މާލޭގެ ބޭރުމަގު ޒަމާނީ ފެންވަރަށް ތަރައްޤީވުމުން ހުރިހާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
މާލޭގެ ބޭރުމަގު ޒަމާނީ ފެންވަރަށް ތަރައްޤީވުމުން ހުރިހާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ: ރައީސް

ތޮއްޖެހިފައިވާ މާލޭގެ ވަށައިގެންވާ ބޮޑު މަގަކީ، ދެކޮޅަށް ދުއްވޭ، ޒަމާނީ މަގުތަކަކަށް ވެގެންދިއުމަކީ ހުރިހާ ފަރާތްތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ބޭރުމަގު ތަރައްޤީކޮށް ނިމުމުން އެންމެ ބޮޑު ލުޔެއް ލިބޭނީ މާލޭގެ އެތެރޭގެ މަގުތަކުގައި ދުއްވާ ފަރާތްތަކަށްކަމަށެވެ. ތޮއްޖެހިފައިވާ މާލޭގެ ވަށައިގެންވާ ބޮޑު މަގަކީ، ދެކޮޅަށް ދުއްވޭ، ޒަމާނީ މަގުތަކަކަށް ވެގެންދިއުމަކީ މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލޭ އުތުރުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރަނީ، މަގުން ބޭރަށް ހިއްކައިގެން، ދެކޮޅަށް ދުއްވޭގޮތަށް، ތާރު އަޅައި ޒަމާނީ ފެންވަރަށެވެ. މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ސެގްމެންޓު 2، 3، 4 އަދި 5ގެ މަސައްކަތްތަކެވެ. އެއީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ.

މި މަސައްކަތުގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، "އަޅުގަނޑު ޤަބޫލުކުރަނީ މިހާރު ހަދަމުން މިދާ ބައި ނިމިގެންދިޔައީމަ، ލިންކު ރޯޑުގެ ވަރަށް ބޮޑުބައި ނިމުނީކަމަށް. މިބައި ނިމުނީމަ ދެން އޮތްބައި ފަށާނީ،" ކަމަށެވެ. އެ ސަރަޙައްދުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު، ދެން ބާކީ އޮތް ސަރަޙައްދުގެ މަގު ހެދުމުގެ މަސައްކަތް ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭގެ މަގުތަކުގެ މައްސަލައަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ އުނދަގޫވާ އެއް މައްސަލަކަމަށެވެ. އެގޮތުން މާލޭގެ މަގުތަކުގައި މައިގަނޑު ތިން މައްސަލައެއް ދިމާވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެއީ މަގުތަކުގެ ފެންވަރު ދަށްވުމާއި، ޕާކިންގެ މައްސަލައާއި، އަދި ފެންބޮޑުވުމުގެ މައްސަލަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން