ޓެކްސްނެގުން ހުއްދަތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ
ޓެކްސްނެގުން ހުއްދަތަ؟

ރައްޔިތުންގެ އަތުން ޓެކްސް ނެގުމާއިބެހޭގޮތުން ބައެއް މީހުންގެ ހިތުގައި ސުވާލުތައް އުފެދެއެވެ. އެއީ ލިބޭ މަޢުލޫމާތުގެ ސަބަބުންނެވެ. ބައެއް ކިޔުންތެރިން ތަފާތު ސުވާލުތައް ކުރައްވާތީ މިގެނެސްދެނީ ގިނަ މަޢުލޫމާތުތަކެއް ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ   

ރަޢްޔިތުންގެ ފައިސާ އިން ޓެކްސް ނެގުން ހުއްދަ ކުރައްވާ ބޭފުޅުންގެ ޝަރްޠުތައް:  

ޓެކްސް ނެގުން ހުއްދަވެގެންވަނީ އަންނަނިވި ޝަރްޠުތަކާއި އެކުގައެވެ. 

1- ދައުލަތް ހިންގުމަށް ޓަކައި ފައިސާ އަށް ބޭނުން ޖެހިފައިވުން، އަދި ޓެކްސް ނަގައިގެން ނޫންގޮތަކަށް ޚަރަދުތައް ފޫބެއްދޭނެ އެހެން އެއްވެސް ގޮތެއް ނެތުން އައްޡާހިރު ބޭބްރުސް އަށް ނަޞޭޙަތް ދެއްވާ އިމާމް ނަވަވީ ފޮނުއްވި ސިޓީ ފުޅުގައި ލިޔުއްވަފައި ވެއެވެ. ބައިތުލްމާލުގައި ފައިސާ ހުރެމެ، ޢާއްމު ރައްޔިތުންގެ އަތުން އެއްވެސް މިންވަރެއް ނެގުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.

(ތުޙްފަތުއް ޠާލިބީން ފީ ތަރްޖަމަތިލް އިމާމިއް ނަވަވީ، އިބްނުލް ޢައްޠާރު، ޞަފްޙާ 50، 54، އަލްއިމާމުއް ނަވަވީ، ޢަބްދުލްޣަނީ އައްދަގްރު، ޞަފްޙާ 144-163)

2- ޓެކްސް ނެގުމަކީ އިސްތިޘްނާ ޙާލަތުގައި ކުރަންޖެހޭ ކަމެކެވެ. މާނައަކި ޓެކްސް ނެގެން ޖެހޭނީ އެކަމަށް ގައުމު ބޭނުން ޖެހިއްޖެ ހިނދެއްގައި އެކަންޏެވެ. އެޙާޖަތް ފިލައި ދިޔުމާއި އެކުގައި ޓެކްސް ނެގުން ހުއްޓާލަން ޖެހޭނެއެވެ. 

3- ޓެކްސް ގެ ގޮތުގައި ނަގާފައިސާ ޢަދުލުވެރި ކަމާއި އެކުގައި ބެހިގެން ދާން ޖެހޭނެއެވެ.

4- ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ އިން ކުރަން ވާނީ ޙަލާލު ރަގަޅު މަސައްކަތް ތަކެވެ. ވަކި ބަޔެއްގެ މަސްލަޙަތު ޙިމާޔަތް ކުރުމަށް ޓަކައި، އެފައިސާ އިން ޚަރަދު ކުރެވިގެން ނުވާނެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނުގެ ތިމާގެ ބޭފުޅަކު ފައިސާ އަށް އެދި ވަޑައިގަތުމުން އެކަމާއި ކޯފާ އިސްކުރައްވާ އެމީހާ ގެއިން ނެރެލެއްވިއެވެ. ދެން އެކަމާއި މެދު ޢުމަރު ރަޟިޔަﷲ ޢަންހު އާއި ސުވާލު ކުރެވުމުން ވިދާޅުވިއެވެ. އޭނާ ތިމަންނާގެ ކިބައިން އެދުނީ މުސްލިމް މުޖްތަމަޢުގެ ފައިސާ އިން ދިނުމަށެވެ. ޚާއިނެއްގެ ގޮތުގައި ﷲ އާއި ބައްދަލުކޮށްފިނަމަ ތިމަންކަލޭގެފާނުގެ ޙާލަތުވާ ހުށީ ކޮންގޮތަކަށްތޯއެވެ؟ އޭގެ ފަހުން އެކަލޭގެފާނުގެ އަމިއްލަފުޅު މުދަލުން އެމީހާ އަށް ދެއްވިއެވެ.

(ތާރީޚުއް ޠަބަރީ 5/19، ފިގްހިއްޒަކާތި ލިލްގަރްޟާވީ، 2/1085، އައްޠަބަގާތުލް ކުބްރާ، ލިބްނި ސަޢްދި، 1/219، އަޚްބާރު ޢުމަރު، ޠަންޠާވީ، ޞަފްޙާ 299). 

5- ޓެކްސް ނެގެން ޖެހޭނީ މުވާޠިނުންގެ އަސާސީ ޚިދުމަތްތައް ފުއްދުމަށްފަހުގައި ބާކީ އޮންނަ އެއްޗަކުންނެވެ. އަސާސީ ބޭނުންތައް ފުއްދުމަށް ފަހުގައި ބާކީ އެއްޗެއް ނެތްނަމަ ޓެކްސް ނެގިގެން ނުވާނެއެވެ. (އަލްއަމްވާލް ފީ ދައުލަތިލް ޚިލާފާ، ޢަބްދުއްނަދީމް ޒައްލޫމް، ޞަފްޙާ 142، ސިޔާސަތުލް އިންފާގިލް ޢާއްމި، ޢައުފުލް ކުފްރާވީ، ޞަފްޙާ 447)

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

މިޝަރުޠޫތަކަށް ބެލުމުން އެނގިގެންދަނީ ރައްޔިތ7ުންގެ އަތުން ޓެކްސްގެ ގޮތުގައި ނަގާ ފައިށާއިން ކުޅިވަރުކުޅުމާއި މަޖާކުރުމާއި މުނިފޫހިފިލުވުން ފަދަ ކަންކަމަށް ޚަރަދުކުރުން ހުއްދަ ނޫންކަމެވެ. މިއީ ދެބަސްވެވެން އޮތް ކަމެއް ނޫނެވެ.  

ރާއްޖޭގައި ނަގާ ޖީއެސްޓީއަކީ އެންމެ ފަޤީރު މީހާވެސް ދައްކަންޖެހޭ އެއްޗަކަށްވާއިރު އެފައިސާ ބޭނުންކުރަންޖެހޭނީ ދީނުގައި ހުއްދަ ކުރައްވާފައިވާ މަގުންނެވެ.

 

މިއަދު އޮންލައިން