އާއްމުކޮށް ހުޅުވާލައިގެން އެމްއާރު ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 47ސ
އާއްމުކޮށް ހުޅުވާލައިގެން އެމްއާރު ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ފަށައިފި

ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، އާއްމުކޮށް ހުޅުވާލައިގެން އެމްއާރު ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ފަށައިފިއެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ތަފާތު ފޭސްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޞިއްޙީ ޚިދުމަތްތެރިންނާއި، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ޑޯޒް ފުރިހަމަނުކުރާ ކުދިންނަށެވެ. މި އުމުރުފުރާއަށް ވެކްސިން ދިނުން ކުރިއަށްދާނީ ޖޫން 28 އިން 30 ގެ ނިޔަލަށެވެ.

ވެކްސިން ދިނުމުގެ ދެވަނަ މަރުހަލާ ޖޫން 30 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މި މަރުހަލާ އަމާޒުކޮށްފައިވަނީ އުމުރުން 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް އެޗްޕީއޭއިން ވަނީ ރާވާފައެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ 220 މީހަކަށް މިހާތަނަށް ވަނީ ވެކްސިން ދީފައެވެ. އަދި ފްރަންޓްލައިންގައި މަސައްކަތްކުރާ 1537 ޞިއްޙީ ޚިދުމަތްތެރިންނަށްވެސް މިހާރު ވަނީ ވެކްސިން ދީ ނިންމާފައެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު، އަތޮޅުތަކާއި ރަށްރަށުގައި ހުންނަ ސިއްޙީ މަރުކަޒުތަކުން ޚިދުމަތް ދޭނެ ގަޑިތައް އެ މަރުކަޒަކުން ވަކިން އިއުލާން ކުރަމުންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއަދު އޮންލައިން