ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރެއް ހޯދުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިޢުލާނުކޮށްފިއެވެ. މި މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
ޖޭއެސްސީން ވިދާޅުވީ މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކޮމިޝަންގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 60 އަހަރުން ދަށުގެ މީހަކަށް ވާންޖެހޭއިރު، އިދާރީ ހިންގުމުން ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމާއެކު އެ ދާއިރާތަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ސިޔާސީ ގޮތުން މިނިވަން ބަޔަކަށް ވާންޖެހެއެވެ. އެގޮތުން ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.
މީގެ އިތުރުން، އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެއެވެ. އަދި ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ ބަދުއަޚްލާޤީ ޢަމަލެއް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ސާބިތުވެ، އެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ 8 އަހަރު ނުވާ މީހަކަށް ވެސް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި 30,000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އެގްޒެކްޓިވް އެލަވެންސްގެ ގޮތުގައި 27,235 ރުފިޔާއާއި، ފޯނު އެލަވެންސްގެ ގޮތުގައި 2,000 ރުފިޔާ ލިބޭނެ ކަމަށް ޖޭއެސްސީން މަޢުލޫމާތުދެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އެންމެ އިސްވެރިޔާގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ، އެ މަޤާމުގައި ކުރިން ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ މިދިޔަ އޭޕްރީލް މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.