އިންޑިއާއަށް ދަތުރުކުރާ އެންމެން ޕޯޓަލް މެދުވެރިކޮށް ހެލްތު ސެލްފް-ޑިކްލަރޭޝަން ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
އިންޑިއާއަށް ދަތުރުކުރާ އެންމެން ޕޯޓަލް މެދުވެރިކޮށް ހެލްތު ސެލްފް-ޑިކްލަރޭޝަން ފޯމު ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފި

އެފްރިކާގެ ބައެއް ގައުމުތަކުގައި އެބޯލާ ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކުން "އެއާ ސުވިދާ 2.0" ޕޯޓަލް މެދުވެރިކޮށް ހެލްތު ސެލްފް-ޑިކްލަރޭޝަން ފޯމު ހުށަހަޅަން ޖެހޭ ގޮތަށް އެ ގައުމުން ނިންމައިފިއެވެ.

މި އައު އުސޫލުގެ ދަށުން، ދަތުރުވެރިން ފްލައިޓަށް އެރުމުގެ 24 ގަޑިއިރު ކުރިން އޮންލައިންކޮށް މި ފޯމު ފުރިހަމަކުރަން ޖެހެއެވެ. މީގެ އިތުރުން، އިންޑިއާއަށް އެތެރެވުމުގެ ކުރިން ފުރަންޖެހޭ އިމިގްރޭޝަން ފޯމުވެސް މިހާރު އޮންލައިންކޮށް ހުށަހަޅަން ޖެހޭނެ ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ. މި އުސޫލަކީ އިންޑިއާގެ ރައްޔިތުން ހިމެނޭހެން، އެ ގައުމަށް ދަތުރުކުރާ ހުރިހާ ގައުމެއްގެ މީހުން އަމަލުކުރަން ޖެހޭނެ އުސޫލެކެވެ.

ހެލްތު ސެލްފް-ޑިކްލަރޭޝަން ފޯމުގައި މައިގަނޑު ގޮތެއްގައި ހިމަނަންޖެހެނީ ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ގައުމުތަކުގެ މައުލޫމާތާއި، ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯއާއި، އަދި ބަލި ފެތުރިފައިވާ ވަކި ހާއްސަ ސަރަހައްދަކަށް ގޮސްފައިވޭތޯއެވެ. މި މައުލޫމާތަކީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި މައުލޫމާތުތަކެކެވެ.

މި ޑިޖިޓަލް ނިޒާމުގެ ސަބަބުން ދަތުރުވެރިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ އެއާޕޯޓަށް ގޮސް ކަރުދާސް ފޯމު ފުރަން ނުޖެހުމެވެ. މީގެ ސަބަބުން އިމިގްރޭޝަން މަރުހަލާގެ ކަންކަން ކުރިއަށްވުރެ އަވަސްވެ، އެއާޕޯޓުގައި ހޭދަވާ ވަގުތު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

އިންޑިއާ ސަރުކާރުން ހާމަކުރި ގޮތުގައި، މިފަދަ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މައިގަނޑު މަގްސަދަކީ ކަމާބެހޭ ސިއްހީ އިދާރާތަކަށް ދަތުރުވެރިންގެ މައުލޫމާތު ވަގުތުން ލިބި، ބަލިމަޑުކަމަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް މަގުފަހިކުރުމެވެ.

މިއަދު އޮންލައިން