ފުލުހުންގެ ހިދުމަތުން ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ: ސީޕީ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ފުލުހުންގެ ހިދުމަތުން ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ: ސީޕީ

ފުލުހުންގެ ހިދުމަތުގައި 25 އަހަރު ވުމަށްފަހު ރިޓަޔާކުރާ ފަރާތްތަކަށް، ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއް އުސޫލަކުން ބޭސްފަރުވާކުރުމުގެ ކަންކަން ހަމަޖައްސައިދެވޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މި ފަދައިން ވިދާޅުވީ، ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިހާރު ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އިތުރަށް ވިދާޅުވީ، ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރާ ފުލުހުންނަށް ދެވޭ އިނާޔަތް ހިސާބުކުރުުގައި އޮތް ލިމިޓް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ. އެގޮތުން އެ ފުލުހަކު ހިދުމަތްކޮށްފައިވާ މުއްދަކަށް ބަލައި ލިބޭ އިނާޔަތް ހަމަޖައްސައިދެއްވާނެ ކަމަށެވެ.

“އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާ ޔަގީންކަަމަކީ، ފުލުހުންގެ އެންމެހައި ހާލަތްތައް ރަނގަޅުކުރައްވައި އުފާވެރި ފުލުހުންގެ މުއައްސަސާއަކަށް ފުލުހުންގެ ހިދުމަތް ބަދަލުކުރެއްވުމުގައި  މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްނަންގަވައިގެން، ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އަދި އެ ކަމުގައި އަޅުގަނޑުމެންގެ އިއްޒަތްތެރި ވަޒީރު މަސައްކަތްޕުޅު ކުރައްވާއިރު، ތިޔަ ބޭފުޅުންގެ އިހުސާސްތަކާއި ކަންބޮޑުުވުންތައް ސަރުކާރާ ހިއްސާކުރުމުގައި އަޅުގަނޑު ދީލަތިވާނެކަން.” ކޮމިޝަނާ ވިދާޅުވިއެވެ.

ހަމަ މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އިތުރަށް ވިދާޅުވީ، ގެދޮރުގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ތައުލީމާއި ފަންނީ ކުރިއެރުންތަކުގެ ދާއިރާއާއި، މުއައްސަސާއަށް ބޭނުންވާ ޓެކްނޮލޯޖީއާއި، ވަސީލަތްތަކާއި އުމްރާނީ ކުރިއެރުންތަކާއި، އެހެނިހެން ދާއިރާތަކުން ވެސް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ދިވެހި ފުލުހުންނަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދެއްވަން މަސައްކަތްޕުޅު ކުރައްވާއިރު، ފުލުހުންގެ ހައްގުގައި އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވާނެކަމުގައެވެ.

އޭގެ އިތުރުން، މިއަދު ފުލުހުން މި ދެކޭ ޒަމާނީ ދިވެހި ފުލުހުންގެ މުއައްސަަސާ 2004ވަނަ އަހަރު ވުޖޫދުމާއި މި މުއައްސަސާ މިގޮތުގައި ބިނާވުމުގައި އާދަޔާ ހިލާފު ނަމޫނާއެއް ދައްކަވައި މި ކާމިޔާބު މަސައްކަތް ހަގީގަތަކަށް ހައްދަވައިދެއްވި ދިވެހި ފުލުހުންގެ ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް، ބްރިގޭޑިއާ ރިޓަޔާޑް އާދަމް ޒާހިރުއާއި، ކޮމިޝަނާގެ މަގާމު އަދާކުރެއްވި ހުރިހާ ބޭކަލުންނަށް ޝުކުރު ދެންނެވިއެވެ. 

ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ ވާހަކަފުޅު ނިންމަވައިލެއްވީ ފުލުހުންގެ ހިދުމަތުގައި އުޅެނިކޮށް މި ދުނިޔެއާ ވަކިވެގޮސްފައިވާ ހިދުމަތްތެރިންގެ އަގުހުރި ޒިކުރާއާކުރައްވައި މާތްﷲ އެ ފަރާތްތަކުގެ ފުރާނަތަކަށް ސުވަރުގޭގެ މަތިވެރި ހެޔޮ ޖަޒާ ދެއްވުންއެދި ދުޢާކުރައްވަމުންނެވެ.

މިއަދު އޮންލައިން