މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެން ފުލުހުންގެ މަސައްކަތް އިތުރު ގިޔަރަކަށް ބަދަލުކޮށް، ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް ކުރިއަށް މިއޮތް އަހަރު ވެގެންދާނެކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މިރޭ ބޭއްވި ފުލުހުންގެ 93 ވަނަ އަހަރީދުވަހުގެ ރަސްމީ ޖަލްސާގާއި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިތުރަށް ވިދާޅުވީ، ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައި ވެސް ކުރިއަށް މިއޮތް އަހަރު ވެގެންދާނެ ކަމަށެވެ.
ހަމައެހެންމެ، ކުރިއަށް އޮތް އަހަރުވެގެން ދާނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި މައުލޫމާތު ނުދީ ފިލައިގެން އުޅޭ ދެހާހެއްހައި ބިދޭސީން ހޯދައި ރާއްޖެއިން ޑީޕޯޓުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާނެ އަހަރެއް ކަމަށާއި އަމާން ބެލެހެއްޓުމަށް ޓެކްނޮލޮޖީއާއެކު ފުލުހުންގެ އޮފިސަރުން ވެސް މިހާރަށް ވުރެ ގިނައިން މަގުމަތިން ފެނިގެންދާނެ، ފުލުހުންގެ ހިދުމަތުގެ އިތުރު ރަން އަހަރަކަށް މިއަންނަ އަހަރު ވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަޖެންސީ ރެސްޕޯންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރުމަށް ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ އިކުއިޕްމަންޓާއި އެހީއަށް އެދި ގުޅާފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭގޮތާއި އެ ހިސާބެއްގައި ހަރުކުރެވިފައިވާ ފުލުހުންގެ ކެމެރާ ފީޑްތައް ވަގުތުން ފެންނަގޮތަށް ިސްޓަމް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށާ އަދި ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑަރ ހިދުމަތް ވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފްކުރެވިގެން ދާނެކަމަށް ވެސް ވިދާޅުވިއެވެ.
ވަޒީރު ޢަލީ އިޙްސާންގެ ވާހަކަފުޅުގައި، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރައްވާ އިތުބާރާ ގުޅިގެން ވިދާޅުވީ، މި މުއައްސަސާގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ދިވެހި ރައްޔިތުން މުއައްސަސާއަށް ކުރައްވާ އިތުބާރު ކަމަށެވެ.
"މި އިތުބާރު ދެމިއޮންނާނީ ފުލުހުންގެ އިންޓެގްރިޓީއާއި ހަމަހަމަކަމާއި ޒިންމާދާރުކަމާއި ޕްރޮފެޝަނަލިޒަމް އަދި ރައްޔިތުންނަށް ދެއްވާ އިހުތިރާމުން. ރައްޔިތަކާ ކުރެވޭ ޕޮޒިޓިވް ކޮންމެ މުއާމަލާތަކުން އެ އިތުބާރު އިތުރުވޭ. އިންސާނިއްޔަތުކަމާއެކު ދިއްކޮށްލާ ކޮންމެ އަތަކުން އެ އިތުބާރު އިތުރުވޭ. އަދި އިންސާފުވެރި ކޮންމެ ނިންމުމަކުން އަދި ޕްރޮފެޝަނަލް ކޮންމެ ރެސްޕޯންސަކުން އެ އިތުބާރު ވަރުގަދަވޭ" ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވައިލައްވަމުން ކޮންމެ ފުލުހަކު ވެސް، ވަޒީރު ފާހަގަކުުރެއްވި ކަންކަމަށް ސަމާލުކަންދެއްވައިގެން ފުލުހުންގެ މަސައްކަތްތައް ބައްޓަން ކޮށްދެއްވުމަށް ހުރިހާ ފުލުހުންނަށް ގޮވައިލެއްވިއެވެ.