަށް އަރާފައެވެ. އެގޮތުން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފުރަތަމަ ބުރުގައި 65 ޚަޠީބުން އަދި ދެވަނަ ބުރުގައި 169 ޚަޠީބުން އަދި ތިން ވަނަ ބުރުގައި 269 ޚަޠީބުން ސަނަދު ޙާސިލްކޮށްފައިވާއިރު، ހަތަރު ވަނަ ބުރުގައި 85 ޚަޠީބުން އަދި ނ. މަނަދޫގައި ބޭއްވުނު ތަމްރީނު ޕްރޮގުރާމުގައި 7 ޚަޠީބުން އަދި އދ. މާމިގިލީގައި ބޭއްވުނު ތަމްރީން ޕްރޮގުރާމުން 26 ޚަޠީބުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުންކަން ފާހަގަކޮށްލެވެއެވެ.

ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމަކީ ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަޝްވަރާގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ އެއް ޕްރޮގުރާމެވެ. އަދި މިއީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން