ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މަޝްވަރާއާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ "އެމްއެސްއެމްއީ ފެސްޓް"ގެ މުހިންމު ބައެއް: ވަަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މަޝްވަރާއާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ "އެމްއެސްއެމްއީ ފެސްޓް"ގެ މުހިންމު ބައެއް: ވަަޒީރު

އެމްއެސްއެމްއީ ދުވަހާ ގުޅުވައިގެން ކުދި ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ "އެމްއެސްއެމްއީ ފެސްޓް" ގައި ޒުވާނުންނަށް ވިޔަފާރީގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ މަޝްވަރާއާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ މި މަސައްކަތުގެ މުހިންމު ބައެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މި ހަރަކާތާ ގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، މި ހުރިހާ މަސައްކަތްތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) އެހީތެރިކަން ފޯރުކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްދާ ކަންކަން ކަމަށެވެ. ވަކިން ޚާއްސަކޮށް ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ކުދި ވިޔަފާރިތަކަށް ކުރިއަރައި ދިއުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

ވަޒީރު ސައީދު އިތުރަށް ވިދާޅުވީ، "މީގެ ހުރިހާ މަސައްކަތެއް ގޮސް މި ގުޅެނީ ރައީސުލްޖުމްހޫރިއްޔާގެ އެސްއެމްއީ ސަޕޯޓަށް. ކުދި ވިޔަފާރިތަކަށް ކުރިއަރައި ދިއުމަށްޓަކައި ގެންގުޅުއްވާ ސިޔާސަތުތަކަށް. އެގޮތުން ވަކިން ޚާއްސަކޮށް ޑިޖިޓަލައިޒޭޝަންގެ ސްޕޭސްގައި ހިމެނޭ ކަންތައްތަކަށް. ޚާއްސަކޮށް މޯލްޑިވްސް 2.0. އެނގިވަޑައިގަންނަވާނެ ދާދިފަހުން ޕޭޕަލްގެ ޚިދުމަތްވެސް ރާއްޖެއަށް މިވަނީ ފަހިވެފައި. އެއީ ހަމަ މި ޕްރޮޖެކްޓްގެ ތެރެއިން ކުރިއަށްދާ ކަންތައްތައް. އިތުރު ޕްލެޓްފޯމްތައް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާނެ،" ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ޕޭޕަލް ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތައް މެދުވެރިކޮށް ދިވެހި ވިޔަފާރިތަކަށް އައު ފުރުސަތުތައް ފަހިކޮށްދިނުމެވެ. މީގެ ސަބަބުން ދިވެހި އުފެއްދުންތައް ބައިނަލްއަގުވާމީ މާކެޓްތަކުގައި ވިއްކައި، އާމްދަނީ ހޯދޭނެ މަގުތައް ފަހިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.

މިފަދަ ފެސްޓިވަލްތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ލިބި، ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

މިއަދު އޮންލައިން