ކޮންމެ ދެމަފިރިއަކަށް ބެލިނަމަވެސް ބައިވެރިޔާގެ ކިބައިން އަނެކާ އެދޭ ކަންތައްތަކާއި ކޮށްދެވޭނެ ކަންތައްތައްވެސް ތަފާތުވާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. މުހިންމު ކަމަކީ އެމީހަކަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ. އެއްވެސް މިންވަރަކަށް މަކަރު ނުހެދުމާއި އޮޅުވައިނުލުމެވެ.
އަނބިދަރިންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މަސްއޫލިއްޔަތެއް ނަމަވެސް އަނބިމީހާގެ ތަނަވަސްކަން ބޮޑުނަމަ ފިރިމީހާއަށް އެހީތެރިވެދާށެވެ. އަދި ފިރިމީހާއަށް ގިނައިން ލިބުނަސް، މަދުން ލިބުނަސް އަނބިމީހާއަށް އޮޅުވައިނުލާށެވެ. ތެދުވެރިވާށެވެ.
މިގޮތަށް ކަންތައްކުރާނަމަ ކައިވެނީގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އެއިރުން ދެއްވަވާ ނިޢުމަތްތައް އިތުރުކޮށްދެއްވަވާނެތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވައި ދިރިއުޅުން އުފާވެރިކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ
ދެރަކަމަކީ މިކަންކަމަށް ވިސްނައިނުލައި ތެދުވެރިނުވެވޭކަމެވެ. ﷲ ތަޢާލާ ދެއްވަވާ ރިޒުޤަށް މަކަރުހަދައި ކަންކަން ބައިވެރިޔާއަށް އޮޅުވައިލެވޭ ކަމެވެ. އަހުރެންގެ އަމިއްލަ ތަޖުރިބާއަށާއި ކްލައިންޓުން ކިޔައިދޭ ވާހަކަތަކަށް ބަލައި ބުނަމެވެ. ދެމަފިރިން އެއްވެސް ކަމެއްގައި މަކަރު ނުހަދައި ރަނގަޅު ގޮތުގައި އުޅޭނަމަ ކުރިއެރުމާއި އުފާވެރިކަން ނުލިބޭ އެއްވެސް ދެމަފިރިއަކާއި ބައްދަލުވެފައެއް ނެތެވެ. ތިބިނަމަ އަހުރެންނަށް އަންގައިލަދިނުން އެދެމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން